މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭހުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް އިތުރުވުން

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރަމުން ގެންދާ ބޭހުގެ ފެންވަރު ދަށްވުމުގެސަބަބުން ދިމާވާ މައްސަލަތައް އިތުރުވަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިގޮތުން  ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ދަށްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ބޭސް ގުދަންކުރުމުގައި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ނުބެހެއްޓުމާއި، ބޭސް ވިއްކުމުގެ ހުއްދަ ނެތްމީހުން ބޭސް ވިއްކުމާއި، ދުވަސް ހަމަވެފައިވާ ބޭސް ވިއްކުން  ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ފާރމަސީތަކުގައި ގިނައަދަދަކަށް މުއްދަތު ހަމަވެފައިވާ ބޭސްތައް  ވިއްކުމަށް ބަހައްޓާފައި ހުންނަކަން  ދަނީ ފާހަގަ ކުރެވެމުންނެވެ. އަދި މުއްދަތު ހަމަވާން ކައިރިވެފައިވާ ބޭސްތައް ދިގުމުއްދަތަށް ވިއްކަމުންދާކަންވެސް ދަނީ ފާހަގަ ކުރެވެމުންނެވެ. ބޭހަކީ އާންމު ޞިއްޙަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ ، ބޭސް ވިއްކާ ފަރާތްތަކާއި ބޭސް ބައްލަވައިގަންނަވާ ފަރާތްތައް މިހާރަށް ވުރެ މިކަމަށް ސަމާލުކަން ދެއްްވުމަށް ދަންނަވަމެވެ. މިފަދަ ކަންކަމަކީ މި އޮތޯރިޓީގެ ފަރާތުން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަންކަމަށްވާތީ މިކަން އިތުރަށް މޮނިޓަރ ކުރަމުން ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.

ބޭސް ބައްލަވައިގަންނަވާއިރު ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

- ބޭސް ބައްލަވައިގަތުމުގެ ކުރިން ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބަލައި ޗެކުކޮށް ކަށަވަރު ކުރުން

- ބޭސް ބައްލަވައިގަތުމަށް ފަހު އެ ފާރމަސީއަކުން ފައިސާގެ ރަސީދު ހޯއްދެވުން

- ބޭސް ބޭނުން ކުރަންވީގޮތުގެ އިރުޝާދު ސާފުކޮށް  ލިޔެފައިވޭތޯ ކަށަވަރު ކުރުން

- ބޭސް ވިއްކުމަށް ފަހު ބޭސްސިޓީގައި އަގު، ސޮޔާއި ފާރމަސީގެ ސީލް ޖަހާފައި އޮތްތޯ ކަށަވަރު ކުރުން

- ބޭސް ވިއްކުމަށް ހުރީ އެކަމުގެ ހުއްދަ އޮތް މީހެއްތޯ ކަށަވަރު ކުރުން، އެގޮތުން ބޭސްވިއްކާމީހާގެ ފާރމަސިސްޓް ނުވަތަ ފާރމަސީ އެސިސްޓެންޓެއްކަން އަންގައިދޭ ކާޑު ފެންނަގޮތަށް، ހެދުމުގައި ހަރުކޮށްފައިވޭތޯ ބެލުން

- ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާރމަސީއެއްތޯ ބެލުން، އެގޮތުން މުއްދަތު ހަމަނުވާ، ބޭސް ވިއްކުމުގެ ހުއްދަ ފާރމަސީގައި ބެހެއްޓިފައި ހުރިތޯ ބެލުން

ދެންނެވިފައިވާ ކަންކަމަކީ ކޮންމެ ފަރުދެއްގެވެސް ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ މިފަދަ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވެވަޑައިގަތުމަށް ދެންނެވީމެވެ.

 މަތީގައި ދެންނެވިފައިވާ ކަންކަމާ ޚިލާފަށް އެއްވެސް ކަމެއް ފާހަގަ ވެއްޖެނަމަ މި އޮތޯރިޓީގެ 3014322 އަށް ގުޅުއްވައި ރިޕޯޓް ކުރެއްވުމަށް ދެންނެވީމެވެ.

17 ރަމަޟާން  1434

25 ޖުލައި 2013
ހޯދާ