ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ހުޅުވާލާ މައްސަލަތަކަށް، ޢާންމުންނަށާއި، ދައުލަތުގެ އިދާރާތަކަށް އަދި މަދަނީ ޖަމްޢިއްޔާތަކަށް ފަސޭހައިން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން އިލެކްޓްރޯނިކް ނިޒާމެއް ތަޢާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން، ދައުލަތުގެ މުއައްސަސާތަކަށާއި، އަމިއްލަ ފަރުދުންނަށާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް (ބިލު، ޤަރާރު، މައްސަލަ، ރުހުންދިނުމުގެ މައްސަލަތައް) ޚިޔާލު/އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު އެ އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ލިބިދެވޭގޮތަށް ބައްޓަންކުރުމުގެ މަސައްކަތްކުރަމުންދާތީ، އެ އިލެކްޓްރޯނިކް ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެ ނިޒާމު މިހާތަނަށް ރޭވިފައިވާ ގޮތާއި، އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް، ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް، 05 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 15:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ބައްދަލުވުމުގައި ޢާންމު ރައްޔިތުންނާއި މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.
ވީމާ، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 04 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މި ލިންކް (https://forms.majlis.gov.mv/public-cso) މެދުވެރިކޮށް، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު 3032655 އަށް ގުޅުއްވައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
