ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާބެހޭ

އިޢުލާން

29 އޮކްޓޫބަރު 2014 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވާ "ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" (ނަންބަރު:2014/R-380) އަށް 29 އޭޕްރިލް 2015 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. އަދި މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ކާބޯތަކެތީގެ ޚިދުމަތްދެމުން ގެންދާ ތަންތަން 29 އޮކްޓޫބަރު 2015 ގެ ކުރިން ގަވާއިދާ އެއްގޮތަށް އަލުން ރަޖިސްޓްރީ ކުރުމަށް ވަނީ އަންގަވާފައެވެ. ނަމަވެސް މިހާތަނަށް ގިނަ ފަރާތްތަކެއް ރަޖިސްޓަރީ ނުކުރެވިވާތީއާއި އަދި މި މުއްދަތުގައި ބައެއް ފަރާތްތަކަށް ރަޖިސްޓަރީ ކުރުމުގައި ތަފާތު ދަތިތައް ހުރިކަމުގެ ޝަކުވާ މި އެޖެންސީއަށް ލިބެމުންދާތީ "ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު"ގެ ދަށުން ރަޖިސްޓަރީ ކުރުމުގެ މުއްދަތު 29 ޖަނަވަރީ 2016 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އާންމުކޮށް އިއުލާން ކުރަމެވެ.

ވީމާ، 29 ޖަނަވަރީ 2016 ގެ ކުރިން ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރެންޓް، ކެންޓީން، ބަދިގެ ފަދަ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި އަލުން ރަޖިސްޓަރީ ކޮށް "ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ" ނެންގެވުމަށް ދަންނަވަމެވެ. އަދި އަތޮޅުތެރޭގައި ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން އެއަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް ނުވަތަ އެ ރަށެއްގެ ސިއްޙީ މަރުކަޒު މެދުވެރިކޮށް ރަޖިސްޓަރީކޮށް ހުއްދަ ދޫކުރުމުގެ އިންތިޒާމު އެ ތަންތަނުގައި ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މި މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކުންވެސް މިފަދަ ތަންތަން ރަޖިސްޓަރީކޮށް ނިންމެވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އަދި 29 ޖަނަވަރީ 2016 އަށްފަހު ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީ ނުކޮށް ހިންގާ ތަންތަން ގަވާއިދުގައި ބަޔާންކުރެވިފައިވާ ފަދައިން ބަންދުކުރެވޭނެ ކަމުގައި ދެންނެވީމެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތީން މިފަދަ ތަންތަން ހުއްދައާ ނުލައި ހިންގި މުއްދަތަށް ބަލައި ގަވާއިދުގެ 25 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން -/5000 (ފަސް ހާސް) ރުފިޔާއާއި -/10,000 (ދިހަ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުންނާއި މި އެޖެންސީގެ ވެބްސައިޓްwww.hpa.gov.mv  އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އެޖެންސީގެ ނަންބަރު 3014488 ފޯނާ ގުޅުއްވުން އެދެމެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015
ހޯދާ