ދިވެހިރާއްޖެ
އިޢުލާނު
އުސޫލު ނަންބަރު 36-ޖީ/2025 ގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުން
"ބޯހިޔާވަހިކަން އެންމެންނަށް" ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމް ތަންފީޒުކުރުމުގެ ގޮތުން، 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ފުލެޓު ދޫކުރުމަށް 28 ޑިސެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު: 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އާ ހަވާލާދީ ދަންނަވަމެވެ.
ބުނެވިދިޔަ އުސޫލުގެ ދަށުން ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 18 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހު (މިއަދު) ގެ ހެނދުނު 09:00 އިން ފެށިގެން 17 އެޕްރީލް 2026 ވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށެވެ. އަދި މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މިގޮތުން، ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު މި އިޢުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާނެއެވެ. މީގެ އިތުރުން، އުސޫލު ނަންބަރު 36-ޖީ/2025 (މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން، ފުލެޓަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ޢަދަދަށް ރިޢާއަތްކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ދެންނެވުނު އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން، އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭނީ މި އިޢުލާންގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކެވެ. އަދި ފުލެޓުގެ ޚާއްޞަ ކެޓަގަރީތަކަށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައްވެސް ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 860-4004، 861-4004، 862-4004، 863-4004، 864-4004 ނުވަތަ 865-4004 އާ ގުޅުއްވުން އެދެމެވެ. އަދި މި މިނިސްޓްރީގެ އީމެއިލް: [email protected] އަށް ހުށަހަޅުއްވައިގެންވެސް މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ. މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށްޓަކައި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމަށް މި މިނިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ނަންބަރު 491/491/2025/184 (IUL) (29 ޑިސެންބަރު 2025) އިޢުލާން ބާޠިލުވީއެވެ.
