ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/07 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނޫ) އަށް ގެނެވުނު 16 ވަނަ އިސްލާޙްގެ ސަބަބުން ކައުންސިލުން ދެމުން އަންނަ ޙިދުމަތްތަކުގެ ތެރެއިން މިވަގުތައް ހުއްޓާލަން/ދަތިވެފައި/މެދުކަނޑާލަން ޖެހިފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރުން

ޤާނޫނު ނަންބަރު 2010/07 ( ދިވެހިރާއްޖެގެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިސްލާހުގެ ސަބަބުން މި އަންނަނިވި ކަންކަން މި ހިނދަށް ހުއްޓާލަން ޖެހިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

  1. ބުނެވިދިޔަ ޤާނޫނުގެ 1-144 ވަނަ މާއްދާގެ  (ހ) ގައި ކައުންސިލްގެ އިދާރާގެ ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒިފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުޞޫލުން މުވައްޒިފުން ނެގުން މާނާކުރެވިފައި ވުމުން:
  •     ޒިޔާރަތް މިސްކިތައް ދާއިމީ މުވައްޒިފަކު ނަގަން ކުރެވުނު އިޢުލާން ބާތިލު ކުރަން ޖެހިފައިވުން
  •      އައުޓްޑޯ ޖިމް، ކުޑަކުދިންގެ ޕާކް އަދި ވޭސްޓް މެނޭޖެމަންޓް ސެންޓަރ ހިންގާ ބެލެއްޓުމަށް މުވައްޒިފުން ހޯދުމަށް ކުރެވުނު އިޢުލާން ބާތިލު ކުރަން ޖެހުން.
  •      ވަންދޫ ޕްރީސްކޫލްގައި ޓީޗަރުގެ މަޤާމް ހުސްވެފައިވުމާއި އެކު އާ ޓީޗަރަކު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ޖެހުން.

   2. ބުނެވިދިޔަ ޤާނޫނުގެ 1-144 ވަނަ މާއްދާގެ  (ށ) ގައި ކައުންސިލްގެ އިޙްތިޞާޞްގެ ދަށުގައި ހުރި ބިމާއި، ފަރާއި، ފަރުގެ ސަރަހައްދުތައް ކުށްޔަށްދޫކުރުން މަނާކުރެވިފައި ވުމުން

  •     މިވަގުތައް ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ހޯދުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ބިން ދޫކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހުއްޓާލުން
  •     ރެސްޓޯރަންޓް/ކެފޭ ހިންގުމަށް ބިން ހޯދުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ބިން ދޫކުރުން މަޑުޖައްސާލުން
  •     ސިޔާސީ ހަރަކާތް ހިންގުމަށް ހުށަހަޅާފައިވާ ޕީ.އެން.ސީ އަދި އެމް.ޑީ.ޕީ އަށް ބިންދޫކުރުން މަޑުޖައްސާލުން
  •     އެތައް އަހަރެއްވެފައިވާ ވަންދޫގެ ސިނާއި ބިންތަކުގެ މައްސަލަ ހައްލުވެ އެވޯޑް ކުރުމުގެ މަރުހަލާގައި ވީ ހިނދު، މި މަސައްކަތް ހުއްޓާލަން ޖެހުން.

   3. ބުނެވިދިޔަ ޤާނޫނުގެ 1-144 ވަނަ މާއްދާގެ  (ނ) ގައި ކައުންސިލްތަކުން އެކަށާއަޅާފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ނުފެށުން.

  •     ރަށުގެ ނެރު ފަސްގަނޑުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީ ކުރުމަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ ޕްރޮޕޯސަލްއާއި ގުޅިގެން މި މަސައްކަތް އިޢުލާން ކުރުމަށް  ކުރަމުން އަންނަ މަސައްކަތް ހުއްޓާލުން.
  •     ވަންދޫ ފުޓްސަލް ދަނޑު ވިރާނާ ވިޔަ ނުދީ މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ނިންމަން ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ޖެހުން. މި މަސައްކަތަކީ ސީދާ މި ކައުންސިލްގެ އާމްދަނީއިން ހަރަދުކުރެވިގެން ކުރިއަށް ގެންދަމުން އަންނަ މަސައްކަތްކަތެކެވެ.

ވީމާ މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް މިވަގުތު ކުރިއަށް ގެންދެވެން ނެތުމުން އެކަމުގެ ސަބަބުން ތިޔަ ލޮބުވެތި ރަށްޔިތުނަށް ދިމާވާނެ ދަތިތަކަށްޓަކައި މިކައުންސިލުން ވަންދޫގެ ލޮބުވެތި ރަށްޔިތުންގެ ފަރާތުން ނިހާޔަތައް މަޢާފަށްއެދޭވާހަކަ ދަންނަވަމެވެ. އަދި މި ދަތި އުނދަގޫ ހާލަތުގައިވެސް ވަންދޫ ޕްރީސްކޫލްގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމުގައި ދެންނެވީމެވެ.

19 އޮގަސްޓް 2025
ހޯދާ