ދިވެހިރާއްޖެ
ޤާނޫނު ނަންމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނު) އަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވެލިދޫ ކައުންސިލުން ނެރޭ ނޫސްބާޔާން
ޤާނޫނު ނަންމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމަށް 27 ޖުލައި 2025 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހަށް ހުށަހަޅާފައިވާ ބިލާއި މެދު މިކައުންސިލުގެ ނުހަނު ކަންބޮޑު ވުން ހުރިކަން ފާހަގަކުރަމެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެވޭ ކޮންމެ އިސްލާހަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި މަރުކަޒީ ބާރުވެރިކަން އިތުރުކުރުމަށް ގެނެވޭ އިސްލާހެއްގެ ބަދަލުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކޮށް ބާރުވެރިކޮށް ހަރުދަނާކުރުމަށްޓަކައި ގެނެވޭ އިސްލާހެއްކަމުގައި ހަދަންޖެހޭކަމުގައި މިކައުންސިލުންދެކެމެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހްގެނައުމުގެ ގޮތުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ މާއްދާތަށް ތަރުތީބު ކުރެވިފައިވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) ގައި ކައުންސިލަރުންގެ އުމުރަކީ 5 އަހަރުކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާއި ފުށުއަރާ ގޮތަށްކަން މިކައުންސިލުން ފާހަގަކުރަމެވެ. މިއިސްލާހުގެ ނަތީޖާއަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް 05 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކުރެވޭ ކައުންސިލަރުންގެ ދައުރު، ނުސީދާ ގޮތެއްގައި ހަނިވެގެންދިއުމެވެ. ގާނޫނުއަސާސީގައި ސާފުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ މުއްދަތެއް، ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން ހަނިވެގެންދިއުމަކީ ގާނޫނު އަސާސީން ލާމަރުކަޒީ ނިޒާމަށް ދީފައިވާ ބާރު ކަނޑުވާލުންކަމުގައި ދެކެމެވެ.
މީގެއިތުރުން މިބިލުގެ ސަބަބުން 5 އަހަރު ދުވަހަށް އިންތިޚާބުކުރެވޭ ކައުންސިލަރުން، ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުން އެކައުންސިލަރުންގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތު އަދާނުކުރެވި 01 އަހަރުދުވަހު ގާނޫނީ ގޮތުން ބަނދެވިފައި ތިބުމަށް ފުރުޞަތު ފަހިވެގެންދާކަމީ މިކައުންސިލުން ކަންބޮޑުވާ ކަމެކެވެ. ބިލު ފަރުމާކޮށްފައިވާގޮތުން، ކައުންސިލަރުންގެ ފަހު އަހަރުގައި މުއައްޒަފަކު ވަޒީފާއިން ވަކިވިނަމަވެސް، ވިހެއުމުގެ ޗުއްޓީއަށް ދިޔަނަމަވެސް، މުސާރަ ނުލިބޭ ޗުއްޓީއެއް ނެންގެވިނަމަވެސް އަދި ވަޒީފާއިން ވަކިކުރިނަމަވެސް، އެމަޤާމަށް ދާއިމީ މުވައްޒަފެއް އަދިކިޔެއްތަ ވަގުތީ މުވައްޒަފަކުވެސް ހަމަޖެއްސުމުގެ އިޚްތިޔާރު ނުލިބެއެވެ.
މީގެއިރުތުން، ކައުންސިލަރުންގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލުގެ ބިންތަކާއި ފަޅުތަކާއި ފަރުތަކުގެ ސަރަހައްދު ކުއްޔަށްދީފައިވާ މުއްދަތު ހަމަވެއްޖެނަމަ، އެމުއްދަތު އިތުރުކުރުމުގެ އިޚްތިޔާރުވެސް ކައުންސިލަށް ލިބިގެންނުވެއެވެ. އަދި ކޮންމެ ބިމެއް، ކޮންމެ ފަޅެއް އަދި ކޮންމެ ފަރެއް ކުއްޔަށްދޭންޖެހުނަސް ނުވަތަ އެތަނުގައި މަޝްރޫޢުއެއް ހިންގަންޖެހުނުކަމުގައި ވީނަމަވެސް އަދި އިގްތިސާދީ ފަހި ފުރުޞަތެއްގައި އެތަން ތަރައްގީކުރުމުގެ ހިލޭ އެހީ ލިބުނުނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވާ މައްސަލައެކެވެ.
ލޯކަލް އެތޯރިޓީ ކުންފުނިން ކުރަން ކަނޑައަޅާ މަސައްކަތަކީ ރަށުގައި ކުރަމުން އަންނަ މަސައްކަތަކަށްވުމަކީ އެމަސައްކަތް ކުރުމަށް ލޯކަލް އޮތޯރިޓީ ކުންފުންޏަށް އޮތް ހުރަހެއްކަމުގައި އެހާފުޅާ މާނައެއްގައި އެބިލުގައި ބަޔާންކުރުމަކީ އެކަމުގެ ސަބަބުން ލޯކަލް އޮތޯރިޓީ ކުންފުނިތަށް އުފައްދައި ހިންގުމަށް ގޮންޖެހުންތަށް ކުރިމަތިވެގެންދާނެ ކަމެއްކަން މިކައުންސިލުން ފާހަގަކުރަމެވެ. އަދި މިބިލު ތަރުތީބުވެފައި އޮތްގޮތުން ވާދަވެރި ވިޔަފާރީގެ މާހައުލެއް އުފެއްދުމަށް އެކަމުގެ ސަބަބުން ހުރަސްއެޅި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށުގެ ތަރައްގީއާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ ހޭދަތަކަށް ޚަރަދުކުރުމަށްޓަކައި ކައުންސިލަށް ލިބިގެންވާ އާމްދަނީ ހޯދުމުގެ ހައްގު ހަނިވެގެންދާނެކަން މިކައުންސިލުން ފާހަގަކުރަމެވެ. އަދި މިބިލުގެ ސަބަބުން ކައުންސިލްތަކުން ވިޔަފާރި ކުރުމަށް އޮތް ހަނި ޖާގަ އިތުރަށް ބަންދުކުރައްވަން ކުރައްވާ މަސައްކަތް މިކައުންސިލުން ނުހަނު ހަރު އަޑުން ކުށްވެރިކުރަމެވެ.
ޤާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އިސްލާހުގެ ސަބަބުން، ސަރުކާރުން އަސާސީ ބޭނުމެއްކަމަށް ބަޔާންކޮށް، ކުއްޔަށްދޭ އެއްވެސް ކައުންސިލުގެ ބިމަކުން، ފަޅަކުން، ފަރަކުން އަދި ކައުންސިލްގެ މުދަލަކުން އަދި ކައުންސިލްގެ އިމާރާތްތަކުގެ ކުލި ކައުންސިލަށް ލިބުން ހުއްޓިގެންދެއެވެ. ރަށްރަށުގެ ކައުންސިލްތަކަކީ ފަޅުތަކާއި ފަރުތަކާއި އިމާރާތްތަކާއި ބިންތަށް ކުއްޔަށްދީގެން ބޮޑު އާމްދަނީއެއް ހޯދާ ބަޔަކަށްވާއިރު، މިކަމުގެ ސީދާ އަސަރު ކައުންސިލަށް ލިބޭ އާމްދަނީއަށް ކުރާނެކަމީ ކަންބޮޑުވާ މައްސަލައެކެވެ.
ހަމަ މިއިސްލާހުގެ ސަބަބުން، ކައުންސިލްގެ ބޭންކް އެކައުންޓްތަކާއި އެއެކައުންޓްގައި ހުންނަ ފައިސާ ބޭނުން ކުރުމާއި ޚަރަދުކުރުމުގައި މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ ބޭރުން، ސަރުކާރުން ބޭނުން ގޮތަކަށް ބޭނުން އިރަކު ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަންކުރަމަށް ކައުންސިލަށް މަޖުބޫރުވެގެން ދާކަމީ ކަންބޮޑުވާ މައްސަލައެކެވެ. އެކަމުގެ ނަތީޖާއަކީ ކައުންސިލްގެ ޕްލޭންތަކާއި ކައުންސިލުން ހާސިލްކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތަކާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ކައުންސިލުން ހިންގަން ބޭނުންވާ ކަންކަން ހިންގުމުގައި ބޭނުންވާ ފައިސާ ޚަރަދުކުރުމާއި ބޭނުންކުރުމުގައި ދަތިތަށްކުރިމަތިވެ، އެކަމުގައި ކައުންސިލްގެ އަމިއްލަ އިޚްތިޔާރު ގެއްލިގެން ދިޔުމެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރުކަން ކުރައްވައި، މި ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ އެތައް ވާހަކައެއް އެކި މަންސަތަކުގައި ދައްކަވައި، ލާމަރުކަޒީ ނިޒާމުގެ ހަގީގީ މާނައިގައި ބާރުވެރިކޮށްދެއްވާނެކަމުގެ ބޮޑު ވައުދާއިގެން ވެރިކަމަށް ވަޑައިގެންހުންނެވި ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅިގެން ދިއުމަކީ މިކައުންސިލުން ނުހަނު ކަންބޮޑުވުމެކެވެ. އަދި ޤާނޫނުއަސާސީ ތަރުތީބުވެފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ މަޝްވަރާ ހިމެނޭގޮތުން ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތަށް ހިންގުމުގެ މައްޗަށްކަމަށްވާއިރު، ކައުންސިލުގެ ބާރުވެރިކަން ކުޑަވާގޮތަށް މަރުޒަކީ ނިޒާމެއްގެ ތެރެއިން ހަމައެކަނި ރައިސުލްޖުމްހޫރިއްޔާ އެކަންކަން ކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު ތަރުތީބުވުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީ އާއި ލާމަރުކަޒީ ޤާނޫނާއި ޚިލާފުކަމެކެވެ.
ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނާ އެއްގޮތަށް އަމަލުކުރައްވައި ބިލް އަބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި ރައްޔިރތުންނަށް ރައްކާތެރިކަމާއި، ލާބާއާއި މަންފާ ހޯއްދަވައިދެއްވައި ކައުންސިލްތަކުގެ ބާރުވެރިކަން ގެއްލުނަ ނުދިނުމަށްޓަކައި ޤާނޫނު ހަދާ މަޖްލީހުގައި ތިއްބެވި މެމްބަރުނަށް މިބިލަށް ވޯޓުނުދެއްވުމަށް މިކައުންސިލުން ގޮވާލަމެވެ.
12 ޞަފަރު 1446 ހ.