ދިވެހިރާއްޖެ
ދައުލަތުގެ އައު ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލަށް ބައެއް ބަދަލުގެނެސް އަދާހަމަކުރެވިފައިވާ އުޞޫލު އާންމުކޮށް، މި ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
https://www.csc.gov.mv/Policy/Index/106
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލަށް މައިގަނޑުގޮތެއްގައި ގެނެސްފައިވާ ބަދަލުތައް:
- އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) އިޞްލާޙުކުރެވުނުގޮތް: މުސާރައިގެ ކުރިއެރުންދޭނީ، ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ހިމެނޭ މަގާމާއި، ރޭންކާއި މުސާރައިގެ ފިޔަވަޅުގައި ވިދިވިދިގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން %85 (އައްޑިހަ ފަހެއް އިންސައްތަ) މާކްސް ލިބުމުން ނަމަވެސް، އަހަރުގެ ޕީއޭގެ ގޮތުގައި ބަލާނީ އެ އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 90 (ނުވަދިހަ) ދުވަހު މަސައްކަތްކޮށް، އެނުއަލް ޕީއޭގެ މުއްދަތު ފުރިހަމަވެފައިވާ ޕީއޭއަށެވެ.
- އުޞޫލުގެ 3 ވަނަ މާއްދާގެ (ށ) އިޞްލާޙުކުރެވުނުގޮތް: މި އުޞޫލުގެ ދަށުން މުސާރައިގެ ކުރިއެރުންދިނުމަށް ޓަކައި، ވިހެއުމުގެ ޗުއްޓީއާއި، ސަސްޕެންޝަން އަދި މި ނޫން ވެސް ސަބަބަކާ ހުރެ، ދިގު މުއްދަތަކަށް ވަޒީފާއަށް ނުނިކުމެވޭ ފަދަ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން އަހަރުގެ ޕިއޭކަމުގައި ބަލާ 90 (ނުވަދިހަ) ދުވަހުގެ މުއްދަތު އެ އަހަރުގެ ތެރޭގައި ނުލިބޭ ޙާލަތުގައި، މުސާރައިގެ ކުރިއެރުންދިނުމަށް ބޭނުންވާ ޕީއޭ ބެލުމުގައި 90 (ނުވަދިހަ) ދުވަސްހަމަނުވާ އަހަރު ނުހިމަނައި، 90 (ނުވަދިހަ) ދުވަސް ލިބިފައިވާ އޭގެ ކުރީ އަހަރުގެ ޕީއޭއާއި، ޖެހިގެން އަންނަ އަހަރުގެ ޕީއޭއިން މަދުވެގެން %85 (އައްޑިހަ ފަހެއް އިންސައްތަ) މާކްސް ލިބިފައިވާ ނަމަ ، މުސާރައިގެ ކުރިއެރުންދިނުމަށް ބަލައިގަނެވޭނެއެވެ. ނަމަވެސް، މިގޮތަށް ޕީއޭ ބެލުމުގައި މުސާރައިގެ ކުރިއެރުންދިނުމަށް އެއްފަހަރު ބޭނުންކޮށްފައިވާ ޕީއޭއެއް ދެވަނަ ފަހަރަށް ބޭނުންނުކުރެވޭނެވެ.
-
މިސާލު:
2024 ވަނައަހަރުގެ ޕީއޭއިން %85 (އައްޑިހަ ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބުމާއެކު، އެ އަހަރުގެ ތެރޭގައި މަދުވެގެން 90 (ނުވަދިހަ) ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފަކަށް 2025 ވަނަ އަހަރުގެ ޕީއޭއިން %85 (އައްޑިހަ ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބުނު ނަމަވެސް އެ އަހަރުގައި މަދުވެގެން 90 (ނުވަދިހަ) ދުވަސް މަސައްކަތްކޮށްފައިނުވާ ނަމަ، މި ދެ އަހަރު (2024، 2025) ގެ ޕީއޭއަށް ބަލައި ކުރިއެރުން ނުދެވޭނެއެވެ.
ނަމަވެސް، މި މުވައްޒަފަށް 2026 ވަނައަހަރުގެ ޕީއޭއިން %85 (އައްޑިހަ ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބި، އެ އަހަރުގައި މަދުވެގެން 90 (ނުވަދިހަ) ދުވަހު މަސައްކަތްކޮށްފައިވާ ނަމަ، މި މުވައްޒަފުގެ 2024 ވަނައަހަރުގެ ޕީއޭއަށާއި 2026 ވަނައަހަރުގެ ޕީއޭއަށް ބަލައި މުސާރައިގެ ކުރިއެރުން ދޭންވާނެވެ.
ނަމަވެސް، މި މުވައްޒަފުގެ 2024 ވަނަ އަހަރުގެ ޕީއޭ ބޭނުންކޮށް، އޭގެ ކުރިން، ކުރިއެރުމެއް ހަމަޖައްސާފައިވާ ނަމަ، އެ ފަރާތަށް މުސާރައިގެ ކުރިއެރުން ދެވޭނީ، 2027 ވަނައަހަރުގެ ޕީއޭއިން %85 (އައްޑިހަ ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބި، އެ އަހަރުތެރޭގައި މަދުވެގެން 90 (ނުވަދިހަ) ދުވަހު މަސައްކަތްކޮށްފި ނަމައެވެ.
- އުޞޫލުގެ 3 ވަނަ މާއްދާގެ (ބ) އިޞްލާޙުކުރެވުނުގޮތް: މަސައްކަތު އަހަރުތެރޭގައި މުވައްޒަފު ހުރި މަޤާމާއި ރޭންކާއި މުސާރައިގެ ފިޔަވަޅުން އެއްއިދާރާއިން އަނެއް އިދާރާއަށް ވަޒީފާ ބަދަލުވާ ޙާލަތުގައި ދެ އިދާރާއިން ފުރިހަމަކޮށްފައިވާ 2 ޕީ.އޭ އިން ނުވަތަ އެ 2 ޕީއޭގެ އެވްރެޖުން %85 (އައްޑިހަ ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބި އެއްވެސް އިދާރާއެއްގައި 90 (ނުވަދިހަ) ދުވަސް ހަމަނުވާ ނަމަ، މުސާރައިގެ ކުރިއެރުންދިނުމުގައި މަސައްކަތު އަހަރުގެ ތެރޭގައި އެ ދެ އިދާރާގައި، އެއް މަޤާމާއި ރޭންކާއި މުސާރައިގެ ފިޔަވަޅުގައި މަސައްކަތްކޮށްފައިވާ ދުވަހުގެ ޖުމްލަ މުއްދަތަށް ބަލައި މަސައްކަތު 90 (ނުވަދިހަ) ދުވަސްހަމަވެފައިވާ ނަމަ މުސާރައިގެ ކުރިއެރުންދިނުމަށް ބަލައިގަނެވޭނެއެވެ.
- އުޞޫލުގެ 3 ވަނަ މާއްދާގެ (ޅ) އިޞްލާޙުކުރެވުނުގޮތް: މަސައްކަތު އަހަރުތެރޭގައި މުވައްޒަފު ހުރި މަޤާމާއި ރޭންކާއި މުސާރައިގެ ފިޔަވަޅުން އެއްއިދާރާއިން އަނެއް އިދާރާއަށް ވަޒީފާ ބަދަލުވާ ޙާލަތުގައި، އެއް އިދާރާއެއްގައި 30 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަވުމުގެ ސަބަބުން އެ އިދާރާއިން ޕީއޭ ފުރިހަމަކޮށްފައިނުވި ނަމަވެސް ޕީއޭ ފުރިހަމަކޮށްފައިވާ އިދާރާގެ ޕީ.އޭ އިން 85% (އައްޑިހަ ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބި މަސައްކަތު އަހަރުގެ ތެރޭގައި ދެ އިދާރާގައި އެއް މަޤާމާއި ރޭންކާއި މުސާރައިގެ ފިޔަވަޅުގައި މަސައްކަތްކޮށްފައިވާ ދުވަހުގެ ޖުމްލަ މުއްދަތަށް މަސައްކަތު 90 (ނުވަދިހަ) ދުވަސްހަމަވެފައިވާ ނަމަ މުސާރައިގެ ކުރިއެރުންދިނުމަށް ބަލައިގަނެވޭނެވެ.
- އުޞޫލުގެ 3 ވަނަ މާއްދާގެ (ކ) އިޞްލާޙުކުރެވުނުގޮތް: މަސައްކަތު އަހަރުގެ ތެރޭގައި މުވައްޒަފު ހުރި މަޤާމާއި ރޭންކާއި މުސާރައިގެ ފިޔަވަޅުން އެއްއިދާރާއިން އަނެއް އިދާރާއަށް ވަޒީފާ ބަދަލުވާ ޙާލަތުގައި ދެ އިދާރާގައި މަސައްކަތްކޮށްފައިވާ ދުވަހުގެ ޖުމްލަ މުއްދަތަށް މަސައްކަތު 90 (ނުވަދިހަ) ދުވަސްހަމަވެ، ދެ އިދާރާއިން ޕީއޭ ފުރިހަމަކޮށްފައިވާ ނަމަ، ކުރިއެރުންދޭންވާނީ، ފުރިހަމަކޮށްފައިވާ 2 ޕީއޭގެ އެވްރެޖް ހެދުމަށް ފަހު އެ އެވްރެޖުން %85 (އައްޑިހަ ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބިފައިވާ ނަމައެވެ.
- އުޞޫލުގެ 3 ވަނަ މާއްދާގެ (ގ)އިޞްލާޙުކުރެވުނުގޮތް: "މަޤާމުގެ އެލަވަންސް" ގެ ހަރުފަތްތަކަށް މުސާރައިގެ ކުރިއެރުންދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 88 ވަނަ މާއްދާ އަދި 89 ވަނަ މާއްދާގައިވާ ކަންތައްތަކަށް ރިޢާޔަތްކުރަންވާނެއެވެ.
