މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
'އެސް.އެމް.އީ ލޯން' ސްކީމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ" އެސް.އެމް.އީ ލޯން" ސްކީމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވައިލަމެވެ. މި ލޯން ސްކީމަކީ، ދައުލަތުގެ ބަޖެޓުން 2015 ވަނަ އަހަރު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓްކުރެވިފައިވާ -/50،000،000 (ފަންސާސް މިލިއަން) ރުފިޔާ ލޯނުގެގޮތުގައި ދޫކުރުމަށް އެސް.އެމް.އީ ކައުންސިލުގެ ލަފާފުޅުގެމަތިން، ފަރުމާކުރެވިގެން، މިމިނިސްޓްރީން، ކުރިއަށްގެންދާ ލޯންސްކީމެކެވެ.

"އެސް.އެމް.އީ ލޯން" ސްކީމް ހިންގުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.

  1. އެސް.އެމް.އީ ލޯން ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި ދާއިރާތައް
  • އެސް.އެމް.އީ ލޯން ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ ފަންޑުގެ އަދަދަކީ -/50،000،000 (ފަންސާސް މިލިއަން) ރުފިޔާއެވެ.
  • އެސް.އެމް.އީ ލޯން ސްކީމަކީ % 100 ދިވެހިން ހިއްސާވާ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެގޮތުގައި ގިންތިކުރެވި، ރަޖިސްޓްރީކޮށްފައިވާ (ނުވަތަ ލޯނަށް ޝޯޓް ލިސްޓްވުމުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެގޮތުގައި ރަޖިސްޓްރީކުރެވޭނެ) ކޮންމެ ވިޔަފާރިއަކަށްވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ލޯން ސްކީމެކެވެ. ވިޔަފާރީގެ ގިންތި ބެލުމަށް ބޭނުންކުރެވޭނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު (2013/6) ގައި ބަޔާންކޮށްފައިވާ މިންގަޑެވެ.
  • ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ތިރީގައިވާ ކަންތައްތަކަށް އިސްކަންދިނުމަށް ހަމަޖެހިފައިވެއެވެ.
  • އަންހެނުންނާއި، ޒުވާން ވިޔަފާރިވެރިންނާއި، އެފަރާތްތަކުގެ އަޣުލަބިއްޔަތު (މެޖޯރިޓީ) އޮންނަ ވިޔަފާރިތަކަށާއި، އިމްޕޯޓް ސަބްސްޓިޓިއުޓްކުރާ، ނުވަތަ އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް.
  • ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކާއި، ޕްރޮސެސްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް.
  • މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި، އެހެން ރައްރަށުގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް.
  • ޒުވާނުންކަމަށް ބަލާނީ މި އިޢުލާނުގައިވާ އެޕްލިކޭޝަން ބަލައިގަންނަން ކަނޑައަޅާފައިވާ ތާރީޚާ ހަމައަށް މީލާދީ ސަނަތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކެވެ. އަދި ހުށަހަޅަނީ ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ނަމުގައިނަމަ، މި އުމުރުފުރައިގެ ޒުވާނުންގެ އަޣުލަބިއްޔަތު (މެޖޯރިޓީ) އޮންނަ ވިޔަފާރިތަކެވެ. މިފަދައިން އަންހެނުންގެ އަޣުލަބިއްޔަތު (މެޖޯރިޓީ) އޮންނަ ވިޔަފާރިތައް ވެސް އަންހެނުންގެ ބައިގައި ހިމެނޭނެއެވެ.
  • މި ސްކީމްގެ ދަށުން ފައިނޭންސްކުރެވޭ އެންމެ މަތީ އަދަދަކީ، ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށްނަމަ -/500،000 (ފަސް ލައްކަ) ރުފިޔާ، ފާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ -/1،500،000 (އެއް މިލިއަން ފަސްލައްކަ) ރުފިޔާއެވެ.
  • މި ސްކީމްގެދަށުން ކޮންމެ ވިޔަފާރިއަކަށް ހުށަހެޅޭނީ އެއްދާއިރާއަށް ފެތޭ އެއް އެޕްލިކޭޝަނެވެ. މި ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރީގެ ދާއިރާތަކަކީ:

ދާއިރާ 1

  1. ފަތުރުވެރިކަމުގެ ދާއިރާ (ޓޫރިޒަމް)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ %20

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

1.1 ފަތުރުވެރިކަމުގެ ދާއިރާއިން ގެސްޓް ހައުސް ތަރައްޤީކުރުމަށް ނުވަތަ ފުޅާކުރުމަށް.

1.2 ފަތުރުވެރިކަމުގެ ދާއިރާއިން އަތްތެރި މަސައްކަތުން ސުުވެނިއަރ އުފެއްދުމަށް ކުރެވޭ މަސައްކަތާއި ވިޔަފާރިތަކަށް.

1.3 ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރި ތަރައްޤީކޮށް ފުޅާކުރުމަށް (ގުޅުންހުރި ވިޔަފާރީގެގޮތުގައި މި ބައިގައި ބަލާނީ: ޕޮޓޯގްރަފީ، ޕާފޯމިންގް އާޓްސް، ޑައިވިންގ ސެންޓަރ/ސްކޫލް އަދި ވޯޓަރ ސްޕޯޓްސްގައި މަސައްކަތްކުރާ ވިޔަފާރިތަކެވެ.)

ދާއިރާ 2

  1. 2. ދަތުރުފަތުރުކުރުމުގެ ދާއިރާ (ޓްރާންސްޕޯޓް)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ %20

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

 

2.1 ދަތުރުފަތުރުކުރުމުގެ  ދާއިރާއިން ސައިކަލާއި ކާރު ފިޔަވައި އެއްގަމުގައި ދުއްވާ އުޅަނދު ގަތުމަށް.

2.2 ދަތުރުފަތުރު ކުރުމުގެ ދާއިރާއިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގަތުމަށް ނުވަތަ މަރާމާތު/ އަޕްގްރޭޑްކުރުމަށް.

ދާއިރާ 3

  1. 3. އިމާރާތް ކުރުމުގެ ދާއިރާ (ކޮންސްޓްރަކްޝަން)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ % 15

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

3.1 ކޮންސްޓްރަކްޝަން މަސައްކަތް

3.2 ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް މެޓީރިއަލްސް / އިކުއިޕްމަންޓް ގަތުމަށް.

3.3 އިމާރާތްކުރުމުގެ ދާއިރާގައި ސަބް ކޮންޓްރެކްޓަރުންގެގޮތުގައި ތަފާތު ޚިދުމަތްތަށް ފޯރުކޮށްދޭ ތަފާތު ވިޔަފާރިތައް ހިމެނޭނެއެވެ. (މިގޮތުން ޚިދުމަތްތައް ފޯރުކޮށްދޭ ތަފާތު ވިޔަފާރީގެގޮތުގައި މިބައިގައި ބަލާނީ ކަރަންޓް، އެއަރ ކޮންޑިޝަނިންގ، ފެންވަޔަރުކުރުން، ނެޓްވާކިންގ އަދި ގައު ނުވަތަ ދޮރުފަދަ މެޓީރިއަލް އުފައްދާ ފަރާތްތައް.

3.4 މެޓީރިއަލް އިމްޕޯޓްކޮށް ރީސެލްކުރާ ފަރާތްތައް މި ބައިގައި ނުހިމެނޭނެއެވެ.

ދާއިރާ 4

  1. 4. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ % 10

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

މަސްވެރިކަމުން/ދަނޑުވެރިކަމުން އުފައްދާ ތަކެތި ޕްރޮސެސްކުރުމަށާއި، ވެލިއު އިތުރުކުރުމަށްޓަކައި ބޭނުންވާ މެޓީރިއަލް/ މެޝިނަރީޒް/ އިކުއިޕްމަންޓް ހޯދުމަށް

ދާއިރާ 5

  1. 5. ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ % 10

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

ކޯޕަރޭޓިވް ސޮސައިޓީތަކުން ވިޔަފާރި ފެށުމަށާއި ކުރަމުންދާ ވިޔަފާރިއެއް ތަރައްޤީކޮށް ފުޅާކުރުމަށް

ދާއިރާ 6

  1. 6. ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރވިސް ސެކްޓަރ)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ % 10

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

އެހެން ވިޔަފާރިތަކަށް ނުވަތަ ރައްޔިތުންނަށް ތަފާތު ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތައް (މިގޮތުން، ޚިދުމަތްތައް ފޯރުކޮށްދޭ ތަފާތު ވިޔަފާރީގެގޮތުގައި މި ބައިގައި ބަލާނީ: ފައިނޭންޝަލް ސަރވިސަސް، ޕްރޮފެޝަނަލް ސަރވިސަސް، ޑިޒައިން ނުވަތަ ކްރިއޭޓިވް ސަރވިސަސް، އިވެންޓް މެނޭޖްމަންޓް، ކްލިނިކް، ތަޢުލީމާއި ތަމްރީން ދިނުން، ހޮސްޓެލް ނުވަތަ ކުޑަކުދިން ބަލާ ތަންތަން (ޑޭކެއަރ) ގެ މަސައްކަތްކުރާ ވިޔަފާރިތަކެވެ.

ދާއިރާ 7

  1. 7. ވޭސްޓް މެނޭޖްމަންޓް ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ %5

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

ކުނި މެނޭޖްކުރުން، އުކައިލުން، ނައްތައިލުމާއި ރީސައިކަލްކޮށް އަލުން ތަކެތި އުފައްދާ ވިޔަފާރިތަކަށް

ދާއިރާ 8

  1. 8. އޯޕަން ކެޓަގަރީ ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ % 10

ޕްރޮޕޯޒަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

މަތީގައި ފާހަގަކޮށްފައިވާ ބައިތަކުން ބައެއްގައި ނުހިމެނޭ ވިޔަފާރިތައްނަމަ ލޯނަށް ހުށަހަޅާނީ މި ދާއިރާއަށެވެ.

  • މި ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ދާއިރާތަކުން ދާއިރާއަކަށް ސީލިންގ ހަމަވާ އަދަދަށް ޝަރުޠުހަމަވާ އެޕްލިކޭޝަން ނުލިބިއްޖެނަމަ ނުވަތަ ސީލިންގއާ އެންމެ ކައިރިކުރާ މިންވަރަކަށް ލޯނު ދޫކޮށްފައި ބާކީ އަދަދެއްވާނަމަ، އެއަދަދެއް މަތީގައި ބަޔާންކޮށްފައިވާ 8 ދާއިރާއިން ދާއިރާއަކަށް ބަދަލުކޮށްގެން އެ ދާއިރާއަށް ހުށަހަޅާފައިވާ އެޕްލިކޭޝަން އިވޭލުއޭޓްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ނިންމިދާނެއެވެ.
  • ފަންޑް މެނޭޖަރ: އެސް. އެމް. އީ. ލޯން ސްކީމުގެ ފަންޑް މެނޭޖަރެއްގެގޮތުގައި މަސައްކަތް ކުރާނީ ބޭންކް އޮފް މޯލްޑިވްސްއެވެ.
  • މުއްދަތު:

- ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިޢާޔަތްކުރުމަށްފަހު، 6 އަހަރަ ދުވަހަށްވުރެ މުއްދަތު އިތުރުނުވާ ގޮތަށެވެ. މި މުއްދަތުގައި ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެއެވެ.

- އަލަށް ފަށާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިތަކުން ގްރޭސްގެ މުއްދަތުގައި ލޯނުގެ އިންޓްރެސްޓަށްވާ މިންވަރު ދައްކަންޖެހޭނެއެވެ. އެހެންނަމަވެސް އަލަށް ފަށާ ވިޔަފާރިއެއްނަމަ ގްރޭސްގެ މުއްދަތުގައި އިންޓްރެސްޓަށްވާ މިންވަރު ދެއްކުމަށް ނުވަތަ އިންޓްރެސްޓަށްވާ މިންވަރު ފަހުން ދެއްކުމަށް ޚިޔާރުކުރެވިދާނެއެވެ.

  • އިންޓްރެސްޓް ރޭޓް: އެސް.އެމް.އީ ލޯން ސްކީމުގެ އިންޓްރެސްޓް ރޭޓަކީ، އަހަރަކު %9 (ނުވައެއް އިންސައްތަ)
  • އަމިއްލަ ފައިސާ އިންވެސްޓްކުރުން:

-  މި ސްކީމަށް އެދޭ ފަރާތުން ކުރުމަށް ހުށަހަޅާ ޕްރޮޖެކްޓްގެ ޖުމްލަ އަގުގެ މަދުވެގެން (ދިހަ އިންސައްތަ) އިކުއިޓީގެގޮތުގައި ވިޔަފާރީގައި އިންވެސްޓްކުރުން ލާޒިމްވާނެއެވެ. އެހެންނަމަވެސް ވިޔަފާރި ދެމެހެއްޓެނިވިގޮތެއްގައި ހިންގުމަށް ލޯނަށްއެދޭ އަދަދުގެ އިތުރުން ފައިސާއެއް ބޭނުންވާނަމަ، ލޯނުދޫކުރުމުގެ ކުރިން އިތުރަށް ބޭނުންވާ މިންވަރެއް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން އަމިއްލައަށް އިންވެސްޓްކޮށް ނިންމަންވާނެއެވެ.

  • ރަހުނުކުރުން: މި ސްކީމްގެ ލޯނަށް ހޮވުމަށް ރަހުނެއް ހުށަހަޅާކަށެއް ނުޖެހެއެވެ. އެހެންނަމަވެސް، ދަރަނި އަދާކޮށް ޚަލާޞްވަންދެން މި ލޯނުގެ ދަށުން ހޯދޭ ވިޔަފާރީގެ މުދާލާއި ތަކެތި ރަހުނުގެގޮތުގައި ބަހައްޓަންޖެހޭނެއެވެ.
  • އިންޝުއަރެންސް ނެގުން: ދަރަނި އަދާކޮށް ޚަލާޞްވަންދެން، ފައިނޭންސްކުރެވޭ ތަކެއްޗާއި ރަހުނުކުރެވުނު ތަކެތި ފުރިހަމައަށް އިންޝުއަރކުރަން ޖެހޭނެއެވެ.
  • އެއްބަސްވުމާ ޚިލާފުވުން: މި ސްކީމްގެ ދަށުން ފައިނޭންސްކޮށްދިނުމަށް ވެވޭ އެއްބަސްވުމާ ޚިލާފުވާނަމަ ޢަމަލުކުރާނީ އަންނަނިވިގޮތުގެ މަތިންނެވެ:
  • ތާވަލާ އެއްގޮތަށް ދަރަނި އަދާކުރުމަށް 90 (ނުވަދިހަ) ދުވަހުގެ މުހުލަތެއް ދިނުމުންވެސް އެގޮތުގެމަތިން ދަރަނި އަދާކުރަން ފަށާފައިނުވާނަމަ، ދަރަނި އަދާކުރުމަށް ހަމަޖައްސާފައިވާ ތާވަލު ބާޠިލުކޮށް، މުޅި ދަރަނި އެއްކޮށް އެއްފަހަރާ ދައްކައި ޚަލާޞްކުރުމަށް އެންގޭނެއެވެ. އަދި އެ ދަރަނި ހޯދުމަށް ޢަމަލުކުރާ އުސޫލުތަކުގެމަތިން އެޅެންހުރި އެންމެހައި ޤާނޫނީ ފިޔަވަޅެއް އެޅޭނެއެވެ.
  • ފައިނޭންސްކޮށްދިން ވިޔަފާރީގެ ބޭނުން ނޫން އެހެން ބޭނުމަކަށް ފައިސާ ބޭނުންކުރާކަން އެނގިއްޖެނަމަ، ދަރަނި އަދާކުރުމަށް ހަމަޖައްސާފައިވާ ތާވަލު ބާޠިލުކޮށް، މުޅި ދަރަނި އެއްކޮށް އެއްފަހަރާ ދައްކާ ޚަލާޞްކުރުމަށް އެންގޭނެއެވެ. އަދި އެ ދަރަނި ހޯދުމަށް ޢަމަލުކުރާ އުސޫލުތަކުގެމަތިން އެޅެންހުރި އެންމެހައި ޤާނޫނީ ފިޔަވަޅެއް އެޅޭނެއެވެ.

2. އެޕްލިކޭޝަން ފޯމް:

  • ފޯމު ލިބެން ހުންނާނެ ތަން: މި ސްކީމަށް އެދޭ ފޯމާއި އިތުރު މަޢުލޫމާތު، 6 ޑިސެންބަރު 2015 އިން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނާއި ސަރަހައްދީ 6 ބިޒްނަސް ސެންޓަރުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ރަސްމީ ވެބްސައިޓް (www.trade.gov.mv) މެދުވެރިކޮށް ފޯމު ލިބެން ހުންނާނެއެވެ. 
  • ފޯމު ހުށަހަޅަންޖެހޭ ތަން: ލޯނު ސްކީމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު ތަފްސީލް ޕްރޮޕޯޒަލާއި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފޯމު ހުށަހަޅާނީ ތިރީގައިމިވާ ތަންތަނުގެ ތެރެއިން ކޮންމެވެސް އެއްތަނަކަށެވެ. ވިޔަފާރިއަކުން އެއްތަނަށްވުރެ ގިނަތަނަށް ހުށަހަޅާފައިވާނަމަ، އިވޭލުއޭޓްކުރުމަށް ބަލާނީ، ފުރަތަމަ ހުށަހެޅޭ ފޯމަށެވެ.

1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑު ތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3333196، 33333106

    3333152، 3333155

2. ބިޒްނަސް ސެންޓަރ- ކުޅުދުއްފުށި

އާރު. ޑީ. އެމް. އޯ ބިލްޑިންގ، 2 ވަނަ ފަންގިފިލާ، ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ

ފޯން: 6528315، 6528314، 6528312

މޯބައިލް: 7917089

3. ބިޒްނަސް ސެންޓަރ- ނައިފަރު

ފާދިއްޕޮޅު އަތޮޅުގެ، ޅ. ނައިފަރު، ދިވެހިރާއްޖެ

ފޯން: 6620350، 6620351، 6620352

މޯބައިލް: 7918432

4. ބިޒްނަސް ސެންޓަރ- ކުޑަހުވަދޫ

މަލްޓިޕާރޕަސް ބިލްޑިންގ، ފުރަތަމަ ފަންގިފިލާ، ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 6760538، 6760533

މޯބައިލް: 7918495

5. ބިޒްނަސް ސެންޓަރ- ފޮނަދޫ

ކިނބި، ލ. ފޮނަދޫ، ދިވެހިރާއްޖެ

ފޯން: 6800090، 6800097، 6800098

މޯބައިލް: 7914431

6. ބިޒްނަސް ސެންޓަރ– ތިނަދޫ

ނޭޒާ، ވައިލެޓްމަގު، ގދ. ތިނަދޫ، ދިވެހިރާއްޖެ

ފޯން: 6842001
މޯބައިލް: 7913715

7. ބިޒްނަސް ސެންޓަރ- ހިތަދޫ

އައްޑޫސިޓީ ކައުންސިލް އިދާރާ، 2 ވަނަ ފަންގިފިލާ، ހިތަދޫ، ދިވެހިރާއްޖެ

ފޯން: 6881014، 6881013

މޯބައިލް: 7916947

8. އޮންލައިންކޮށްނަމަ: [email protected]

އީމޭލް ކުރައްވާނީ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ތަރުތީބުކޮށް ޕީޑީއެފް ފޯމެޓަށް ބަދަލުކުރުމަށްފަހު ނުވަތަ އެ ފޯމެޓަށް ސްކޭން ކޮށްފައެވެ.

  • އެޕްލިކޭޝަން ފޯމާއި، ހުރިހާ ލިޔެކިޔުމެއް ހުށަހަޅާނީ އެކީގައެވެ. ސުންގަޑި ހަމަނުވިނަމަވެސް، ވަކިވަކިން ލިޔެކިޔުން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. 
  • އެޕްލިކޭޝަން ހުށަހެޅުމުން، ފޯމު ބަލައިގަނތް ދުވަހާއި، ގަޑިއާއި، ބަލައިގަނެވުނު ފޯމުގެ ސީރިއަލް ނަންބަރު އެނގޭނޭހެން ރަސީދެއް ދެވޭނެއެވެ.
  • ފޯމު ބަލައިގަތުން: ފޯމު ބަލައިގަންނާނީ، 2016 ޖަނަވަރީ 17 އިން ފެށިގެން 2016 ޖަނަވަރީ 21 ވަނަ ދުވަހުގެ މެންދުރުފަހު 2.00 ގެ ނިޔަލަށެވެ. ދެން އިތުރަށް ބަލައިގަންނަން ފަށާނީ، ލިބިފައިވާ ޕްރޮޕޯޒަލްތައް ޕްރޮސެސްކުރުމަށްފަހު، ފަންޑިންގ ހުރި މިންވަރަށް ބަލައި، އިޢުލާންކުރަންޖެހޭނަމަ، އިޢުލާނު ކުރުމަށް ފަހުގައެވެ.

3. އިންކިއުބޭޝަން އެންޑް މޮނިޓަރިންގ:

އަލަށް ފަށާވިޔަފާރިއެއްނަމަ، 3 މަސްދުވަހާއި 9 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އިންކިއުބޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ލޯން ލިބޭ ހުރިހާ ފަރާތްތަކުންވެސް، ކޮންމެ ތިންމަހަކުން (ކުއާޓަލީ) ރިޕޯޓާއި، އަހަރީ ރިޕޯޓް، ލޯނު އަނބުރާ ދެއްކުމާ ހަމަޔަށް ސްކީމަށް ހުށަހަޅަން ޖެހޭނެއެވެ.

4. އެސް.އެމް.އީ ލޯން ސްކީމުގައި އެޕްލިކޭޝަން ބަލައިގަތުމާއި އިވޭލުއޭޓްކުރުމުގެ ޕްރޮސެސް ކުރިއަށްދާނެގޮތް:

އެސް.އެމް.އީ ލޯން ސްކީމަށް ހުށަހަޅާ އެޕްލިކޭޝަން ބަލައިގަތުމާއި އިވެލުއޭޓްކުރުން ކުރިއަށްދާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  • އެޕްލިކޭޝަން ބަލައިގަންނައިރު، އެސް.އެމް.އީ ލޯންގެ އެޕްލިކޭޝަން ފޯމާއި، އެފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިއެކިއުންތައް ފުރިހަމައަށް ބަލާނެއެވެ. އަދި ބަލައިގަތުމަށްފަހުގައިވެސް އެއްވެސް ލިޔެކިޔުމެއް މަދުވާނަމަ، ލިޔެކިޔުން ފުރިހަމަކުރުމަށްފަހު، ފުރުސަތެއް ދިނުމަށްފަހު، ފުރިހަމަނުކޮށްފިނަމަ، ފޯމު ބާޠިލުކުރެވޭނެއެވެ. އީމެއިލްކުރާ އެޕްލިކޭޝަނެއްނަމަ، އީމެއިލް ކުރާނީ، ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް، ތަރުތީބުކޮށް، ޕީޑީއެފް ފޯމެޓަށް ބަދަލުކުރުމަށްފަހު ނުވަތަ އެ ފޯމެޓަށް ސްކޭން ކުރުމަށްފަހުގައެވެ.
  • ފުރަތަމަ ބަލާނީ ބަލައިގަނެވިފައިވާ އެޕްލިކޭޝަންތަކާއި އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކުރެވިފައި ވޭތޯއެވެ.
  • އެއަށްފަހު ހުށަހެޅިފައިވާ ހުރިހާ އެޕްލިކޭޝަނެއް ކަނޑައެޅިފައިވާ 8 ދާއިރާއަށް ބައިކުރެވޭނެއެވެ. އެއްދާއިރާއަށްވުރެ ގިނަ ދާއިރާގައި ފާހަގަޖަހާފައިވާނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާކަމަށް ބަލައި، ބާޠިލް ކުރެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު، އިވެލުއޭޓްކުރުމުގެ ފުރަތަމަ މަރުޙަލާގައި، ޝަރުޠު ފުރިހަމަވޭތޯ ބަލާނެއެވެ. މިގޮތުން، ފުރިހަމަވާންޖެހޭނެކަމަށް ކަނޑައަޅާ ޝަރުޠުތަކަކީ:
  • ރެޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއެއްތޯ ބެލުމަށްފަހު، ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ، މި ސްކީމުގައި ބަޔާންކުރެވިފައިވާ ދާއިރާއަކަށް އަދި ގިންތިއަކަށް ފެތޭގޮތަށްތޯ ބެލެވޭނެއެވެ. އަދި އެދިފައިވާ ފައިސާގެ އަދަދަކީ މި ސްކީމުގައި ބަޔާންކުރެވިފައިވާ ފައިސާގެ އަދަދުތަކަށްފެތޭ މިންވަރެއްތޯ ޔަގީންކުރެވިގެންދާނެއެވެ.
  • ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްނަމަ، ޓެކްސް ކޮމްޕްލަޔަންޓްވާކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން ނުވަތަ ސެޓްފިކެޓާއި، ހިނގަމުންދާ އަހަރަށް ޓެކްސް ރިޓާންއާއި، ޓެކްސް ޕޭމަންޓް ވައުޗަރއާއި އަދި މީރާގައި ޓެކްސް ދެއްކުމަށް ރެޖިސްޓަރކުރަން ނުޖެހޭ ފަރާތެއްނަމަ، އެކަން އެނގޭނޭގޮތަށް މީރާއިން ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން، އެފަރާތެއްގެ ދިވެހި މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ރަޖިސްޓްރީކޮށްފައިވާކަމަށް ބަޔާންކޮށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރާ ލިޔުން ހުށަހަޅަންވާނެއެވެ.
  • މަތީގައި ދަންނަވާފައިވާ ބައި ފުރިހަމަވާނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ ޕްރޮޕޯޒަލާ ގުޅިގެން ދެން ކުރިއަށްގެންދަންޖެހޭ ފީސިބިލިޓީ އެނޭލިސިސްއާއި، ކްރެޑިޓް އެސެސްމަންޓުގެ ބައިތައް ކުރިއަށް ގެންގޮސް، ޕްރޮޕޯޒަލްތަކަށް މާކްސްދެވޭނެއެވެ.
  • މާކްސް ދިނުމުގައި އިސްކަންދޭ ފަރާތްތަކަށް ގިނަވެގެން 30 މާކްސް (ކޮންމެ ބަޔަކަށް 10 މާކުހުގެ މަގުން) ބާކީ 70 މާކްސް ޚާއްޞަކުރެވިފައިވަނީ، ވިޔަފާރި ޕްރޮޕޯޒަލް، ފީސިބިލިޓީއާއި، ކުރެވޭ ވިޔަފާރިން ލޯނު ދެއްކުމުގެ ޤާބިލްކަމަށެވެ. އެހެންކަމުން، ވިޔަފާރި ޕްރޮޕޯޒަލްގައިވާ އެންމެހައި ބައިތައް ފުރިހަމަކޮށް، ވީހާވެސް ތަފްސީލު ވިޔަފާރި ޕްލޭނެއް ހުށަހަޅަން ހާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
  • ލޯނަށް ހުށަހަޅާފަރާތުގެ (ވިޔަފާރިއާއި ވެރިފަރާތުގެ) ކްރެޑިޓް ހިސްޓްރީއާއި ނަން ޕާފޯމިންގ އެސެޓްސް (އެން.ޕީ.އޭ) ހިސްޓްރީ) 1 ޖަނަވަރީ 2014 އިން ނުވަތަ އެ ވިޔަފާރިއެއްގެ އެކައުންޓް ހުޅުވި ތާރީޚުން ފެށިގެން 31 ޑިސެންބަރު 2015 އާ ހަމައަށް އެންޕީއޭގެ މައްސަލައެއް އޮތްތޯ ޗެކްކުރެވޭނެއެވެ.)
  • ޗެކް ބައުންސްވުމުގެ އެއްވެސް މައްސަލައެއް އޮތްތޯ ބެލޭނެއެވެ.
  • ލޯނު ދޫކުރުމުގައި އިސްކަންދޭނީ، މި ސްކީމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، އެޕްލިކޭޝަން އިވެލުއޭޓްކުރުމުގައި އެންމެ ގިނަ މާކްސް ލިބޭ ފަރާތްތަކަށެވެ. ކޮންމެ ދާއިރާއަކުން އެންމެ ގިނަ މާކްސް ލިބޭ ފަރާތުން ފެށިގެން އެ ދާއިރާއަކަށް ކަނޑައަޅާފައިވާ ސީލިންގ ހަމަވަންދެން، މާކުހަށް ބިނާކޮށް ލޯނު ދޫކުރާނެ ފަރާތްތައް ހޮވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެއެވެ. އަދި ކޮންމެ ދާއިރާއެއް ވަކިން އެނގޭނޭހެން އެ ދާއިރާތަކުގެ ތެރެއިން ލޯން ސްކީމަށް ހޮވޭ ފަރާތްތަކާއި، ރިޒާވް ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކުރެވޭނެއެވެ.
  • ޕުރިހަމަ ޕްރޮޕޯޒަލަކާއި، އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހެޅުމަކީ ހުށަހަޅާ ފަރާތްތަކުގެ އަމިއްލަ ޒިއްމާއެކެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުމައް އިތުރު ފުރުސަތެއް ނޭރުވޭނެއެވެ.
  • ޝޯޓް ލިސްޓްވާ ފަރާތްތަކަށް ލޯނު ފައިސާ ލިބުމުގެ ކުރިން ދެވޭ މުއްދަތުގައި ފުރިހަމަކުރަންޖެހޭކަމެއް ނުކުރެވިއްޖެނަމަ، އެފަރާތެއްގެ އެޕްލިކޭޝަން ބާޠިލްކުރުމަށްފަހު ރިޒާވް ލިސްޓްގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވާ އަދި ލިބެންހުރި ފައިސާއިން ފުދޭނެ ފަރާތަށް ލޯނު ސްކީމުގައި ބައިވެރިވުމުގެ ފުރުޞަތު އެރުވޭނެއެވެ.

މި ސްކީމާބެހޭ އިތުރު މަޢުލޫމާތު، 6 ޑިސެންބަރު 2015 އިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް (www.trade.gov.mv) އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންނަމަ، މި މިނިސްޓްރީގެ 3333155 ނަންބަރު ފޯނަށް ނުވަތަ 3333152 ނަންބަރު ފޯނަށް ނުވަތަ 3333196 ނަންބަރު ފޯނަށް ނުވަތަ ސަރަހައްދީ ބިޒްނަސް ސެންޓަރަކާ ގުޅުން އެދެމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ