ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (2013/R-13) ގެ ދަށުން މިއޮތޯރިޓީއިން ހުއްދަ ދީގެން މާލެ އަތޮޅުގައި ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޝަކުވާތައް މިއޮތޯރިޓީއަށް ލިބެމުންދާކަން ދަންނަވަމެވެ. މި ޝަކުވާތަކުގެ ތެރޭގައި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއްނެތި މަސައްކަތް ކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރީނދޫ ސަމާލު (Yellow Alert) ނެރެފައިވާ ދުވަސްވަރުގައިވެސް މަސައްކަތް ކުރަމުންދިއުން ފަދަ ކަންކަން ހިމެނެއެވެ.
މިއޮތޯރިޓީއަށް ހުށަހެޅިފައިވާ މިފަދަ ޝަކުވާތަކާ ގުޅިގެން، މިހާރު މިދަނީ އެކަންކަން ބަލައި، މަޝްރޫޢުތައް މޮނިޓަރ ކުރަމުންނެވެ. އަދި ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މަޝްރޫޢުތައް ހިންގަވާ ހުރިހާ ފަރާތްތަކުންވެސް، މިއޮތޯރިޓީއިން ފާސްކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކާއި (EIA Reports) އަދި ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރަމެވެ.
