މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ސްރީލަންކާގެ މަތީ ތަޢުލީމު ދޭ ތަންތަނާއި އެތަންތަނުން ހިންގާ ޕްރޮގްރާމްތައް ޤަބޫލުކުރުމާ ގުޅޭ

ސްރީލަންކާގެ މަތީ ތަޢުލީމު ދޭ ތަންތަނާއި އެތަންތަނުން ހިންގާ ޕްރޮގްރާމްތައް ޤަބޫލުކުރުމާ ގުޅޭ؛

 

ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްދުކުރާ މަރުކަޒަކީ މި އޮތޯރިޓީގެ ގަވާއިދު ނަންބަރު: 2022/R-71 (ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދު)ގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑަށް ފެތޭ މި އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރުމާއެކު، ކިޔަވާ ޕްރޮގްރާމަކީ މި އޮތޯރިޓީން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކުރަމެވެ.

މި އޮތޯރިޓީއިން ޤަބޫލުކުރާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް މި އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކާއި، ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން، ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އިން ހުއްދަ ދީފައިވާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކެވެ.

އެގޮތުން ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔަރ ޑިޕްލޮމާ އިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށެވެ. އަދި ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށެވެ.

އެހެންނަމަވެސް އިސްވެ ފާހަގަކުރި، ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާއި ޚިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެގޮތުން ހުއްދަ ދީފައިވާ މިންގަނޑާއި ޚިލާފަށް އެތަންތަނުން ހިންގާ ހަޔަރ ޑިޕްލޮމާ އިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތަށް އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަދީފައި ނުވާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިއެވެ. އެހެންކަމުން ހުއްދަ ދީފައިވާ މިންގަނޑާއި ޚިލާފަށް އެތަންތަނުން ހިންގާ ޕްރޮގްރާމް ތަކުގެ ސެޓިފިކެޓް މި އޮތޯރިޓީއިން މީގެފަހުން ޤަބޫލުނުކުރާނެ ވާހަކަ ދަންނަވަމެވެ. ވުމާއެކު، ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމް.ކިއު.އޭ އިން ދޫކުރަމުން އަންނަ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމުކަމެއް ކަމުގައި ދަންނަވަމެވެ.

މީގެ އިތުރުން ގަވާއިދު ނަންބަރު 2025/R-89 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން ދެންނެވުނު ކަންކަމަށް ކިޔަވައިދޭ މަރުކަޒުތަކުން ސަމާލުވުމަށް ދަންނަވަމެވެ.  

ވީމާ، މިކަން ޢާއްމުންނާއި މަރުކަޒުތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

21 ސެޕްޓެންބަރު 2025
ހޯދާ