މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މީރާގައި ޓެކްސް އަށް ރެޖިސްޓަރ ވުމާ ބެހޭ

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 2010/3) ގެ 21 ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވޭ ކޮންމެ ކުންފުންޏަކާބެހޭ މަޢުލޫމާތު، ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަންވާނެ ކަމަށް ބަޔާންކުރާތީ، އަދި މި މިނިސްޓްރީގައި ކުންފުނި ރަޖިސްޓަރީކުރުމަށްފަހު، ޓެކްސްއަށް ރަޖިސްޓަރީކުރުމަށް މީރާއަށް އިތުރު ފޯމެއް ހުށަހަޅަން އޮންނަ އޮތުން، ވިޔަފާރި ރަޖިސްޓަރީކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި މިނިސްޓްރީގައި ރަޖިސްޓަރީކުރާ ކުންފުނި، ޕާޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓަރީކުރުމަށް މި މިނިސްޓްރީއަށް ހުށަހަޅާއިރު، މީރާގެ ފޯމު ނަންބަރު MIRA 101S (ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުން) ފުރިހަމަކޮށް މި މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، 21 ޖުލައި 2013 އިން ފެށިގެން، ކުންފުނި، ޕާޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓަރީކުރުމަށް މި މިނިސްޓްރީއަށް ހުށަހަޅާއިރު، މިހާރު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތަކުގެ އިތުރުން، އިސްވެދެންނެވުނު މީރާގެ ފޯމު ނަންބަރު MIRA 101S ފުރިހަމަކޮށް މި މިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ. މި ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަދި 21 ޖުލައި 2013 އިން ފެށިގެން، މިފޯމު މި މިނިސްޓްރީއަށް ހުށަހަޅައި ރަޖިސްޓަރީކުރާ ވިޔަފާރިތަކުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރުމަށް އިތުރު ފޯމެއް ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މިގޮތުގެ މަތިން ރަޖިސްޓަރީކުރެވޭ ވިޔަފާރިތަކުގެ ޓެކްސް އައިޑެންޓިފިކޭޝަން ނަންބަރާބެހޭ މަޢުލޫމާތު، މީރާއިން އެ ވިޔަފާރިއަކަށް އަންގާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ރަމަޟާން 1434

11 ޖުލައި 2013
ހޯދާ