މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭސް އިމްޕޯޓުކުރުމާއި ވިއްކުން އަދި އިޝްތިހާރު ކުރުމާއި ގުޅޭ

 މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ 

 މިނިސްޓްރީ އޮފް ހެލްތު 

 މާލެ،   ދިވެހިރާއްޖެ

އިޢުލާން

ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯރޓުކޮށް ވިއްކޭނީ ބޭހާއިބެހޭ ގަވާއިދު (ނަމްބަރ: 2014/R-46) ގައިވާ ގޮތުގެ މަތިން، މިއޮތޯރިޓީގައި ބޭސް އިމްޕޯޓުކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެންނެވެ.

މީގެ އިތުރުން، އިމްޕޯރޓްކުރާ  ހުރިހާ ބޭހަކީވެސް  ދެންނެވުނު ޤަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލު ތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކުމަށް މިއޮތޮރިޓީއިން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓް     ( އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނިފައިވާ ބޭހަށް ވާންޖެހެއެވެ.

ނަމަވެސް މިހާރަކަށް އައިސް، ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް، އެތެރެކޮށް، ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން މިއޮތޯރިޓީއަށް ވަނީ ފާހަގަ ކުރެވިފައެވެ.

އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ، Semaglutide އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަ ތަކުގައި ބޭނުންކުރާ  Azelaic Acid  އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއްކަމަށް ކްލެއިމްކޮށް، އޮންލައިން ޕޭޖް ތަކުގައި  އިޝްތިހާރުކޮށް، ވިއްކަމުން ގެންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މިފަދަ ބޭސް ތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ޙާލަތުގައި އެކަމެއްގެ ޚާއްސަ ޑޮކްޓަރ ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެންނުވާނެ ބޭހެވެ. އަދި ފާރމަސީ ތަކުންވެސް މިފަދަ ބޭސްތައް  ދޫކުރެވޭނީ ޑޮކްޓަރު ލިޔެއްދީފައިވާ ބޭސްސިޓީ އަށެވެ.  ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދާއި ނުލައި މިފަދަ ބޭސް ބޭނުން ކުރުމުން، ހީވެސް ނުކުރާފަދަ ހިތާމަވެރި  ޙާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ވީމާ، މިއޮތޯރިޓީއިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާއި މެދު ބޭހާއިބެހޭ ގަވާއިދު (ނަމްބަރ: 2014/R-46) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.   

19 ޖަނަވަރީ 2026
ހޯދާ