ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖެ އަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް، ގުދަންކޮށް، ބޭނުންކޮށް، ވިއްކާ އަދި ނައްތާލަން ވާނީ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019) އާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެހެންނަމަވެސް ނުރައްކާތެރި ކެމިކަލް ގުދަންކޮށް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމުގެ ހުއްދަ ނުނަގާ ކެމިކަލް ގުދަންކޮށް ވިއްކަމުންދާކަން މި މިނިސްޓްރީ އަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދައިން ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ގުދަންކޮށް ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް ފުރުސަތު ބޮޑު ކަމެކެވެ.
ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019) ގެ 7 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ "ކެމިކަލް ވިއްކުމުގެ ހުއްދަ" އަށް އެދި މި ވުޒާރާއަށް ހުށަހަޅައި ހުއްދަ ހޯދުމަށް ފަހުގައެވެ. މި ހުއްދައަށް އެދި ހުށަހަޅަން ވާނީ މި މިވުޒާރާގެ ވެބްސައިޓުގައި ޝާޢިއު ކުރެވިފައިވާ "ކެމިކަލް ވިއްކުމުގެ ހުއްދަ އަށް އެދޭ ފޯމް" މެދުވެރިކޮށެވެ. އަދި މި ފޯމް ހުށަހެޅުމަށްފަހު ނުރައްކާތެރި ކެމިކަލް ވިއްކުމަށްޓަކައި، އެ ކެމިކަލްތައް ބަހައްޓާ ފިހާރަ މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން "ކެމިކަލް ވިއްކުމުގެ ހުއްދަ" ދޫކުރެވޭނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށްފަހު ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފަރާތްތަކަށެވެ.
ވީމާ، ދިވެހިރާއްޖޭގައި ކެމިކަލް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމަށްޓަކައި މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި "ކެމިކަލް ވިއްކުމުގެ ހުއްދަ" ހޯދުމަށާއި، ކެމިކަލް ވިއްކުމަށްޓަކައި ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރެޖިސްޓަރ ކުރެއްވުމަށް ދެންނެވީމެވެ. އަދި މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާއިމެދު ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.
