ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިން/ފުލެޓަށް ކުރިމަތިލުމަށް ޓަކައި އެފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އާންމުންގެ ތެރެއިން ގިނަ ފަރާތްތަކުން ކައުންސިލަށް ހުށަހަޅަމުންގެންދާތީ ދަންނަވަމެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމްބަރ: 221-CCS/2026/5(22 ޖަނަވަރީ 2026) ގެ ސިޓީއިން، ރަށު ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މަޢުލޫމާތު މައްޗަށް ބިނާކޮށް ދޫކުރެވޭ ލިޔުމަކަށް ވާންޖެހޭނެ ކަމަށް އަންގާފައިވެއެވެ. އެހެންނަމަވެސް މި ވަގުތު މި އިދާރާގައި އެ މައުލޫމާތު ބެލެހެއްޓިފައެއް ނުވެއެވެ
ވީމާ، މިފަދަ ލިޔުމެއް ކައުންސިލުން ހޯދުމަށް އެދި ހުށަހަޅާނަމަ، އެފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރުއެޅެމުންދާ ފަރާތެއްކަން އަންގައިދޭ ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ ރަސްމީ ލިޔުން ސިޓީއަކާއެކު ހުށަހެޅުމަށް ދަންނަވަމެވެ. މިފަދަ ލިޔުންތަކުގެ ގޮތުގައި ބަލައިގަނެވޭނީ ވަޒީފާ އަދާކުރާކަމުގެ ލިޔުން، ސުކޫލް ލީވިންގ ސެޓްފިކެޓް ފަދަ ކައުންސިލަށް ޤަބޫލުކުރެވޭ ފަދަ ލިޔުންތަކެވެ. އަދި މިހާރު މި ލިޔުން ހޯދުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކުންވެސް ދެންނެވުނު ލިޔުންތައް މި އިދާރާގެ ނަންބަރު 7930016 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުމަށް ދަންނަވަމެވެ.
މިގޮތަށް ހުށައަޅަމުން ގެންދާ ފަރާތްތައް، މި ކައުންސިލުން ވަކި ދަފްތަރެއްގައި މި މައުލޫމާތު ރިކޯޑްކުރުމަށްފަހު، އެފަދަ ލިޔުންތައް ދޫކުރަމުން ގެންދާނެއެވެ. އަދި، ހުށަހަޅާ ލިޔުންތަކުން، އެމީހަކު މާލޭގައި ދިރުޅޭކަން ކައުންސިލަށް ޔަޤީން ނުކުރެވޭނަމަ އެފަދަ ލިޔުމެއް ދޫކުރެވެން ނެތް ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
