ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރުމުގައި ސަލާމަތީގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އެޅުން މަޖުބޫރު ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ރަށުގައި ކުރިއަށްދާ ހުރިހާ އިމާރާތްކުރުމުގެ މަސައްކަތްތަކަކީ އާންމުންނަށާއި މަސައްކަތްތެރިންނަށް އަމާން، ރައްކާތެރި މާހައުލެއްގައި ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަކީ މި އިދާރާގެ އެންމެ އިސް އެއް އަމާޒެވެ.
ވުމާއެކު، އިމާރާތްކުރުމުގެ ހުއްދަ ލިބިގެން މަސައްކަތް ކުރިއަށްގެންދާ އެންމެހާ ފަރާތްތަކުން (ވެރިފަރާތްތަކާއި، ކޮންޓްރެކްޓަރުން އަދި ސަބް-ކޮންޓްރެކްޓަރުން) ތިރީގައިވާ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ.
- އިމާރާތްކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަތައް އަދި އަމަލީ މަސައްކަތް ކުރިއަށްދާއިރު ނަގަންޖެހޭ ހުއްދަތައް ނެގުން.
- އިމާރާތްކުރުމުގެ މަސައްކަތުގައި ގެންގުޅޭ ތަކެތި ބޭނުންކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގުދަންކުރުމުގައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާންމުންގެ ސަލާމަތީ ކަންކަމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ހުރިހާ އިންތިޒާމެއް ފުރިހަމަކުރުން.
- މަސައްކަތްކުރުމުގެ ތެރޭގައި މީހަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެކަމަށް ނުވަތަ މީހަކު ޒަހަމްވެދާނެކަމަށް ނުވަތަ މީހެއްގެ ސިއްހަތަށް ނުރައްކަލެއް ވެދާނެކަމަށް ބަލައި، ފުރިހަމައަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކުއްލި ހާލަތެއްގައި އަމަލުކުރާނެ އިންތިޒާމްތަކެއް ހަމަޖެއްސުން.
- އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް، އެ މުވައްޒަފުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ސިއްހީގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކުގެ ތަމްރީން ދިނުން.
- އިމާރާތްކުރުމުގެ މަސައްކަތެއްގައި ކޮންކްރީޓްކުރުމާއި ސިމެންތިޖެހުމާއި ކުލަލުމާއި ދަވާދުލުމާއި އިމާރާތްކުރުމުގެ އެނޫން މަސައްކަތެއްކުރުމުގައި، އިމާރާތުގައި ކަތި ބިތްގަނޑާއި ސަލާމަތީ ދައު (ސޭފްޓީ ނެޓް) ޖެހުމުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތެއްގެ ސަބަބުން، ވަށައިގެން އުޅޭ ފަރާތްތަކާއި ވަށައިގެން ހުރި ގޭގެއާއި އެ ތަންތަނުގެ ފުރާޅަށާއި ގޯތިތެރެއަށާއި މަގަށް ނުވަތަ ގޯޅިއަށް ސިމެންތިއާއި ކުލަޔާއި ދަވާދާއި ކުނޑިއާއި އެނޫން އެއްޗެއްވެސް ނުފައިބާނެ ގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން.
- އިމާރާތްކުރުމުގެ މަސައްކަތްކުރުމުގައި، އެ މަސައްކަތެއްގައި ބޭނުންކުރާ، ސިއްހަތަށް ގެއްލުންވާފަދަ ވަސް އެކުލެވިގެންވާ ކެމިކަލް ނުވަތަ އެނޫން ތަކެތިންވެސް އާންމުން ރައްކައުތެރިކުރެވޭނެ ފިޔަވަޅުތައް އެޅުން.
- އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ތަށިމުށި (ޓައިލް) ކެފުމާއި ޕުޓީ ގޭނުން ފަދަ މަސައްކަތެއްގެ ސަބަބުން އުފެދޭ ކުނޑީގެ ސަބަބުން މީހުންނަށް އުނދަގޫނުވާނެ ގޮތަކަށާއި، މަގުމަގަށާއި ގޭގެއަށާއި ތަންތަނަށް ކުނޑިފަދަ ތަކެތި ނުބުރާނެ ގޮތަކަށް ސަލާމަތީ ފިޔަވަޅުތައް އެޅުން.
- އިމާރާތްކުރަމުންދާ ތަންތަނުގައި ހުންނަ ޓިނު ނުވަތަ ފުލައިވުޑް ނުވަތަ އެފަދަ އެހެން އެއްޗެހި، ވައިގަދަވުމުގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބަކުން ވިއްސައިގެން ނުދާނެގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން.
- އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އެމީހުން ކުރާ މަސައްކަތްތަކާ އެކަށީގެންވާ ފަދަ ގޮތަކަށް ހެދުންއަޅައި، ސޭފްޓީ ބެލްޓް، ސޭފްޓީ ހެލްމެޓް، ސޭފްޓީ ގްލަވް ނުވަތަ އަންގި، ސޭފްޓީ ބޫޓު، ވެލްޑިންގ މާސްކް އަދި ކުރާ މަސައްކަތާ ގުޅޭގޮތުން މަސައްކަތްކުރާ މީހާ ބޭނުންކުރަންޖެހޭ އެނޫން އެންމެހާ އާލާތްތައްވެސް ބޭނުންކޮށް، އެ މަސައްކަތާ އެށީގެންވާ ސަލާމަތީ ފިޔަވަޅު އަޅައިފައިވާކަން ކަށަވަރުކުރުން.
- ކޮނެފައިވާ ވަޅުގަނޑުތައް ހުރީ އެކަށީގެންވާ މިނަށް ބިތްގަނޑު ޖަހައިގެން ފޮރުވައި، އެކަށީގެންވާގޮތަށް ރައްކާތެރިވުމަށް އަންގާ ނިޝާން ހަރުކޮށްފައިކަން ކަށަވަރުކުރުން.
- މަސައްކަތުގެ ވެށީގައި އުފެދޭ ކުނި ހުރީ އެކަމަށް ހާއްސަކޮށްފައިވާ ވަށީގައި ނުވަތަ ތަންތަނުގައިކަން ކަށަވަރުކުރުން.
- ވަގުތީގޮތުން މަސައްކަތްކުރާ ސަރަހައްދުގައި ކަމާ އެކަށީގެންވާ ވަގުތީ ބިތްގަނޑަކާއި ނިވާފަތްގަނޑެއް ޖަހާފައިހުރިތޯ ބަލައި ކަށަވަރުކުރުން.
- މަސައްކަތުގެ ވެށީން އެއްޗެއް ވެއްޓި ހިނގާބިނގާވެ އުޅޭ އާންމު މީހަކަށް، ނުވަތަ މުދަލަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގެއްލުމެއް ވެދާނެކަމަށްވާނަމަ، މަސައްކަތްކުރާ އިމާރާތާއި އާންމު ސަރަހައްދުތަކާއި ވަކިކުރެވޭނެގޮތަށް ގެންޓްރީ ޖަހައި ނިވާކުރެވިފައިހުރުން.
- 3 މީޓަރަށްވުރެ އުހުގައި މަސައްކަތްކުރާނަމަ، އިމާރާތުގައި ކުރާ މަސައްކަތެއްގެ ސަބަބުން، ވަށައިގެން ހުރި ގޭގެއާއި ތަންތަނުގެ ފުރާޅަށާއި ގޯތިތެރެއަށާއި މަގަށް ނުވަތަ ގޯޅިއަށް ސިމެންތިއާއި އެހެނިހެން ތަކެތި ނުފައިބާނެހެން، އެކަށީގެންވާ އުސްމިނަކަށް ސަލާމަތީ ދައު (ސޭފްޓީ ނެޓް) ނުވަތަ ސަތަރި ހަރުކުރުން. މިގޮތުން ހަރުކުރާ ދައު ނުވަތަ ސަތަރިއަކީ އެކަމުގެ މަގުސަދު ހާސިލުވާފަދަ އެކަށީގެންވާ ވަރުގަދަ އެއްޗަކަށްވުން.
- މަސައްކަތުން އުފެދޭ ކުނިބުނި މަގުމައްޗަށާއި ދުވާރުމައްޗަށް އެޅި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ބަހައްޓައިގެން ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމާފައި ސައިޓާއި ވަށައިގެންވާ ސަރަހައްދު ސާފުކުރަންވާނެއެވެ.
ވީމާ، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-156) އާއި މި އިދާރާގެ އެންގުންތަކާއި އެއްގޮތަށް މަތީގައި ދަންނަވާފައިވާ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރަމުންދާ ފަރާތްތަކާއިމެދު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 140 ވަނަ މާއްދާގެ ދަށުންފިޔަވަޅު އަޅަމުންގެންދާނެކަމުގައި އާންމުކޮށް އިޢުލާނުކުރަމެވެ.
17 މުޙައްރަމް 1448
