މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމާ ގުޅޭ

 

އިޢުލާން

 

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމާ ގުޅޭ                  

އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުގެ ނަމުގައި އެ ފަރާތްތަކުން ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން 2025 ޖޫން 16 ވަނަ ދުވަހު އާއްމުކުރައްވާފައިވާ އިޢުލާނު ނަންބަރު: (IUL)10-DOFL/10/2025/86 އިން އަންގަވާފައިވާގޮތަށް އަދާހަމަކޮށްފައި ނުވާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން މިހާތަނަށް 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑްތަކުން ފާހަގަކުރެވެއެވެ.

ވީމާ، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކޮށްފައިނުވާ ނަމަ، 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެފަދަ ބިދޭސީންގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކުރުމަށް ދެންނެވީމެވެ. މިމުއްދަތުގެ ތެރޭގައި ކުރިއެކޭވެސް އެއްގޮތަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮކް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި ދަންނަވަމަވެ. މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށް، އެ ބިދޭސީންނާމެދު ޤާނޫނު ނަންބަރު 2007/01 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެކަމާއި އަދި އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް  ޤާނޫނު ނަންބަރ 02/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ ދަށުން 50،000ރ (ފަންސާސް ހާސް ރުފިޔާ) ގެ މަގުން ޖޫރިމަނާކޮށް، ޤާނޫނު ނަންބަރު 2007/01 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެކަން އާއްމުކޮށް އަންގައި އިޢުލާނު ކުރަމަވެ.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނަންބަރު 1485 ނުވަތަ 7690228  އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.

 

17 ރަބީޢުލްއާޚިރު 1447 ހ. 

09 އޮކްޓޫބަރު 2025
ހޯދާ