ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދިވެރިކޮށް މި މިނިސްޓްރީއިން ދަނީ ދާއިމީ ކޯޓާ (ޕަރމަނަންޓް ކޯޓާ) އަދި ޕްރޮޖެކްޓް ކޯޓާ ދޫކުރަމުންނެވެ. އެގޮތުން، ދާއިމީ ކޯޓާ (ޕަރމަނަންޓް ކޯޓާ) ދޫކުރުމުގެ އުސޫލުތަކަށް މި މިނިސްޓްރީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މިގޮތުން، 2026 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވަރކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު ހުށަހެޅުމުންނެވެ. މި ފޯމު އަދި އިޤުރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވަރކް ސައިޓް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން މިނިސްޓްރީން އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތައްގައި، ސައިޓް ރަޖިސްޓަރީކުރަނީ ކުއްޔަށް ހިފާތަނެއްގައި ކަމުގައިވަނީ ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
އަދި ދަންނަވަމެވެ. މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން، 2026 ޖަނަވަރީ 31 ވަނަ ދުވަހިގެ ކުރިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ "ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕަރމިޓް އަޕްޑޭޓް" މެދުވެރިކޮށް ހުށަހެޅުމަށް ހުރިހާ ވަޒީފާދޭ ފަރާތްތަކަށް އަންގަމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ވާހަކަ ހުރިހާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
12 ރަޖަބް 1447
