ދިވެހިރާއްޖެ
- ތަޢާރަފް:
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާގެ ރަސްމީ ޓީޝާޓް ތަޢާރަފް ކުރުމުގެ މަޤްޞަދަކީ، ކައުންސިލް އިދާރާގެ މުވައްޒަފުންނަށް "ޑްރެސް-ޑައުން ޑޭ" އެއްގެ ފުރުޞަތު ފަހިކޮށްދިނުމާއިއެކު މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއް ޓީމެއްކަމުގެ ރޫޙު އާލާކުރުމެވެ.
2. ރަސްމީ ޓީޝާޓް ބޭނުން ކުރުން:
2.1 ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ އިދާރީ ކޮންމެ މުވައްޒަފަކަށްވެސް އަހަރަކު 2 (ދޭއް) ޓީޝާޓް ހަވާލު ކުރާނެއެވެ. އަދި ވޭސްޓުމެނޭޖްމަންޓް މުވައްޒަފުންނަށް އަހަރަކު 1 (އެކެއް) ޓީޝާޓް ހަވާލުކުރާނެއެވެ. މުވައްޒަފުންގެ ޓީޝާޓްގެ ސައިޒަށް ބަދަލު ގެންނަން ބޭނުންވާނަމަ، އިޚްތިޔާރުކުރާ ގޮތަށް ޓީޝާޓް ތައްޔާރު ކޮށްދޭނެއެވެ.
2.2 ކައުންސިލް އިދާރާގެ ރަސްމީ ޓީޝާޓް ހަފްތާގެ ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ބުރާސްފަތި ދުވަހަކީ ރަސްމީ ޓީޝާޓް ލާންޖެހޭ ދުވަހެވެ.
2.3 ކައުންސިލް އިދާރާގެ ރަސްމީ ޓީޝާޓް ބޭނުންކުރާ ދުވަހު މުވައްޒަފުންގެ ހެދުން ހުންނަންވާނީ، ފިރިހެން މުވައްޒަފެއްނަމަ ޓީޝާޓާއި އޮފީސް ފަޓުލޫނާއި ބޫޓުގައެވެ. އަދި އަންހެން މުވައްޒަފެއްނަމަ ޓީޝާޓާއި ކަޅު ބުރުގާ (ބުރުގާއަޅާ މުވައްޒަފުން)، ހަރުވާޅު އަދި ބޫޓް ނުވަތަ އޮފީސް ފައިވާނެއްގައި ޢާއްމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ނުވާ ގޮތަށެވެ.
2.4 ވޭސްޓު މެނޭޖުމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން ރަސްމީ ޓީޝާޓް ބޭނުންކުރާނީ ރަސްމީ ބައްދަލުވުންތަކުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރ އަންގާ ދުވަސްތަކުގައެވެ.
2.5 ކައުންސިލް އިދާރާއިން ބާއްވާ ޚާއްޞަ ޙަފްލާތަކާއި ޙަރަކާތްތަކުގެ ތެރެއިން ކައުންސިލުން ނުވަތަ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ދުވަސްތަކެއްގައި ކައުންސިލް އިދާރާގެ ރަސްމީ ޓީޝާޓް ބޭނުންކުރަންވާނެއެވެ.
2.6 އެއްވެސް މުވައްޒަފަކު އެ މުވައްޒަފެއްގެ އަމިއްލަ ކަމެއްގައި ކައުންސިލް އިދާރާގެ ރަސްމީ ޓީޝާޓް ބޭނުންކޮށްގެން ނުވާނެއެވެ.
2.7 ކައުންސިލްގެ ޓީޝާޓް ބޭނުން ކުރިޔަސް މުވައްޒަފުންގެ ކާޑު އަޅަންވާނެއެވެ.
2.8 މުވައްޒަފަށް ހަވާލުކުރެވޭ ޓީޝާޓް، މުވައްޒަފުގެ އިހުމާލުން ހަލާކުވެ ނުވަތަ ގެއްލިއްޖެނަމަ، އެކަން ލަސްނުކޮށް ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި އެހާލަތުގައި އިތުރު ޓީޝާޓެއް ހޯދައިދެވޭނީ ޓީޝާޓަށްވާ އަގު އެ މުވައްޒަފު ދެއްކުމުންނެވެ.
2.9 މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ، ހަވާލުކުރެވިފައިވާ ޓީޝާޓް އަނބުރާ ކައުންސިލް އިދާރާއަށް ހަވާލުކުރަން ވާނެއެވެ.
2.10 މި އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ ކައުންސިލްގެ މަޝްވަރާގެ މަތިން ސެކްރެޓަރީ ޖެނެރަލް އެވެ.