މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ކަނދޮޅު އެވޯޑު އަދި އެދުރު ޢަބްދުލްއަޒީޒް އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުން:

         ރ.ކަނދޮޅުދޫ އަށާއި ރ.ދުވާފަރަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކާއި ރަށަށް ރީތިނަން ހޯއްދަވައިދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން "ކަނދޮޅު އެވޯޑް" ގެ ނަމުގައި މި ކައުންސިލުން އަންނަނީ އެވޯޑެއް ދެމުންނެވެ. މި އެވޯޑަށް ކުރިމަތިލެވޭނީ ރ.ކަނދޮޅުދޫ ނުވަތަ ރ.ދުވާފަރަށް ނިސްބަތްވާ ފަރާތްތަކަށެވެ. މި އެވޯޑަށް އަމިއްލައަށް ނުވަތަ އެހެން މީހެއްގެ ނަމުގައިވެސް ހުށަހެޅިދާނެއެވެ. ނިޔައުވެފައިވާ މީހެއްގެ ނަމުގައި ހުށަހަޅުއްވަން ބޭނުންވެލައްވާނަމަ، ނިޔައުވެފައިވާ މީހާގެ ނަމުގައިވެސް ހުށަހެޅިދާނެއެވެ .

މިދިޔަ އަހަރެކޭ އެއްގޮތަށް ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން ގަދަ ދިހައަކަށް 2025 ވަނަ އަހަރު ހޮވިފައިވާ ރ.ކަނދޮޅުދޫ ނުވަތަ ރ.ދުވާފަރަށް ނިސްބަތްވާ ދަރިވަރުންނަށް "އެދުރު ޢަބްދުލްއަޒީޒް އެވޯޑް" ގެ ނަމުގައި މިއަހަރުވެސް އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރ.އަތޮޅު މަދަރުސާގެ ދަރިވަރުން ފިޔަވައި އެހެން ސްކޫލްތަކުން ކިޔަވާ ދަރިވަރުން ޖެހޭނީ މި އެވޯޑަށް ކުރިމަތިލައްވާށެވެ. ރ.އަތޮޅު މަދަރުސާ ނޫން އެހެން ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ރ.ކަނދޮޅުދޫ ނުވަތަ ދުވާފަރަށް ނިޞްބަތްވާ ދަރިވަރަކު 2025 ވަނަ އަހަރު ގަދަ 10 ގައި ހިމެނިފައިވާނަމަ މިއިދާރާއަށް އެކަން ޙިއްސާކޮށްލަދެއްވުމަކީ މިކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

މި ދެ އެވޯޑަށް ކުރިމަތިލައްވާ ފަރާތްތަކުން ފޯމްއާއި އެކު އަންނަނިވި ޑޮކިއުމަންޓްތައް ހުށަހަޅުއްވަން ވާނެއެވެ.

  • ދ.ރ އަންގައިދޭ ކާޑް ގެ ކޮޕީ
  • ކޮށްދެއްވާފައިވާ ނުވަތަ ކޮށްދެއްވަމުންދާ ޚިދުމަތުގެ ތަފްސީލް
  • ކިޔެވި ސްކޫލް އަދި ހޯއްދަވާފައިވާ ކާމިޔާބީ ތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.
  • ޕްރޮފައިލް
  • ފޮޓޯ ލިބެން ހުރި ވަރަކުން ކާމިޔާބީ ތަކާ ގުޅުންހުރި ފޮޓޯ.

ކުރިމަތިލެވޭ ދާއިރާތައް:

  1. ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާ
  2. ޞިއްޙަތާއި ކުޅިވަރުގެ ދާއިރާ.
  3. ޢުމްރާނީ ތަރައްޤީ އާއި އުފެއްދުންތެރިކަމުގެ ދާއިރާ.
  4. މަސައްކަތްތެރިކަމާއި ފަންނީ ހުނަރުގެ ދާއިރާ.
  5. ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ.
  6. ދިވެހި ތާރީޚާއި ޘަޤާފަތުގެ ދާއިރާ.
  7. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ.
  8. މީހުން ބިނާކުރުމާއި، ހިންގުމުގެ ދާއިރާ.
  9. އައު ހޯދުންތަކާއި އީޖާދުގެ ދާއިރާ.
  10. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ.
  11.  ތަޢުލީމުގެ ދާއިރާ (މިހާރު ޚިދުމަތް ކުރަމުންދާ އަދި ޚިދުމަތް ކޮށްފައިވާ)
  12. އެދުރު ޢަބްދުލް އަޒީޒް އެވޯޑް (އޯލެވެލް، އޭލެވެލް އަދި ޓޮޕް 10 ގައި ހިމެނިފައިވާ ދަރިވަރުންނަށް) 

   (ހ) ރ. އަތޮޅު މަދަރުސާގެ ދަރިވަރެއް ކަމުގައި ވުން.

   (ށ) ރަށުން ބޭރުގައި ތަޢުލީމް ޙާސިލް ކުރަމުން ދިޔަ ނަމަވެސް ކަނދޮޅުދޫ ނުވަތަ ދުވާފަރުގައި ރަޖިސްޓްރީ އޮތް  ފަރާތަކަށް ވުން.

މި އެވޯޑަށްއެދި މި އިދާއިރާއަށް ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 10 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 އެވެ. ފޯމް ހުށަހެޅުން މި އިދާރާގެ އީ މެއިލް [email protected]  މެދުވެރިކޮށް ނުވަތަ ކައުންޓަރަށްވެސް ފޯމް ހުށަހެޅިދާނެއެވެ. ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

27 އޮކްޓޫބަރު 2026
ހޯދާ