ދިވެހިރާއްޖެ
އިޢުލާން
ދިވެހި ޕާސްޕޯޓު ދޫކުރުމަށް ބައެއް ބަދަލުތައް ގެނައުމާ ގުޅޭ
މި އިދާރާގެ ނަންބަރު: (IUL)94-CBS/94/2026/26 (08 މެއި 2026) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2016 ވަނަ އަހަރުން ފެށިގެން ދިވެހި "ޕާސްޕޯޓު ބުކްލެޓް" ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް މިކަމުގައި ހޭދަވެފައިވާތީ، "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހަށް، ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމާއި ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭނެ ކަމަށް އަންދާޒާކުރެވެނީ އަންނަ މަހުގެ (2026 ސެޕްޓެންބަރު) ނިޔަލަށް ކަމަށް އެ ކުންފުނިން މި އިދާރާއަށް ވަނީ އަންގާފައެވެ.
އެހެންކަމުން، މިހާރު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި، 2026 އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް މި އިދާރާއިން މިހާރު ވާނީ ނިންމާފައެވެ.
މިގޮތުން، ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓު މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު، 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވާނީ ނިންމާފައެވެ. މުއްދަތު އިތުރުކުރުމުގެ ހިދުމަތަކީ އެއްވެސް ފީ އަކާ ނުލައި ފޯރުކޮށްދެވޭނެ ހިދުމަތެއްކަމުގައި ދަންނަވަމެވެ.
އަދި މީގެއިތުރުން، އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާއްމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވެސް މި އިދާރާއިން މިހާރު ވާނީ ނިންމާފައެވެ. އިމަރޖެންސީ ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ކާ.އޯ) ގެ މިންގަނޑުތަކާ އެއްގޮތް، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް (08 ޞަފުހާގެ) ޕާސްޕޯޓެކެވެ. "އިމަރޖެންސީ ޕާސްޕޯޓު" ގެ ހިދުމަތަކީ ވެސް އެއްވެސް ފީ އަކާ ނުލައި ފޯރުކޮށްދެވޭނެ ހިދުމަތެއްކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. "ޕާސްޕޯޓު ބުކްލެޓް" ފޯރުކޮށްދޭ ކުންފުންޏަކީ ފާއިތުވެދިއަ 10 އަހަރުވެސް މި ތަކެތި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކުންފުންޏެއްކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.
ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް، އެއްވެސް ދިވެހިރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި އިދާރާއިން އަރުވަމެވެ. މިބަދަލާއި ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.
14 ރަބީޢުލްއައްވަލް 1448
27 އޮގަސްޓު 2026
