މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންނަމާދޫ ކައުންސިލާއި މުވައްޒަފުންނަށް އަމާޒުކޮށް ފަތުރަމުންދާ ޚަބަރުތަކާއި ގުޅޭ

އިންނަމާދޫ ކައުންސިލާއި މުވައްޒަފުންނަށް އަމާޒުކޮށް ފަތުރަމުންދާ ޚަބަރުތަކާއި ގުޅޭ 

 އިންނަމާދޫ ކައުންސިލާއި މުވައްޒަފުން ބަދުނާމުވާގޮތަށް އިނގުރައިދޫ ދާއިރާގެ ނަމުގައި ހިންގާ ފޭސްބުކް އައިޑީގެ ފަރާތުން ފަތުރަމުންދާ ޚަބަރުތަކާއި ޙަވާލާދީ ދަންނަވަމެވެ.

 އިންނަމާދޫ ކައުންސިލް އަދި މުވައްޒަފުން ބަދުނާމުވާގޮތަށް، އަދި ޚާއްސަކޮށް ވަކި މުވައްޒަފެއް ބަދުނާމުކުރުމުގެ ނިޔަތުގައި ޙަޤީގަތް އޮޅޭގޮތަށް، ސާބިތުނުހިފޭ ޚަބަރުތައް އިނގުރައިދޫ ދާއިރާގެ ނަމުގައި ހިންގާ ފޭސްބުކް އައިޑީ އަކުން ތަކުރާރުކޮށް ފަތުރަމުން ގެންދިއުމަކީ މިއިދާރާއިން ހަރުކަށި ޢިބާރާތުން އެކަން ކުށްވެރިކުރާ ކަމެކެވެ. އަދި އެކަމަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބްގެ ޖަޒުބާތުގައި ނުވަތަ ޒާތީކަމެއް ޙާސިލްކުރުމުގެ  ނިޔަތުގައި ކޮށްފައިވާ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަން ފާހަގަކުރަމެވެ. މިއިދާރާގެ އެއްވެސް ހަރުމުދަލެއް ކައުންސިލްގެ ރަސްމީ ހަރަކާތްތަކުގެ ބޭނުމަށް ފިޔަވާ، އެއްވެސް މުވައްޒަފެއްގެ އަމިއްލަ ބޭނުމަށް ގެންގޮސްފައި ނުވާކަން ދަންނަވަމެވެ. އަދި އެއްވެސް ފަރާތަކުން ކައުންސިލަށާއި މުވައްޒަފުންނަށް އެފަދަ ކަމަކަށް ތުހުމަތުކުރެވޭނަމަ، ކަމާއިގުޅުންހުރި މުވައްސަސާ ތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި މިކައުންސިލުން ދެކެމެވެ.

މިފަދަ ނާތަޙުޒީބު ގޮތަކަށް ފޮރުވިގެން ތިބެ އެއްވެސް ހެއްކެއް ނެތް ޚަބަރުތައް ފަތުރާ ދޭދޭ މީހުންގެ މެދުގައި ފިތުނަ އުފެދޭ ޒާތުގެ ކަންކަންކޮށް، އަބުރު ކަތިލައި، ސާބިތުނުހިފޭ ޚަބަރުތައް ލިޔެ ޕޯސްޓް ކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އިނގުރައިދޫ ދާއިރާގެ ނަމުގައި ފޭސްބުކް އައިޑީ ހިންގާ ފަރާތަށާއި އެފަދަ ޢަމަލުތައް ހިންގާ ނުވަތަ އެހީތެރިވެދީ ހަދާ އެންމެހާ ފަރާތްތަކަށް އަންގަމެވެ. އަދި މިފަދަ ކަންކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ފަސާދަ އުފެދި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވުމަށް ހުޅުވޭ ދޮރަކަށް މެނުވީ ނުވާނެކަންވެސް ފާހަގަކުރަމެވެ.

29 މާރިޗު 2026
ހޯދާ