ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ސަރުކާރުގެ ފަރާތުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާއި ގުޅިގެން ތ. އޮމަދޫ ކައުންސިލްއިން ނެރޭ ނޫސް ބަޔާން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ސަރުކާރުގެ ފަރާތުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާއި ގުޅިގެން ތ. އޮމަދޫ ކައުންސިލްއިން ނެރޭ ނޫސް ބަޔާން

 

ސަރުކާރުގެ ފަރާތުން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމަށް 27 ޖުލައި 2025 ވީ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތައް އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުވުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިއްމު އިޞްލާހުތަކުގެ ބާރު ކަނޑުވާލާ ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި ރަށްރަށުގެ ޚިދުމަތްތަކާއި ޢުމްރާނީ ތަރައްޤީއަށް ފަހިވެގެން ދިޔަ ދޮރުތައް ބަންދުކުރުމުގެ ބޭނުމުގައި ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކެއްކަން ފާހަގަކުރެވެއެވެ.

މިބިލަކީ ލާމަރުކަޒީ ނިޒާމާއި ދިމާ އިދިކޮޅު، ނިޒާމުގެ މަޤުސަދާއި ޚިލާފަށް ލާމަރުކަޒީ ބާރުވެރިކަން ނިގުޅައިގަނެ، މަރުކަޒީ ބާރުވެރިކަން ގަދަކޮށް، ސަރުކާރަށް ސަލާން ޖެހުމުގެ ސަޤާފަތެއް އަށަގެންނެވުމަށް ހުށަހަޅާފައިވާ ބިލެކެވެ.

މިބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ލިބިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން މާލީ ނަފާ ހޯދުމަށާއި، އިޤްތިޞާދު ބިނާކުރުމަށް ހުޅުވިފައިވާ އެންމެހާ ދޮރުތަކުގައި ތަޅުއެޅި، އަދި ރައްޔިތުން 05 އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ނުކުޅެދި ކައުންސިލަރުންނާއި ރައްޔިތުންގެ ހައްޤުތަކެއް ގެއްލިގެންދާނެއެވެ.

އެހެންކަމުން، ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމެވެ. އަދި ބިލު އަނބުރާ ނުގެންދިޔަކަމުގައި ވީނަމަވެސް ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މި ބިލަށް ވޯޓު ނުދެއްވުމަށް ގޮވާލަމެވެ. އަދި ޚާއްޞަކޮށް ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ އަޝްރަޤް ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށާއި، ރައްޔިތުންނަށް ނިކަމެތިކަން އެއްވެސް މާނައެއްގައި އިހުސާސް ކުރަންޖެހޭ މިފަދަ ބިލަކަށް ވޯޓު ނުދެއްވުމަށް އާދޭހާއިއެކު ދަންނަވަމެވެ.

06  އޮގަސްޓް 2025

06 އޮގަސްޓް 2024
ހޯދާ