ދިވެހިރާއްޖެ
އިޢުލާން
ޤައުމީ ކުތުބުޚާނާގެ ފޮތް ޑިސްޕްލޭ މުބާރާތް
ދުނިޔޭގެ ފޮތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ފޮތް ޑިސްޕްލޭ (Book Display) ހެދުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ލައިބްރަރީތަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ. ލައިބްރަރީތަކުގައި ދުނިޔޭގެ ފޮތުގެ ދުވަހާ ގުޅުވައިގެން ޑިސްޕްލޭއެއް ހަދައި އޭގެ ފޮޓޯ ނެގުމަށް ފަހު އެ ލައިބްރަރީއެއްގެ ފުރިހަމަ މަޢުލޫމާތާއެކު ޤައުމީ ކުތުބުޚާނާއަށް ހުށަހެޅުމުން މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މަޤުޞަދު
ޑިސްޕްލޭ މުބާރާތުގެ މަޤުޞަދަކީ ލައިބްރަރީ ޕްރޮމޯޝަންގެ ހުނަރު ކުރިއަރުވައި ތަރައްޤީކޮށް ލައިބްރަރީގެ ދާއިރާއަކީ އާންމުންގެ މެދުގައި މަޤްބޫލު ދާއިރާއަކަށް ހެދުމެވެ. އަދި އޭގެ އިތުރުން ލައިބްރަރީ ދާއިރާގެ ކުރިއެރުމުގައި ދިމާވެފައިވާ ގިނަގުނަ ހުރަސްތައް ގިރާކޮށް މިހާރު ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ލައިބްރަރީ ބޭނުންކުރުމަށް ހިތްވަރުދިނުމެވެ.
މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް
-
މިމުބާރާތުގައި ބައިވެރިވެވޭނީ މިހާރު ޚިދުމަތް ދެމުން ގެންދާ ލައިބްރަރީތަކަށެވެ. މީގެ ތެރޭގައި ސްކޫލް، ކޮލެޖް، ޔުނިވަރސިޓީ، ސްޕެޝަލް އަދި ޕަބްލިކް ލައިބްރަރީތައް ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވުމަށްޓަކައި ތައްޔާރުކުރެވޭ ޑިސްޕްލޭގައި ހުންނަންޖެހޭ ޝަރުޠުތައް
- ޑިސްޕްލޭ ހެދިފައި ހުންނަންވާނީ ކިޔުންތެރިކަން ނުވަތަ ލިޔުންތެރިކަން ނުވަތަ ކޮންމެވެސް ލިޔުންތެރިޔަކާ ބެހޭގޮތުން ނުވަތަ ކޮންމެވެސް ފޮތެއް/ފޮތް ސީރީޒެއް ތީމަކަށް ނަގައިގެން.
- ޑިސްޕްލޭގައިވާ ލިޔުން ލިޔެވިފައި އޮންނަންވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން.
- ޑިސްޕްލޭގައިވާ ލިޔުމުގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވާ ފަދަ ވާހަކައެއް ހިމެނިފައިނުވުން.
- ޑިސްޕްލޭގައިވާ ލިޔުމުގައި އެއްވެސް މީހެއްގެ އަބުރާބެހި ހުތުރު އިބާރާތް ބޭނުންކޮށްފައިނުވުން.
- ލައިބްރަރީ އަދި ފޮތްތަކުގެ ހައިބަތަށް އުނިކަމެއް ލިބޭފަދަ ގޮތަކަށް ޑިސްޕްލޭ ހެދިފައިނުވުން.
މުބާރާތަށް ހުށަހެޅޭ ފޮޓޯތަކުގައި ހުންނަންޖެހޭ ޝަރުޠުތައް
- މުބާރާތުގައި ބައިވެރިކުރެވޭނީ މަދުވެގެން 3 ފޮޓޯއެވެ. އަދި ގިނަވެގެން 5 ފޮޓޯއެވެ. ހުށަހަޅާ ފޮޓޯތަކުގެ ތެރޭގައި ޑިސްޕްލޭގެ ސީދާ ކުރިމަތިން ނަގާފައިވާ 1 ފޮޓޯ ހިމަނަންވާނެއެވެ.
- ވީހާވެސް ސާފުކޮށް (ފޯކަސްކޮށް)، ނެގޭ އެންމެ ފެންވަރު ރަނގަޅު ކޮލިޓީއެއްގައި ފޮޓޯ ނެގުމަށް ސަމާލުކަން ދޭންވާނެއެވެ.
- ފޮޓޯ ފޮނުވާއިރު ޑިސްޕްލޭ އެންމެ ފުރިހަމަކޮށް ދައްކުވައިދޭ ފޮޓޯތައް ފޮނުވުމަށް އިސްކަންދޭންވާނެއެވެ.
- ފޮޓޯ ނެގުމަށްފަހު ފޮޓޯގަނޑަށް އެއްވެސް އުނިއިތުރު ކުރުމަކީ މަނާކަމެކެވެ.
- އީމެއިލް މެދުވެރިކޮށް ނުވަތަ ލައިބްރަރީއަށް ވަޑައިގެންވެސް ފޮޓޯ ހުށަހެޅިދާނެއެވެ. ލައިބްރަރީގެ އީމެއިލަކީ[email protected]އެވެ.
- ފޮޓޯއާއެކު “Book Display Competition” ފޯމު ފުރިހަމަކޮށްފައި ފޮނުވަންވާނެއެވެ.
އިންސާފުކުރުމަށް ބަލާނެ މިންގަނޑުތައް
- ފޮޓޯތަކަށް ޝައުޤުވެރިވާ މިންވަރު (ޑިސްޕްލޭގެ ރީތިކަން).
- ޑިސްޕްލޭ ތައްޔާރުކުރުމުގައި މަޢުޟޫއާ ހުރި ގުޅުމުގެ މައްޗަށް.
- ބަސް ލިޔުމުގެ ގަވާއިދުގެ މައްޗަށް.
- ޑިސްޕްލޭ ހުށަހަޅައިދިނުމުގައި އުފެއްދުންތެރި ޚިޔާލު ބޭނުންކުރެވިފައިވާ މިންވަރު.
މި މުބާރާތުގައި ބައިވެރިވާ ލައިބްރަރީތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ކަނޑައެޅިފައިވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތާއި ބައިވެރިންގެ ފޯމު ޤައުމީ ކުތުބުޚާނާގެ ވެބްސައިޓް http://www.nlm.gov.mv އިން ލިބެން ހުންނާނެއެވެ. މިމުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހުގެ ތާރީޚަކީ 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340981 ފޯނު ނަންބަރަށެވެ.
09 ޖުމާދަލްއޫލާ 1437