މޯލްޑިވްސް ޑިޖިޓަލް ސަރވިސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ކޯޕަރޭޓް އެފެއާޒް

އިޢުލާނު

މަޤާމު:

ޑިރެކްޓަރ ޖެނެރަލް، ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ނަންބަރު:

J-465596

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 10 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ޑިޖިޓަލް ސަރވިސް، މާލެ

ސެކްޝަން:

-

މުސާރަ:

18,280.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 10,465.00 ރުފިޔާ

ހާޒިރީ އެލަވަންސް:

ކަނޑައެޅިފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް 285.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒިންމާދާރުއިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ މަތިން ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގެ މަސައްކަތް، ޤާނޫނާއި ޤަވާއިދު އަދި ކަނޑައެޅިފައިވާ ޕްރޮސީޖަރތަކާއި އެއްގޮތަށް ރަވާ، ހިންގާ ބެލެހެއްޓުން.
  2. މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މަސައްކަތްތަކާއި ގުޅޭގޮތުން އުފައްދާފައިވާ ކޮމެޓީތަކުގެ މަޝްވަރާތަކަށް ބޭނުންވާ ލަފާދިނުމާއި އެ ކޮމިޓީތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓައި ހިންގުމާއި ކޮމެޓީތަކުގެ ނިންމުންތައް ތަންފީޒުކުރުން.
  3. މާލީ ހިސާބުތަކާއި ތައްޔާރުކުރަންޖެހޭ އެހެނިހެން ރިޕޯޓްތައް ޤާނޫނާއި ޤަވާއިދާއިއެއްގޮތަށް ތައްޔާރުކޮށްފައިވޭތޯ އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވާފައިވޭތޯ ބަލައި ޔަގީންކުރުން.
  4. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމައި ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބަލައި ޗެކްކުރުން.
  5. ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން.
  6. އިދާރާގެ ދަށުން ހިނގާ ސެކްޝަން/ ޔުނިޓުތަކުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް އެއިރަކު ހުންނަވާ އެންމެ އިސްވެރިއެއްގެ މަޝްވަރާގެ މަތިން ނިންމުން.
  7. ކޯޕަރޭޓް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން/ ޔުނިޓުތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމުގައި ކުރަންޖެހޭ އިންތިޒާމްތައްކޮށް އެކަންކަން ރާވައި ހިންގުން.
  8. ޒިންމާދާރުވެރިޔާގެ ލަފަޔާ އެއްގޮތަށް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްވާ ގޮތުގެ މަތިން އިދާރީ އުސޫލުތައް އެކުލަވާލުމާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން.
  9. ކޯޕަރޭޓް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން / ޔުނިޓްގެ މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެކަންކަމަށް ޒިންމާދާރުވެރިޔާގެ ލަފަޔާއެކު އިންސާފު ގެނައުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމާއެކު ކަނޑައެޅިފައިވާ ތާރީޚްގައި އެޕްރައިޒަލް ފޯމް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.
  10. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށް ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން.
  11. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ބެލުން.
  12. މުވައްޒަފުންގެ މަސައްކަތު ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކި ޓްރެއިނިންގ، ސެމިނަރ، ވޯކްޝޮޕް ފަދަ ތަންތަނަށް މުވައްޒަފުން ފޮނުވުމުގެ ފުރުސަތު ހޯދަދިނުމުގެ މަސައްކަތްތައް ކުރުން.
  13. ކަނޑައެޅިފައިވާ ދުވަހަށް އަހަރީ ރިޕޯޓް އެކުލަވާލަން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުވުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  14. މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން.
  15. ރާއްޖެއާއި ރާއްޖެއިން ބޭރުގައިވާ ބައިނަލްއަޤްވާމީ މުވައްސަސާތަކަށް އެމް.ޑީ.އެސްގެ ފަރާތުން ފޮނުވަންޖެހޭ ސިޓީތަކާއި އެކިއެކި ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި އަދި މި ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  16. މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކާއި، ބެހޭގޮތުން ކުރަންޖެހޭ ކަންތައް ރާވައި އިންތިޒާމްކޮށް ބެލެހެއްޓުން.
  17. މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމާއި އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ރިޕޯޓުތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަގީންކުރުން.
  18. މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މަސައްކަތްތަކާ ގުޅޭގޮތުން ޚަބަރު ތައްޔާރުކޮށް، ގަވާއިދުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދީ، މިނިސްޓްރީގެ ވެބްސައިޓް، ޓްވިޓަރ އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް އަޕްޑޭޓްކޮށް ބަލަހައްޓަމުންދާކަން ޔަގީންކުރުން.
  19. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ؛

2 .މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ؛

3 .މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގު(ތައް):

  1. އެޑްމިނިސްޓްރޭޝަން 
  2. ބިޒްނަސް
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  4. ބިޒްނަސް މެނޭޖްމަންޓް 
  5. މެނޭޖްމަންޓް 
  6. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  8. ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން(ތައް):

-          ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

- އެޑްމިނިސްޓްރޭޝަނާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/Policy/DownloadFile/403 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.5 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

(ހ)

 

 

(ށ) މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް މަޤާމުގެ އަސާސީ ޝަރުތު ހަމަވާނަމަ، ކްރައިޓީރިއާގައި އަސާސީ ޝަރުތުހަމަވުމުން ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

(ނ) މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް އެސެސްމަންޓާއި ޕްރެޒެންޓޭޝަން ދެވޭނެއެވެ.

(ރ) ޕްރެޒެންޓޭޝަން އިވެލުއޭޓްކޮށް ޕޮއިންޓުދޭނީ މި އިޞޫލުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ ފޯމު ބޭނުންކޮށްގެންނެވެ.

(ބ) މަޤާމަށް އައްޔަންކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލް ޕްއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕްއިންޓް ލިބުން: އަދި،
  2. 2.      މަޤާމަށް ކަނޑައަޅާފައިވާ ( މ އުޞޫލުގެ 12.5 ވަނަ މާއްދާގެ (ހ) ގައިވާ) ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޫބަރު 2026 ގެ 13:30 ގެ ކުރިން، މޯލްޑިވްސް ޑިޖިޓަލް ސަރވިސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް، [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 14 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު، މޯލްޑިވްސް ޑިޖިޓަލް ސަރވިސްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

05 އޮކްޓޫބަރު 2026

05 އޮކްޓޫބަރު 2026
ހޯދާ