ދިވެހިރާއްޖެ
މި އޮތޯރިޓީން 04 ޖަނަވަރީ 2025 (އާދީއްތަ) ދުވަހު ޢާންމުކުރި ނަންބަރު (PR)218-Admin/218/2026/2 ނޫސްބަޔާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
އެމް.ކިއު.އޭގެ އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު 2022/R-77)، އާއި "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" (ގައިޑްލައިން ނަންބަރު 2022/G-39) އާއި އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ޤަވާއިދު (ގަވާއިދު ނަންބަރު 2025/R-89) އާ ޚިލާފަށް ސްރީލަންކާގެ "އެމަޒޯން ކޮލެޖް" އަދި "އަލްޒެޓް ޔުނިވަރސިޓީ" (ވަކި ޤައުމެއްކަން ނޭނގޭ) ގައި ޕްރޮގްރާމްތައް ހިންގައި، ދަރިވަރުންނަށް ވަނީ އެވިޑް ކޮލެޖްގެ ސަނަދު ދީފައެވެ. މިކަން ފާހަގަކުރެވިފައިވަނީ، އެވިޑް ކޮލެޖުން ހިންގުމަށް ހުއްދަ ދީފައިވާ ބައެއް ޕުރޮގުރާމް، ސްރީލަންކާގެ "އެމަޒޯން ކޮލެޖު" އަދި "އަލްޒެޓް ޔުނިވަރސިޓީ" ގައި ހިންގައި، އެ ފަދަ ޕުރޮގުރާމުތައް ފުރިހަމަކޮށް ގްރެޖުއޭޓްވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސަނަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި، އެކި ޤައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް ކޮލެޖުން މި އޮތޯރިޓީއަށް ޙިއްޞާކޮށްފައިވާ މަޢުލޫމާތުތަކުންނެވެ.
ހަމައެއާއެކު، ސްރީލަންކާގެ "ޗެސްޓަރ ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް"ގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގުމަށް އިޝްތިހާރުކޮށް އިޢުލާންކޮށްފައިވާކަން މި އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތާއި މި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި މި އޮތޯރިޓީން ބެލިބެލުމުން ވަނީ ފާހަގަކުރެވިފައެވެ. ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި ތަންތަނަކީ ސްރީލަންކާގެ TVEC، UGC އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން" ގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫންކަމެވެ.
29 އޮގަސްޓް 2024 އިން ފެށިގެން މި އޮތޯރިޓީން ދަނީ، މިތަނުން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވަމުންނެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައި އިރުވެސް މި އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަން މި އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތުތަކުންނާއި ލިޔެކިޔުންތަކުން އަދި އެވިޑް ކޮލެޖުން މި އޮތޯރިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވެއެވެ.
މިފަދަ ޢަމަލުތަކުގެ ނަތީޖާއަކަށް ވެގެން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ޤާއިމްވެފައިވާ އިތުބާރާއި ޔަޤީންކަމަށް އިޢާދަނުކުރެވޭފަދަ ގެއްލުންތައް ލިބެމުން ދިޔުމެވެ. އަދި މީގެ އިތުރުން، މިފަދަ ކަންކަމުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ދެމިއޮންނަ ގާތް އެކުވެރި ގުޅުމަށް ހީނަރުކަން އައުންވެސް އެކަށީގެންވެއެވެ. ވަކިން ޚާއްޞަކޮށް، މިފަދަ ޤަވާޢިދާ ޚިލާފު ޢަމަލުތަކުގެ ސަބަބުން، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް އެކަމުގައި ގެއްލުން ލިބި، އެކަމުގެ ނޭދެވޭ އަސަރުކޮށް ބައިނަލްއަޤްވާމީ ދަރިވަރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އައުމަށް ފަސްޖެހި، ރާއްޖޭގެ ތަޢުލީމީ ފެންވަރާއި މިންގަނޑުތަކާމެދު ސުވާލު އުފެދި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ބައިނަލްއަޤްވާމީ މަޤްބޫލުކަން ގެއްލި، އެ ސަނަދުތައް ބަލައިނުގަތުމުގެ ކަންބޮޑުވުން އެބައޮތެވެ.
މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި މި އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް 17 ފެބްރުއަރީ 2025 ގައި ސިޓީއަކުން އިލްތިމާސްކޮށްފައިވާނެއެވެ. އަދި 18 ފެބްރުއަރީ 2025 ގައި މިކަމާ ގުޅިގެން އާންމު އިޢުލާނެއް ކޮށްފައިވާނެއެވެ. އަދި 30 ސެޕްޓެމްބަރ 2025 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު)ގެ ދަށުން، މި އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގުމަށް އިލްތިމާސްކޮށްފައިވާނެއެވެ.
މިކަންކަމާއި ގުޅިގެން، ތަކުރާރުކޮށް މިކަން ރަގަޅުކުރުމަށް އެވިޑް ކޮލެޖަށް ވަނީ އެންގިފައެވެ. ނަމަވެސް، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު: 2022/R-77) އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89)އާ ޚިލާފުވެފައިވާތީ އެމް.ކިއު.އޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89)ގެ 12 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވުމާއެކު، މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
