އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމާބެހޭ

ދިރިއުޅުމަށްޓަކައި އދ. އޮމަދޫން 40 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމަވާފައިވުމާއެކު, ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ.

ވީމާ، ގޯތި ހޯދުމަށް ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ "އދ. އޮމަދޫ ގޯއްޗަށް އެދޭ ފޯމު 2015" ނަންގަވައި ފުރުއްވުމަށްފަހު ފޯމުގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރަށުން ބޭރުގައި ހުންނެވުމުގެ ސަބަބުން ފޯމު ނެންގެވުމަށް ވަޑައިގެންނެވެން ނެތްނަމަ، ސިޓީއަކާއެކު މީހަކު ފޮނުވުމުން އެ ފޯމު އެފަރާތަކާ ހަވާލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2015 ނޮވެންބަރު 08 ން ފެށިގެން 2015 ނޮވެންބަރު 27 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހުގެ 1:30 އަށެވެ. ގޯއްޗަށް އެދި ހުށަހަޅުއްވާ ފޯމު ބަލައިގަތުމަށްފަހު ފޯމު ބަލައިގަތްކަން އަންގައިދޭ ސްލިޕެއް ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއެކު "އދ. އޮމަދޫން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަންގައިދޭ ޗާޓު" އާއި "ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ގައިގާ ހުންނަންވާ ޝަރުޠު 2015 އާއި، އދ. އޮމަދޫން ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ދޭ ތާވަލު އަދި ގޯތި ދޫކުރުމުގެ ކަންކަން ގެންދާނޭ ތަރުތީބު މި އިދާރާގެ ނޯޓިސްބޯޑާއި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނު ނުކުތުމުން މީގެ ކުރިން ގޯއްޗަށް އެދި މި ކައުންސިލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއް ބާޠިލުވީއެވެ. އަދި މީގެކުރީފަހަރު ގޯއްޗަށް އެދޭ ފޯމު ގަނެ ހުށަހަޅާފައިވާ ފަރާތްތަކަށް މިފަހަރު ފޯމު އެއްވެސް އަގެއްނެތި ދޫކުރާގޮތަށް ހަމަޖެހިފައިވާތީ މިވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގޯއްޗަށް އެދޭ ފޯމެއް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/15 ރުފިޔާއެވެ. އަދި ގޯތި ހޯދުމަށް ބޭނުންވެލައްވާ އެންމެހާ ފަރާތްތަކުން އިޢުލާނުގައިވާ މުއްދަތަށް ފޯމު ނަންގަވައި، ފޯމުގައި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތުތައް ކިޔަން އެނގޭނެހެން ފުރިހަމަކޮށް، މުއްދަތަށް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.                 

26 މުޙައްރަމް 1437

08 ނޮވެންބަރު 2015
ހޯދާ