ދިވެހިރާއްޖެ
މިރަށުގެ ކުނިމެނޭޖުކުރުމުގެ ކަންކަން ހަރުދަނާކޮށް، "ވޭސްޓް މެނޭޖްމަންޓް ޕްލޭން" އާއި އެއްގޮތަށް ކުރިއަށްގެންދިއުމަށްޓަކާ މި އިދާރާއިން މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޭބިސީތަކުގައި ކުނި ވަކިކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި، ކުނި އުފުލުމުގެ ޚިދުމަތް މިހިނގާ 2026 ވަނަ އަހަރު ނިމުމުގެކުރިން ފެށުމަށް މި އިދާރާއިން މިދަނީ ތައްޔާރުވަމުންނެވެ.
ކުނި ވަކިކުރުމުގެ ކަންކަން ގޭބިސީތަކާއި ޙަވާލުކުރުމުގެކުރިން މި ކަމަށް ރައްޔިތުން އަހުލުވެރިކުރުމަށްޓަކައި ރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އިރުމަތީ ފަރާތުން ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި، ބާކީވާ ކާތަކެތި (ފުޑް ވޭސްޓް) އެޅުމަށް ހާއްސަ ޑަސްބިނެއް މި އިދާރާއިން ވާނީ ބަހައްޓާފައެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ކުނިވާ ޒާތުގެ ތަކެތި އެހެނިހެން ކުއްޏާއި މަސްހުނިކޮށް އުކާލުމަކީ، އުކާލެވޭ ތަކެތީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކާއި ދަގަނޑާއި އަލުން ބޭނުންކުރެވޭ ޒާތުގެ އެހެނިހެން މައުދަން ވަކިކުރުމުގައި ދަތިތަކާއި ކުރިމަތިވާނޭ ކަމެކެވެ.
ވީމާ، ކުނިއުކާ ފަރާތްތަކުން ބަދިގޭ ކުނީގެތެރޭގައި ހިމެނޭ ކޮތަޅާއި ދަޅުފަދަ ތަކެތި ވަކިކޮށް، މިދެންނެވި ޑަސްބިނަށް "ބާކީވާ ކާތަކެތި" އެޅުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ.
