ދިވެހިރާއްޖެ
މި ރަށުގެ ގޯތިތަކުގެ އިން ވަކިކުރުމާއި، ގޯތީގެ ރަޖިސްޓްރީ އަދި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ ކަންކަން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރަށް ހަރުދަނާކޮށް، އިން އޮޅުމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ކައުންސިލްގެ 05 ވަނަ ދައުރުގެ 15/2026 ވަނަ ޢާންމު ޖަލްސާއިން ވަނީ މި ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކެއް ކަނޑައަޅައި ފާސްކޮށްފައެވެ.
އެގޮތުން، މި އިޢުލާނު ޝާއިޢުކުރާ ތާރީޚުން ފެށިގެން، ބިމާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ގޮތުގެ މަތިން ގޯތީގެ ރަޖިސްޓްރީ ހަދައިދެވޭނީ، މި ކައުންސިލުން ދައްކާ އިންތަކުގައި (ހަތަރު ކަނުގައި) ކައުންސިލްގެ ބެލުމުގެ ދަށުން ކަންމުޑި ރާނައި ނިމުމުންނެވެ. އަދި ބިމާބެހޭ ޤާނޫނާއި ޤަވާޢިދުތަކުގައި ފުރިހަމަވާންޖެހޭ ކަންކަމުގެ އިތުރުން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދެވޭނީ، އެ ގޯއްޗެއްގެ ވަށައިގެންވާ އިންފާރު އެންމެ ދަށްވެގެން 03 (ތިނެއް) ފޫޓުގެ އުސްމިނަށް ރާނައި ނިމިފައިވާކަން ކައުންސިލުން ކަށަވަރުކުރުމަށް ފަހުގައެވެ.
މި ނިންމުމުގެ ސަބަބުން، މީގެ ކުރިން މި އިދާރާއިން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއްގެ ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއެއްގެ ޞައްޙަކަމަކަށް ބަދަލެއް ނާންނާނެ ވާހަކަ ދަންނަވަމެވެ. ވީމާ، މި ރަށުން ގޯތި ލިބިފައިވާ އެންމެހައި ފަރާތްތަކުންނާއި، އަލަށް ރަޖިސްޓްރީ ހެއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި އުޞޫލާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގެންނެވުން ނުވަތަ 6840004 އަށް ގުޅުއްވުން އެދެމެވެ.
