މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބްލޫމްބާރގް އިނިޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު

އެނައުންސްމަންޓް

ބްލޫމްބާރގް އިނިޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު 

"ބްލޫމްބަރގ އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ޙަރަކާތްތަކަށް އެހީދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ. ބްލޫމްބާރގގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ޑިސެންބަރު 2006 އިން ފެށިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު އިންތިޒާމުކޮށް ހިންގަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީޒް" (ދަ ޔޫނިއަން) އާއި "ކެމްޕެއިން ފޮރ ޓޮބޭކޯ-ފްރީ ކިޑްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢޫގެ ދަށުން ކުރިއަށް ގެންދާ ގްރާންޓްސް ޕްރޮގްރާމުގެ 19 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހެނީ ސީދާ އެ ޕްރޮގްރާމަށް، އެ ޕްރޮގްރާމްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮށްނެވެ. ނަމަވެސް، ޕްރޮޕޯސަލްތައް އެކުލަވައިލުމުގައި އެހީތެރިކަން ބޭނުންވާ އަދި މި ގްރާންޓް ޕްރޮގްރާމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގަތުމުން ނުވަތަ ފޯނު ނަންބަރު 3014455 އާ ގުޅުއްވުމުން ނުވަތަ އީމެއިލް އިން [email protected] މުޢާމަލާތް ކުރެއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، އެ ޙަރަކާތެއްގެ ސަބަބުން ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުން ތަކަށެވެ. އަދި މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަން ދެވޭނެއެވެ.

  • ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގާއި އަދި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތައް.
  • ދުންފަތުގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުން މަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އަދި އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރުން.
  • މަސައްކަތުގެ މާހައުލުގައްޔާއި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ގަވާއިދުތަކާއި އެފަދަ ގަވާއިދުތައް ތަންފީޒު ކުރުން.
  • ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްތަކުގެ ބޭރުގައި ފޮޓޯ ޖަހައިގެން ދެވޭ ޞިއްޙަތުގެ އިންޒާރު ޖެހުން ތަޢާރަފުކުރުން.
  • ސާބިތު ހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އެހެނިހެން ހުށަހެޅުންތައް.
  • އަދި މިނޫންވެސް، ދުންފަތް ކޮންޓްރޯލްކުރުން އެ ހުށަހެޅުމެއްގެ މައިގަނޑުކަމުގައި ހިމެނޭގޮތަށް، އެކިފަރާތްތައް ގުޅިގެން ހިންގުމަށް ރާވާ ކަންކަމާއި، ދުންފަތުގެ ސިނާޢަތުގެ ޙަރަކާތްތަކަށް ފާރަވެރިވެ ބެލުމަށާއި މިފަދަ އެހެނިހެން ކަންކަމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުންތައް.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ ފެބުރުވަރީ މަހުގެ 05 ވަނަ ދުވަހެވެ.

މި ޕްރޮގާމާބެހޭ އެނައުންސްމެންޓް އަދި އިތުރު މަޢުލޫމާތު އަންނަނިވި ވެބްސައިޓުން ހޯއްދެވުން އެދެމެވެ.

http://www.tobaccocontrolgrants.org/Pages/22/Apply-for-a-Grant

21 ޖަނަވަރީ 2016
ހޯދާ