މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތަކުގައި ރުއްގަސް އިންދުމާގުޅޭ

ޤާނޫނު ނަންބަރ: 1998/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ (ރުއްގަސް އިންދުން) ގައި މީހުން އުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ ޙަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ، ކައުންސިލް އިދާރާއިން ހުއްދަ ހޯދައިގެންކަން ބަޔާންކޮށްފައިވާކަމާއި،

                  ޤާނޫނު ނަންބަރ: 1998/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު)  ގެ 3 ވަނަ ނަންބަރުގެ (ށ) ގައި މި ޤާނޫނަށް ޢަމަލުކުރަންފަށާއިރު، މީހުންއުޅޭ ރަށްރަށުގައި އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ހުންނަ ރުއްގަހާ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ސަރުކާރުން ކަނޑައަޅާ ހަމަޖައްސާ ތަންތާނގައި، އެ ރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި އިންދައި ހައްދާ ރުއްގަހާއި، އެ ރަށެއްގައި ހުންނަ  މީސްމީހުންގެ އަމިއްލަ ރުއްގަސް ފިޔަވައި އެރަށެއްގައި ހެދޭ އެންމެހައި ރުއްގަހަކީ، އެ ރަށެއްގެ ރައްޔިތުންގެ ރުއްގަސް ކަމާއި،

                  ޤާނޫނު ނަންބަރ: 1998/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން އަމިއްލަ މީހުންގެ ރުއްގަސް ރަޖިސްޓްރީ ކުރަންޖެހޭނެކަމާއި،

                  ޤާނޫނު ނަންބަރ: 1998/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން، އަމިއްލަ ވިޔަސް، ރައްޔިތުންގެ ވިޔަސް ރުއްގަހުގައި ކައުންސިލުން ކަނޑަ އަޅާ ފަރާތެއްގެ ހާޟިރުގައި މެނުވީ ރުއްގަހުގައި ނަންބަރު ޖެހުމަކީ މަނާކަމެއްކަމާއި، އަދި ހަމަ ޤާނޫނު ނަންބަރ: 1998/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގައި އަދަބުތަކެއްވެސް ކަނޑައަޅާފައިވާކަމާއި، އަދި ހަމަ އެއާއެކު

                  ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަށް ހިންގައި، ރަށް ތަރައްޤީ ކުރުމަކީ މި ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ.

                  މިޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި، ރަށުގެ ލޭންޑް ޔޫސް ޕްލޭން އާއި ތަރައްޤީގެ ޕްލޭންތައް ކައުންސިލުން އަބަދުވެސް ދަނީ ރާވާ ހިންގާ ތަންފީޛް ކުރަމުންނެވެ.

                  ވީމާ، ޤާނޫނު ނަންބަރ: 1998/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި، 3 ވަނަ މާއްދާއާއި، 11 ވަނަ މާއްދާތަކާ ޙަވާލާދީ، ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އާއްމު އިޖުތިމާޢީ ސަރަޙައްދުތަކުގައި އާންމު ރައްޔިތުން ރުއްގަސް އިންދުމަކީ މަނާކަމެއް ކަމުގައި އަންގާ އިޢުލާން ކުރަމެވެ. ކޮންމެހެން ރުކެއް ނުވަތަ ގަހެއް އިންދަން ޖެހިއްޖެނަމަވެސް އިންދަންވާނީ، މިކައުންސިލުގެ ޙުއްދައާއެކު ކައުންސިލުން ދައްކާ ސަރަޙައްދެއްގައެވެ. އަދި ދަންނަވަމެވެ. އާއްމު ރައްޔިތުންގެ ރުއްގަސް ގޮތުގައިވާ ރުއްގަސްތަކުގައި އަމިއްލަ އަށް ނަންބަރު ޖަހާ ކަނޑާހެދުމަކީވެސް މަނާކަމެއްކަމުގައި އަންގާ އިޢުލާން ކުރަމެވެ. ރުކެއް ނުވަތަ ގަހެއްގައި ނަންބަރު ފިލައިފިނަމަވެސް އެ ނަންބަރެއް ދެން ޖަހަންވާނީ ކައުންސިލުން ހުއްދަ ލިބިގެން ކައުންސިލުގެ މުވައްޒަފުން ތިބެގެން ކަމުގައިވެސް އިޢުލާން ކުރަމެވެ.

                  ވީމާ، ޤާނޫނު ނަންބަރ: 1998/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) އާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ވާހަކަވެސް އިޢުލާން ކުރަމަވެ.

                މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ޝުކުރުވެރިވަމެވެ.

ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.                   

22 އޮކްޓޫބަރު 2026
ހޯދާ