ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮއްވަވާ 3 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮއްވަވާ 3 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރާ ޑިރެކްޓަރުންގެ ތެރެއިން 03 ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބު ކުރާ ޑިރެކްޓަރުންނެވެ.

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު މިއަދުން ފެށިގެން 14 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެއެވެ.

މި މަޤާމަށް ކުރިމަތި ލެއްެވޭނީ، ދިވެހިރާއްޖޭގެ ބޭންކިންގއާ ބޭހޭ ޤާނޫނު (ޤާނޫނު ނަންބަރު (24/2010 ގެ 15 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ ބޭފުޅުންނަށެވެ. އަދި ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ. މި ޝަރުޠުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

ހ) ބޭންކިންގއާއި މާލީ ޚިދުމަތްތަކާއި އާންމުގޮތެއްގައި އިންވެސްޓްމެންޓް ވިޔަފާރިއާއި ޚާއްޞަކޮށް ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓް ނުވަތަ އެހެން ރިސްކްތަކާ ބެހޭ އެކަށީގެންވާ ހޭލުންތެރިކަމާއި، މަޢުލޫމާތު ލިބިގެންވާ ފަރާތެއް ކަމުގައިވުން.

ށ) އެންމެ މަތީ ދަރަޖައަކަށް އަމިއްލަ އަޚުލާޤާއި މަސައްކަތުގެ އަޚުލާޤާއި، ހަރުދަނާކަމާއި ރަނގަޅު އުސޫލުތަކެއް ލިބިގެންވާ، އަދި ކުންފުނީގެ އެންމެހައި ހިއްސާދާރުންގެ ދިގު ރާސްތާގެ މަޞްލަޙަތުތައް ތަމްސީލު ކޮށްދިނުމުގައި މަސައްކަތް ކޮށްދޭ ފަރާތެއްކަމުގައިވުން.

ނ) ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިނުވާ، ނޫނީ ޝަރުޠު ފުރިހަމަ ނުވާ ފަރާތެއް ކަމުގައި ނުވުން.

ރ) ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި ދިވެހިރާއްޖޭގައި ނުވަތަ އެހެން އެއްވެސް ޤައުމެއްގައި އަދާނުކުރެވިވާ ސާބިތު ދަރަންޏެއްވާ ފަރާތެއްކަމުގައި ނުވުން.

ބ) ވައްކަމާއި، މަކަރާއި، ހީލަތާއި، ޚިޔާނާތާއި، ފައިސާގެ ކަމެއްގައި މަކަރުހަދާފައިވާ ނުވަތަ އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރު ކޮށްފާނެކަމަށް ބެލެވޭ އެނޫންވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

ޅ) ޑިރެކްޓަރަކަށް އޭނާގެ ނަން ހުށަހެޅޭ ތާރީޚުން ފެށިގެން ވޭތުވެދިޔަ 03 އަހަރުދުވަހުގެ ތެރޭގައި ބަނގުރޫޓުވެފައިވާ ނުވަތަ ދައްކަންޖެހޭ ދަރަންޏެއް ދެއްކިފައި ނުވާ، ދަރަނިތައް އަދާނުކުރެވޭ ހާލަތުގައި އޮތް ނުވަތަ ސާބިތު ދަރަންޏެއް ދެއްކިފައި ނުވާތާ 01 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުންޏެއްގެ ޑިރެކްޓަރެއްކަމުގައި ނޫނީ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ހިއްސާ ލިބިގެންވާ ހިއްސާދާރެއްކަމުގައި ނުވުން.

ކ) ޑިރެކްޓަރުންގެ ބޯޑުގެ ނަޒަރުގައި، އޭނާ ޑިރެކްޓަރެއްގެ މަޤާމު ފުރިހަމައަށް އަދާކުރުމުގައި އަސަރުކޮށްފާނެ ފަދަ، ކުންފުނީގެ ފަރާތުން ބައިވެރިވާ ނުވަތަ ބައިވެރިވެދާނެ ކޮންޓްރެކްޓެއްގައި ސީދާ ނުވަތަ ނުސީދާ ގޮތުން މަޞްލަޙަތެއް ހިމެނޭ ފަރާތެއް ކަމުގައި ނުވުން. އަދި

އ) ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ ކެބިނެޓްގެ މަޤާމެއްގައި ހުރި ސަރުކާރުގެ މުވައްޒަފަކު ކަމުގައި ނުވުން.

 މީގެ އިތުރަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އެކުލަވައިލާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 1.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިރީގައި މިވާ ޝަރުޠުތައް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ކިބައިގައި ހުންނަން ވާނެއެވެ.

* ކޮންމެ ޑިރެކްޓަރަކީވެސް އެ މަޤާމުގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލުކަން ހުރިމީހަކު ކަމުގައި ވާންވާނެއެވެ. (ޤާބިލުކަން ވަޒަންކުރުމުގައި މަސައްކަތުގެ ދާއިރާގައި ކުރިން ހޯދައިފައިވާ ތަޖުރިބާއަށްވެސް ބެލިދާނެއެވެ.)

* ފަންނީގޮތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައިވުން.

* ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމަށް ބޭނުންވާ ޙިކްމަތްތެރިކަމާއި ޤާބިލުކަން ހުރުން.

* މާލީ ރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން.

* ކުންފުނީގެ މެނޭޖްމަންޓް ހަރުދަނާކުރުމުގައި އެހީތެރިވެވޭނެ ފަދަ ތަރުޖިބާއާއި ނަތީޖާ، ވިޔަފާރީގެ ދާއިރާގައި ހާސިލުކޮށްފައިވުން.

* އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތުތަކުގައި ޒިންމާދާރުގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކު ކަމުގައިވުން.

* ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް، ކުންފުނީގެ މުވައްޒަފުންނާއި މުޢާމަލާތުކޮށް މަޝްވަރާކުރުމުގެ ޤާބިލުކަން ލިބިފައިވުން.

* ތަފާތު ފަންނުތަކާއި ތަޖުރިބާތަކުގެ ރިކޯޑެއް އޮތުމާއި ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓެޖިކްކޮށް އަދި މުސްތަޤުބަލަށް ރިޢާޔަތްކޮށް، ވިސްނުން ބެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތަކަށްވުން.

ވީމާ، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް 14 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ލިބިވަޑައިގަންނަވާނީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނާއި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިންނެވެ.

14 ރަބީޢުލްއާޚިރު 1437

24 ޖަނަވަރީ 2016
ހޯދާ