ދިވެހިރާއްޖެ
އިޢުލާން
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން:
މި މިނިސްޓްރީގެ ނަންބަރު (IUL)101-EP/1/2016/1 އިޢުލާނާ ގުޅިގެން ކުންމިންގ ފެއަރ 2016 ގައި ބައިވެރިވުމުގެ ގޮތުން ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
ޗައިނާގެ ކުންމިންގގައި ޖޫން 2016 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 04 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ (ކުންމިންގ ފެއަރ 2016) ގެ 'ކަންޓްރީ އޮފް އޮނަރސް' ގެ މަގާމު ވަނީ ދިވެހިރާއްޖެއަށް ލިބިފައެވެ. އެހެންކަމުން މިފަހަރުގެ ފެއަރގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި އުފެއްދުންތައް އަދި ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން މި ފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމާއި އުފެއްދުންތަކަށް މާކެޓު ހޯދައިދިނުމާއި އުފެއްދުންތައް މެކެނައިޒް ކުރެވޭނެ ވަސީލަތްތައް ހޯދުމުގެ އިތުރުން، ޗައިނާގެ ވިޔަފާރިތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ފެއަރގައި ބައިވެރިވުމުގެ މަގު ތަނަވަސްކޮށްދީ އެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. މި ފެއަރއަކީ ޗައިނާގެ ވިޔަފާރިތަކުގެ އިތުރުން ސައުތު އޭޝިއާގެ ގިނަ ގައުމުތަކުގެ ވިޔަފާރިތައް ބައިވެރިވާ ފެއަރއެކެވެ.
ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ތެރެއިން، މި ފެއާރގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ފެބުރުވަރީ 2016 ގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް، އެކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ބައިވެރިކުރައްވަން ބޭނުންވާ އުފެއްދުމުގެ ސާމްޕަލް ހުށަހެޅުއްވުން އެދެމެވެ. އަދި ފެއަރގައި ބައިވެރިވުމަށް ހޮވުނު ފަރާތްތަކުން ބައިވެރިކުރާ ތަކެތި 10 އޭޕްރިލް 2016 ގެ 14:00 ގެ ކުރިން މި މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ނުވަތަ ފަރާތަކާ ހަވާލުކުރަންވާނެއެވެ. މި ފެއަރގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި އުސޫލު، މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mvއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި މި ފެއަރއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7996790 ނުވަތަ 7907800 އަށް ގުޅުއްވުން އެދެމެވެ.
15 ޖުމާދަލްއޫލާ 1437