މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރެވިގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން

މި މިނިސްޓްރީގެ ފަރާތުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރެވިގެން ތަމްރީން ޕްރޮގްރާމްތައް ރަށުކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕޮރޮގްރާމްތަކުގެ މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތައް ހޯދުމާއި އަދި އައު މަސްވެރިކަން ތައާރަފްކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. އަދި މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށުފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމާއި އާބާތްތައް ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުމެވެ.

މިގޮތުން 2026 ވަނަ އަހަރު މިމިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖަހެފައިވާ ކުރު ތަމްރީންތަކުގެ މަޢުލޫމާތު އެވަނީއެވެ.

  1. ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން
  2. އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން

މިތަމްރީންތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެރަށެއްގައި ކުރިއަށް ގެންދިނުމަށް ޝައުގުވެރިވާ ތަމްރީނު ފާހަގަކުރައްވާ މި މިނިސްޓްރީއަށް ސިޓީ މެދުވެރިކޮށް އަންގަވައި ދެއްވުން އެދެމެވެ.

ވީމާ، ކައުންސިލުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނޭ ފަރާތެއްގެ މަޢުލޫމާތު (ނަމާއި މަގާމް އަދި ގުޅާނޭ ނަންބަރު) ހިއްސާކޮށްދެއްވުމަށް ދަންނަވަމެވެ. މި ޕްރޮގްރާމްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު : 3033426 އަދި 3339276 އާއި ގުޅުއްވުން އެދެމެވެ.

29 ޖޫން 2026
ހޯދާ