ދިވެހިރާއްޖެ
އާންމުންގެ ޙިޔާލާ މަޝްވަރާގެ މަތިން، ކެނދިކުޅުދޫގައި ކުނި މެނޭޖްކުރުމަށް ލުޔެއް ދިނުމުގެ ގޮތުން މިކައުންސިލުން 21 ޖުލައި 2024 ގައި ކޮށްފައިވާ އިޢުލާން ނަންބަރުން (IUL)286-MP/286/2024/80 ހުއްދަދެވިފައިވާ ވަގުތުތައް ފިޔަވައި، ވަކި ވަގުތެއް ބެލުމެއްނެތި އެކިތަންތަނުގައި އަލިފާން ރޯކޮށް ކުނިއެންދުމާއި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގޯތިތައް ސާފުކުރުމަށްފަހު ކުނި ނައްތާލުމުގެ ބޭނުމުގައި ބޭނުން ވަގުތެއްގައި ކުނި އެންދުން މިހާރަކަށްއައިސް ޢާންމު ކަމަކަށް ވެފައިވާކަން މިކައުންސިލްއަށް ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން އަވަށުތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދު ތަކުގައިވެސް އަލިފާން ރޯކޮށް ކުނިއަންދަމުންދާތީ އެކަމުގެ ޝަކުވާ ތަކުރާރުކޮށް ކައުންސިލަށްދަނީ ލިބެމުންނެވެ.
އަދި ދަންނަވަމެވެ. ކައުންސިލުން "ހުކުރު ދުވަހު ހެނދުނު ގެވަޅުތަކުގައި ފަތްކުނި އެންދުމަށް" ދޫކޮށްފައިވާ ހުއްދައަކީ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވާ އެއްވެސް ތަނަކަށް ދެވިފައިވާ ޙާއްސަ ހުއްދައެއް ނޫންކަމުން، އެފަދަ އެއްވެސް ތަނެއްގައި ރޯކުރުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދިހަމައެހެންމެ، މިއަދުން ފެށިގެން ކައުންސިލުން ދީފައިވާ ޚާއްސަ ހުއްދައާއި ހިލާފަށް ރޯކުރާ ގެވަޅުތަކުގައި އަދި މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ވާ ގެވަޅުތަކުގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމާއި، އަދި މިއުސޫލުން ބޭރުން އެފަދަ ކަންކަން ތަކުރާރުވަމުން ދާނަމަ ދީފައިވާ ހާއްސަ ހުއްދަ ބާތިލުކޮށް، މިފަދަގެވަޅުތަކުގައި ރޯކުރުން މަނާ ގެވަޅެއްގެ ގޮތުގައި ކަނޑައެޅުމަށް ކައުންސިލުގެ 152 ވަނަ ޖަލްސާއިންވަނީ ނިންމާފައެވެ.
ވުމާއެކު، ބުނެވިދިޔަ އުސޫލާ ޚިލާފަށް، ޢަމަލުކުރާ ފަރާތްތަކާމެދު ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ރަބީޢުލްއާޚިރު 1447
23 ސެޕްޓެންބަރު 2025