އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 - މޮނިޓަރަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

(IUL)38-AC/38/2025/168: ނަންބަރު

 

އިޢުލާން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025

މޮނިޓަރަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން، 2025 އޮކްޓޫބަރު 2 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ނިޔަލަށް  އެ ފުރުޞަތު ހުޅުވާލައިފީމެވެ.

(ހ)  އިންތިޚާބު މޮނިޓަރ ކުރުމުގެހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  2. އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  3. އިންތިޚާބުގައި އިތުރު އެހެން މަޤާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައި ނުވުން.
  4. އިންތިޚާބުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.
  5. ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން.

(ށ) އިންތިޚާބުގެ މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭނެގޮތް

މި އިންތިޚާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ބްރޯޑްކާސްޓަރުން ނުވަތަ އެހެން މީޑިއާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓެއް މެދުވެރިކޮށް މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv  އިންނެވެ. އެގޮތުން ފޯމު ހުށަހަޅާނެގޮތް ތިރީގައި އެވަނީއެވެ.

  1. އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ފޯކަލް ޕޮއިންޓަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށް [email protected] އަށް އީ-މެއިލްކުރަންވާނެއެވެ. ( ފޯމާއެކު މީޑިއާ/ބްރޯޑްކާސްޓަރގެ ރަޖިސްޓަރީ/ލައިސަންސް ކޮޕީ އަދި ފޯކަލް ޕޮއިންޓުގެ ދ.ރ.އ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.)
  2. ފޯކަލް ޕޮއިންޓަކަށް ކަނޑައަޅާ ފަރާތަށް މައި ޕޯޓަލްއިން މޮނިޓަރުންގެ ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން އެސް.އެމް.އެސް އެއް ފޯކަލް ޕޮއިންޓަށް ލިބޭނެއެވެ. އަދި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް މޮނިޓަރުންގެ މަޢުލޫމާތު ހުށަހަޅާނީ ފޯކަލް ޕޮއިންޓެވެ.
  3. މޮނިޓަރުންގެ މަޢުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، ވޯޓުލާ މަރުކަޒުގައި މޮނިޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތަށް، އިޤުރާރުވުމަށް އެދި އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ.
  4. މޮނިޓަރަކަށްވާ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިޤުރާރުވާނީ މައި ޕޯޓަލްގެ ތެރެއިންނެވެ.
  5. މޮނިޓަރަކަށްވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭޝަން ކޮމިޝަނުން ޤަބޫލުކުރުމުން އެފަރާތުގެ ފާސް މައި ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެއެވެ.

މި އިންތިޚާބުގައި ގާއިމުކުރާނީ 1 (އެކެއް) ވޯޓުލާ މަރުކަޒެވެ. އަދި ވޯޓުލާ މަރުކަޒު ހުންނާނީ މާލެ ސިޓީގައެވެ. މޮނިޓަރުންގެ ގޮތުގައި ވޯޓުލާ މަރުކަޒަށް ވަނުމަށް ފުރުޞަތު ދެވޭނީ ވޯޓުލާ މަރުކަޒުގައި ޖާގައޮތް މިންވަރަކުން، ކޮންމެ ޙައިސިއްޔަތަކުން 1 (އެކެއް) މޮނިޓަރަކަށެވެ. އަދި ގަވާއިދު ނަންބަރު 2025/R-96 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު) އާއި މި އިޢުލާނާއެކު ޢާންމުކޮށްފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް މޮނިޓަރުން ޢަމަލުކުރަންވާނެއެވެ.

މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން، 2025 އޮކްޓޫބަރު 2 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ނިޔަލަށް، މައި ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޮމިޝަނުގެ ނަންބަރު 3004432 ނުވަތަ 3004412 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2025
ހޯދާ