ދިވެހިރާއްޖެ
ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 1-188 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދެވޭ "ޚާއްޞަ ޞިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް މުވައްޒަފުން އެދޭ ޙާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިސްވެ ދެންނެވުނު މާއްދާގެ ދަށުން މުވައްޒަފުން ޗުއްޓީއަށް އެދޭ ޙާލަތުގައި، އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ދެންނެވީމެވެ.
މިގޮތުން، މުވައްޒަފުން ޗުއްޓީއަށް އެދި ހުށަހަޅާ އިރު، ޗުއްޓީ ފަށަން ބޭނުންވާ ތާރީޚުގެ 15 (ފަނަރަ) ދުވަސްކުރިން ކަމާގުޅުންހުރި ލިޔެކިޔުންތަކާއެކު "ޚާއްޞަ ޞިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށް މި ކޮމިޝަނަށް ހުށަހެޅުމަށް ދެންނެވީމެވެ.
މި ސަރކިއުލަރ އާންމުކުރުމާއެކު، މި ކޮމިޝަނުގެ ނަންބަރު 188-LERD/CIR/2022/57 (03 ޖުލައި 2022) ސަރކިއުލަރ ނޯޓާއި، 188-LAD/CIR/2024/59 (03 ޖުލައި 2022) ސަރކިއުލަރ ނޯޓު ބާޠިލުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.
