ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އާ ޚިލާފަށް، އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ޖަދުވަލު (ރ)، (ޔ) އަދި (ޓ) ގައި ނުހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫޢުތައް، އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، މި އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި އޮތޯރިޓީގެ ހުއްލަ ލިބުމުގެ ކުރިން، އީ.އައި.އޭ މަރުޙަލާތަށް ފުރިހަމަނުކޮށް ވ.ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތައް ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންގޮސްފައިވެއެވެ. އެހެންކަމުން އެ މައްސަލަ މި އޮތޯރިޓީން ބެލުމަށްފަހު، ދެންނެވުނު ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ ގަވާއިދުގެ ޖަދުވަލު (ޖ) ގައި ބަޔާންކޮށްފައިވާ ކުށް ކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000.00ރ. (ވިހި ހާސް ރުފިޔާ) އިން ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ވަނީ 14 ޖޫން 2026 ގައި ޖޫރިމަނާ ކޮށްފައެވެ.
އަދި ދެންނެވުނު ޖޫރިމަނާ، 14 ޖޫން 2026 އިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ބަނޑޭރި ޕޭ މެދުވެރިކޮށް މި އޮތޯރިޓީއަށް ދެއްކުމަށާއި، ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) އާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދެވުމަށް ނަސޭޙަތްތެރިވެފައިވާނެއެވެ.
