އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫޢުތަކާ ގުޅިގެން ލިބިފައިވާ ޝަކުވާތަކާ ގުޅޭ

 

ގާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު،  ގަވާއިދު ނަންބަރު: R-15/2013 (ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު) ގެ  ދަށުން މި އޮތޯރިޓީއިން ހުއްދަ ދީގެން ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޝަކުވާތައް މި އޮތޯރިޓީއަށް ދަނީ ލިބެމުންނެވެ.

 

މި އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދިޔުން ހިމެނެއެވެ. އެގޮތުން، ހިއްކުމުގެ މަސައްކަތުގެ ސަބަބުން، ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަކުރުމަށް، ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމުގެ ސަބަބުން، މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިޒޯޓްތަކާއި މާކައިރިންވެލިނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު (Yellow Alert)  ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރަމުންދިއުން ހިމެނެއެވެ.  

 

ވީމާ، މިފަދަ މަޝްރޫޢުތަކަށް މިއޮތޯރިޓީއިން ފާސްކޮށްފައިވާ އީ.އައި.އޭ ރިޕޯޓުތަކުގައި، މަޝްރޫޢުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޛުކުރުމަށް އަންގަމެވެ. މިގޮތުން، ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްކުރުމާއި، އަތޮޅުތެރެއިން ވެލިނަގާނަމަ، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގެ ހައުސް ރީފް އިން ފެށިގެން މަދުވެގެން 500 މީޓަރ ދުރުމިނެއް ބެހެއްޓުމާއި، މިފަދަ މަޝްރޫޢަކަށް މިއޮތޯރިޓީއިން ދޫކޮށްފައިވާ 'ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދައިގައިވާ "އެޕްރޫވްޑް ބޮރޯ އޭރިއާ" އެތެރެއިން ވެލިނެގުމަށް އަންގަމެވެ. ހަމައެއާއެކު، ހޮޕަރ ޑްރެޖަރ ބޭނުންކުރުމުގައި، އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ކުރިން އޯވަރފްލޯ ކޮންޓްރޯލް ވޭލްވްސް (ގްރީން ވޭލްވްސް-Green valves) ފުރިހަމައަށް ބަންދުކޮށްފައި ހުރިތޯ ޔަޤީންކުރުމަށާއި، ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން، ކަނޑައެޅިފައިވާ ޑްރެޖަރ ރޫޓްތައް ބޭނުންކުރުމާއި، ދަތުރުކުރަމުންދާއިރު، ޓަރބިޑިޓީ މޮނިޓަރކޮށް، ލެވެލް މަތިނަމަ އޮޕަރޭޝަންތަކަށް ބަދަލުގެނައުމަށް ދަންނަވަމެވެ. އަދި، ހަމައެހެންމެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު (Yellow Alert)  ނެރެފައިވާ ދުވަސްވަރުގައި ވެލިނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށްވެސް ދަންނަވަމެވެ.

 

މީގެ އިތުރުން،  ނޭޝަނަލް އޮޝެނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަނުން- އެން.އޯ.އޭ.އޭ (NOAA) ގެ ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، 2026 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި މުރަކަ ހުދުވުމުގެ ފުރުސަތު އޮތުމާއެކު، މިހާރު "އެލާޓް ލެވެލް: "ވޮޗް" އަށް އަމަލުކުރަމުންދާ އިރު، ކުރިއަށް އޮތް 12 ހަފްތާގެ ތެރޭގައި "އެލާޓް ލެވެލް 1" (ބޮޑެތި ބްލީޗިން އެކަށީގެންވާ) އަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ، މި އާ ގުޅިގެން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ހަރުދަނާ ގޮތެއްގައި އިތުރު ފިޔަވަޅުތައް އެޅުމަށް، ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް ސަމާލުކަން ދިނުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.

 

ވީމާ، މި ފަދަ ނާޒުކު ދުވަސްވަރެއްގައި މި އޮތޯރިޓީއަށް ހުށަހެޅޭ އިސްވެ ބަޔާންވެދިޔަ ފަދަ ޝަކުވާތައް ދަނީ ޚާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލައި، އެ ފަދަ މަޝްރޫޢުތައް މޮނިޓަރ ކުރަމުންނެވެ. އަދި މި އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަތަކާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މަޝްރޫޢުތައް ހިންގަވާ ހުރިހާ ފަރާތްތަކުން ވެސް، މި އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކާއި އަދި ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށާއި، މަޝްރޫޢުގެ ކޮންސްޓްރަކްޝަން އަދި އޮޕަރޭޝަނަލް މަރުޙަލާތަކުގައި ކަނޑައަޅާފައިވާ އެންވަޔަރަމަންޓަލް ޕެރަމީޓަރސް މޮނިޓަރކޮށް، ރިޕޯޓުތަކުގައިވާ މޮނިޓަރިންގ ތާވަލާއެއްގޮތަށް، އެންވަޔަރަމަންޓަލް މޮނިޓަރިން ރިޕޯޓް މިއޮތޯރިޓީއަށް ހުށަހަޅަމުން ގެންދެވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވެ.

03 މޭ 2026
ހޯދާ