ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު
ކުވައިތު އިންޓަރނޭޝަނަލް އެވޯޑުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމާއި، ތިލާވަތު ކުރުން އަދި 10 ޤިރާޢަތަށް ކިޔެވުމުގެ މުބާރާތަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. ތިރީގައިވާ ބައިތަކުން މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުމަކީ ލާޒިމުކަމެއް ކަމުގައިވާތީ މި ގޮފީގައި އެއްވެސް ބައިވެރިޔަކު ބައިވެރިނުވެއްޖެނަމަ ރާއްޖެއަށް މި މުބާރާތުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.
ބައިވެރިވުމުގެ ޝަރުޠު
މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފި: (އަސާސީ ބައި)
1- ކީރިތި ޤުރްއާން ހިތުދަސް ފަރާތެއް ކަމުގައިވުން.
2- އުމުރުން 13 އަހަރާއި 25 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.
3- ތަޖުވީދުގެ ޙުކުމްތަކުގެ މަތިން ފުރިހަމައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.
ދިހަ ޤިރާއަތާއެކު ކީރިތި ޤުރްއާން ހިތުދަސް ކުރުމުގެ ގޮފި:
1- މި ގޮފި ޚާއްޞަ ކޮށްފައިވަނީ ޝާޠިބިއްޔާ އަދި ދުއްރައިގެ ޠަރީޤުން ކީރިތި ޤުރްއާން 10 ޤިރާޢަތަށް ހިތުދަސްކޮށްފައިވާ ފަރާތްތަކަށެވެ.
2- އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.
3- ޝާޠިބިއްޔާއި ދުއްރައިގެ މަތުނު ހިތުދަސް އަދި ރިވާޔަތުގެ ސުވާލުކުރުމުން ދެ މަތުނުގެ އަލީގައި ތަފާތު ބުނެދޭން އެނގުން.
4- ތަޖުވީދުގެ ޙުކުމްތަކުގެ މަތިން ފުރިހަމައަށް 10 ޤިރާޢަތަށް ވަކިވަކިން ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.
ކީރިތި ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލު ކުރުމުގެ ގޮފި: (ދިގުރާގަށް ކިޔެވުން)
1- އުމުރުން 13 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.
2- ތަޙްޤީޤުގެ ދަރަޖައިގައި ކިޔަވަން ދަންނަ ފަރާތެއް ކަމުގައިވުން.
3- ތަޙްޤީޤުކޮށް ކިޔަވަންވާނީ މިންޝާވީ ޢަބްދުލް ބާސިޠު ފަދަ މަޝްހޫރު ޤާރީންގެ ކިޔެވުމާ އެއްގޮތަށެވެ.
4- ތަޖުވީދުގެ ޙުކުމްތަކުގެ މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.
މި މުބާރާތުގައި ކޮންމެ ގޮތްޕެއްގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
27 ރަބީޢުލްއައްވަލް 1437