ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢާންމު އެންގުން
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
FAM/IUL/2025/028
ޢާންމު އެންގުން
ހުޅުމާލޭ ފުޓްބޯޅަ ޓްރެއިނިންގ ފެސިލިޓީއާއި ގުޅޭ:
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީއެއް ތަރައްޤީކޮށް ޤާއިމުކުރުމުގެ މަޤްސަދުގައި 2018 ވަނަ އަހަރު ޖުލައި 11 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލެގެ ޕްލޮޓް D5-1 ގެ ގޮތުގައި ކަނޑައަޅަފައިވާ 230،000 އަކަ ފޫޓްގެ ގެބިމުގެ 180،000 އަކަފޫޓްގައި ފުލްސައިޒްގެ ފުޓްބޯޅަ ދެ ދަނޑުއަޅައި އަދި ބާކީއޮތް ބައިގައި އެކަމާއި ގުޅުންހުރި ފެސިލިޓީތައް ޤާއިމުކުރުމަށް 25 އަހަރުގެ މުއްދަތަށް، އިޖްތިމާޢީ އަދި މުޖުތަމަޢުއަށް ފައިދާހުރި ކަމެއްގެގޮތުގައި ބަލައި، އެއްވެސްކުއްޔެއް ނެގުމެއްނެތި އެފްއޭއެމް އަށް ދޫކޮށްފައިވާ ބިމާއިބެހޭގޮތުން އާއްމުކޮށް އިޢުލާންކޮށް ދަންނަވަމެވެ.
ފުޓްބޯޅަ އެސޯސިއޭޝަންނުން އެދިގެން އިސްވެދެންވި އެއްބަސްވުމަށް 7 ޑިސެމްބަރު 2022 ވަނަ ދުވަހު އިތުރުބަދަލުގެނެސް 2018 ވަނަ އަހަރު ދޫކޮށްފައިވާ ބިމުގެ ބައެއް، ވިޔަފާރިއުސޫލުން ކުއްޔަށްދިނުމަށް އެއްބަސްވެފައިވާކަން އެނގެންއޮންނާތީއާއި އަދި އިތުރުފަރާތްތަކަށް އެބިމުން ބައިތަކެއް ކުއްޔަށް ދޫކޮށްފައިވާތީ ދަންނަވަމެވެ.
އެފްއޭއެމްއާ އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުން 7 ޑިސެމްބަރ 2022 ވަނަ ދުވަހުގެނައި ބަދަލާއެކު ދައްކަންޖެހޭ ކުއްޔާއި އޭގެޖޫރިމަނާ ދައްކާފައިނުވާތީ އާއި، ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީ ޤާއިމްކޮށްފައިނުވާތީ އާއި އަދި އެބިންހުސްކޮށް ހަވާލުކޮށްފައިނުވާތީ، އެޗްޑީސީއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިނގަމުންދާތީ ދަންނަވަމެވެ. މިބިން ބޭނުންކުރާ ފަރާތްތަކުން މި ބިމުގައި މިހާރުހުރި އެއްވެސް އިމާރާތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި އިމާރާތް ހުރިބިމާއި އަދި ވަށައިގެންވާ ބިމުގައި އެއްވެސް އިތުރު އިމާރާތެއް ނުކުރުމަށް އަންގަމެވެ.
އެހެންކަމުން، އެފްއޭއެމް އާއި އެއްވެސްފަރާތަކާއި ދެމެދު، މަތީގައި ބަޔާންކޮށްފައިވާ ބިމުން ބައެއް ނުވަތަ އެބިމުގައި އިމާރާތްކޮށްފައިވާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް ސައްޙަ އެއްބަސްވުމެއް ވާނަމަ އެފަރާތަކުން (ސަބްލީސްކޮށްފައިވާ ފަރާތެއްވާނަމަ އެފަރާތްވެސް ހިމަނައިގެން) އެ އެއްބަސްވުމުގެ ކޮޕީ އާއި އަދި މިނޫންވެސް ކަމާގުޅުންހުރި އެންމެހާ ލިޔެކިޔުންތައް 24 އޮގަސްޓް 2025 ގެ 14:30 ގެ ކުރިން އެފްއޭއެމް އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ މިއެސޯސިއޭޝަންގެ އޮފީހަށް ފޮނުވައި ދެއްވުން އެދެމެވެ.
އީމެއިލް މެދުވެރިކޮށް ނަމަ، ފޮނުވާނީ: [email protected]
އޮފީހަށް ނަމަ ފޮނުވާނީ: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވީއައިޕީ ގޭޓް 1، ގަލޮޅު ރަސްމީ ދަނޑު
ބަނަފްސާ މަގު، މާލެ، ދިވެހިރާއްޖެ
މިއޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:30 އަށް ކަމުގައި ދެންނެވީމެވެ.
ނޯޓް:މި އެންގުމާއި ގުޅިގެން ހުށަހަޅާ އެއްބަސްވުންތަކާއި އަދި އެނޫންވެސް ލިޔެކިޔުންތަކަކީ ސައްޙަ ލިޔެކިޔުންތަކެއް ކަމާމެދު އެއްވެސް ޝައްކެއް އުފެދިއްޖެނަމަ އެކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާ އަކަށް ހުށަހަޅައިގެން އެތަކެތީ ސައްޙަކަން ކަށަވަރުކުރެވޭނެކަން މައުލޫމާތައްޓަކައި ދެންނެވީމެވެ.
10 އޮގަސްޓް 2025
10 އޮގަސްޓް 2025
ހޯދާ