މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި ރީ-ރަޖިސްޓަރ ކުރުމާއި ގުޅޭ:

އިޢުލާން

 

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި ރީ-ރަޖިސްޓަރ ކުރުމާއި ގުޅޭ: 

 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މި އެހީތަށް ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނު ނަންބަރު 2/2014 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެޖެންސީން ފޯރުކޮށްދެމުންދާ އެހީތަކަށް 2016 ވަނަ އަހަރު ވަނީ ގަވާއިދު އެކުލަވާލެވި އަމަލުކުރަން ފަށާފައެވެ. މިގޮތުން ގަވާއިދު ނަންބަރު 2016/R-22 (އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ދެވޭނީ މީލާދީ 2 (ދޭއް) އަހަރުގެ މުއްދަތަށް މަހުން މަހަށެވެ.

 އެހެންކަމުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، ތިރީގައި މިދަންނަވާ އެހީތަށް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 2026 ނޮވެންބަރު 30 ވަނަ ދުވަހުގެ ކުރިން http://one.gov.mv މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށެވެ.

  • ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ
  • ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ
  • ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ

   މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ހޮޓްލައިން 1402 ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

  ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2026
ހޯދާ