ދިވެހިރާއްޖެ
ދަރިވަރުން ރާއްޖެއިން ބޭރަށް ކިޔަވަންދިއުމުގެ ކުރިން، އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން އަދި އެ މަރުކަޒަކީ މި އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރު ކުރުމުގެ ގޮތުން، މި އޮތޯރިޓީން ދޫކުރަމުން އަންނަ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ގެ ލިޔުން ހޯދުމަކީ މުހިންމުކަމެކެވެ.
ބައެއް ފަރާތްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ދަރިވަރުން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށްޓަކައި ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދަމުން އަންނަކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މި ލިޔެކިޔުންތައް ހޯދުމަށްޓަކައި މަސައްކަތްކޮށްދޭ ފަރާތްތަކުން ވަރަށް ބޮޑު ފީ އެއް ނަގަމުން އަންނަކަމާއި އަދި މި ފަރާތްތަކާ ގުޅިގެން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންވަމުން އަންނަކަން ވެސް މި އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެގޮތުން، މިފަދަ ފަރާތްތައް މެދުވެރިކޮށް ކިޔަވަން ދިޔަ ބައެއް ދަރިވަރުންގެ "ސްޓޫޑެންޓް ވިސާ" ހަމަ ނުޖެހި އެ ދަރިވަރުންނަށް ކްލާސްތަކުގައި ބައިވެރިވެވޭގޮތް ވެފައިނުވުމުގެ ޝަކުވާ މި އޮތޯރިޓީއަށް ވަނީ ލިބިފައެވެ.
ލޯނުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލެވިފައިވާއިރު، މި ލިޔުން ހޯދުމަށް ތިންވަނަ ފަރާތެއް މެދުވެރިނުވެ އަމިއްލައަށް އެދެވޭނެކަމާއި އަދި މި ޚިދުމަތަކީ މި އޮތޯރިޓީން އެއްވެސް ފީ އެއް ނެގުމެއް ނެތި ދެމުން އަންނަ ޚިދުމަތެއް ކަމުގައި ދަންނަވަމެވެ. މި ޚިދުމަތަށް އީމެއިލް މެދުވެރިކޮށް އަދި އޮތޯރިޓީއަށް އައިސް ހުށަހަޅައިގެންވެސް އެދެވޭނެއެވެ. ޚިދުމަތްތަކަށް އެދުމުގައި އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ މި އޮތޯރިޓީން އެކަން ސާފުކުރެއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.
