ދިވެހިރާއްޖެ
މި ކުންފުނީގެ ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަހައްދުތަކުގައި، އެއްގަމު އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި އަމަލުކުރާނެ ރަސްމީ މިންގަނޑުތަކެއް މިވަނީ ކަނޑައަޅައިފައެވެ. މި އުސޫލުތަކުގެ މައިގަނޑު މަޤްޞަދަކީ، ބަނދަރުން ބަރުކުރާ ކޮންމެ މުދަލަކީވެސް އެ މުދަލެއް އުފުލުމަށް އެކަށީގެންވާ، ރައްކާތެރި އުޅަނދަކަށް ބަރުކުރެވޭ މުދަލެއްކަން ކަށަވަރުކުރުމެވެ. އެހެންކަމުން، މުދާ ކްލިއަރ ކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ މައިގަނޑު އުސޫލުތައް ތިރީގައި އެވަނީއެވެ.
1. ބަނދަރު ސަރަހައްދުގައި މުދާ ބަރުކުރަންވާނީ އެ މުދަލެއް ބަރުކުރުމަށް އެކަށީގެންވާ ރައްކާތެރި މުދާ އުފުލާ އުޅަނދު ތަކަށެވެ.
2. އާންމު މިންގަނޑަށްވުރެ ބޮޑެތި، ބަރު ނުވަތަ ދިގު މުދާ (އައުޓް އޮފް ގޭޖް ކާގޯ) އުފުލުމަށް ބޭނުންކުރަންވާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދުފަހަރެވެ. މިފަދަ އުޅަނދުތަކަށް މުދާ ބަރުކުރުމަށް ހުއްދަ ދެވޭނީ، އެއީ އެފަދަ މުދާ އުފުލުމަށް އެކަށީގެންވާ ރައްކާތެރި އުޅަނދެއްކަން އެމް.ޕީ.އެލް އިން ކަށަވަރުކުރުމަށްފަހުގައެވެ. އަދި މިފަދަ މުދާ ބަރުކޮށްފައިވާ އުޅަނދުތައް ބަނދަރުގެ ގޭޓުން ބޭރަށް ނުކުމެވޭނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައާއެކު، އެ ފަރާތުގެ ބެލުމުގެ ދަށުންނެވެ.
3. އައި.އެސް.އޯ (ISO) ކޮންޓޭނަރުތައް ބަރުކުރެވޭނީ ކޮންޓެއިނާރ ޝޫ ހަރުކުރެވިފައިވާ ޓްރެއިލަރުތަކަށް އެކަންޏެވެ. އަދި ކޮންޓެއިނާރ ބަރުކުރުމަށްފަހު ޓްވިސްޓް ލޮކް އަޅުވަން ޖެހޭނެއެވެ.
4. ބަނދަރުން ނިކުތުމުގެ ކުރިން އުޅަނދަށް ބަރުކޮށްފައިވާ ހުރިހާ މުދަލެއް ފުރިހަމައަށް ރައްކާތެރިކަމާއެކު ލައިސަން (lashing) ކުރަން ޖެހޭނެއެވެ. އަދި އެކަން ކުރުމަކީ އުޅަނދު ދުއްވާ ފަރާތުގެ ޒިންމާއެކެވެ. ލައިސަން ކުރަން ޖެހޭނީ އެކަމަށް އެކަށީގެންވާ އާލާތްތަކުންނެވެ.
5. މުދާ އުފުލުމަށް އެކަށީގެންނުވާ ނުވަތަ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުވާ ނުވަތަ ރައްކާތެރިކަން ކަށަވަރުވާ ވަރަށް ލައިސަން ކޮށްފައިނުވާ އުޅަނދެއް ކަމަށް އެމް.ޕީ.އެލް އަށް ފެނިއްޖެ ހިނދެއްގައި، އެ އުޅަނދު އެމްޕީއެލް ސަރަހައްދުން ބޭރަށް ނިކުތަ ނުދީ ހިފެހެއްޓުމުގެ ފުރިހަމަ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.
6. މަތީގައި ބަޔާންކުރެވިފައިވާ އުސޫލުތަކާ ޚިލާފަށް މުދާ ބަރުކުރުމަށް ބަނދަރަށް ވައްދާ އުޅަނދުފަހަރާއި، މިންގަނޑުތަކަށް ނުފެތުމުގެ ސަބަބުން މުދާ ބަރުކުރުމުގެ ހުއްދަ ނުދެވޭ އުޅަނދުފަހަރު، ބަނދަރުގެ އޮޕަރޭޝަނަލް ސަރަހައްދުން ވަގުތުން ބޭރުކުރެވޭނެއެވެ. އަދި މިގޮތަށް ތަކުރާރުކޮށް ވަންނަ ޑްރައިވަރުން ބަނދަރު ތެރެއަށް ނުވެއްދުމުގެ އިޚްތިޔާރު އެމް. ޕީ.އެލް އަށް ލިބިގެން ވެއެވެ.
ވީމާ، ބަނދަރުން ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކުން މި ކަންކަމަށް ސަމާލުކަންދެއްވައި، ބަނދަރާއި މަގުމަތީގެ އާންމު ރައްކާތެރިކަމަށްޓަކައި މި މިންގަނޑުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ދަންނަވަމެވެ.
