ދިވެހިރާއްޖެ
މިއިދާރާގެ ފަރާތުން، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢްކޮށް ޢަމަލްކުރަމުންދާ، ޤަވާޢިދު ނަމްބަރު: 2013/R-1030 "އޮޑިހަރުގެއާބެހޭ ޤަވާޢިދު، ޅ. ކުރެންދޫ" އަށް މިދަންނަވާ ބަދަލުތައް ގެނައުމަށްފަހު، 01 ސެޕްޓެމްބަރ 2025 އިން ފެށިގެން ޢަމަލުކުރުމަށް، ކުރެންދޫ ކައުންސިލްގެ މިއަހަރުގެ 17ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
1- އެޤަވާޢިދުގެ 4ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ 24 މަސްދުވަހުގެ ބަދަލުގައި 36 މަސްދުވަސް ކަމުގައި ކަނޑައެޅުން.
2- މިހާރު ކުރެންދޫން، ބިން ކުއްޔަށް ދޫކުރެވޭނޭ އެންމެ ކުޑައަގަކީ، އަކަފޫޓަކަށް މަހަކު، 0.60 (ސުމެއް ޕޮއިންޓް ހައެއް ސުމެއް) ރުފިޔާ ކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ހަމަޖައްސަވާފައިވާތީ، ހަރުގޭގޭ ބިމު ކުލި، މަހަކު، އަކަފޫޓަކަށް 0.60 (ސުމެއް ޕޮއިންޓް ހައެއް ސުމެއް) ރުފިޔާ ކަމުގައި ހަމަޖެއްސުން.
3- ހަރުގޭގެ ބިން ދޫކުރާ މުއްދަތު ހަމަވުމުން، އަލުން މުއްދަތު އިތުރުކުރާއިރު، ހަރުގޭގެ ކުއްޔަށް، ފުރަތަމަ ފަހަރަށް 5އިންސައްތަ އިތުރުކުރުމަށާއި، ދެވަނަ ފަހަރަށް މުއްދަތު އިތުރު ކުރާއިރު، 10 އިންސައްތަ އިތުރުކުރާ ގޮތަށް ހަމަޖެއްސުން. މިބަދަލު ގެނައުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ބައެއް ފަރާތްތަކުން ހަރުގެ ނެގުމަށްފަހު، އެކަށީގެންވާ ދިގު މުއްދަތެއް ވޭތިވެގެން ދާއިރުވެސް، އުޅަނދު ނުނިންމާ، ހަރުގޭގެ ބިން ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ދިއުމުގެ ސަބަބުން، ހަރުގެ ބޭނުންވާ ފަރާތްތަކަށް ބިން ނުލިބި، އެފަރާތްތަކަށް އިންތިހާއަށް ދަތިވަމުން ދާތީއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.