ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާނޫނު ނަންބަރ 2010/7 ( އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ) ސަރުކާރުގެ ފަރާތުން ގެންނަން ހުށަހަޅާފައިވާ ބަދަލާއި މެދު މިކައުންސިލުން ދެކޭގޮތް ހާމަކޮށް ނެރޭ ނޫސްބަޔާން

ގާނޫނު ނަންބަރ 2010/7 ( އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ) ސަރުކާރުގެ ފަރާތުން ބަދަލުގެނައުމަށް 27 ޖުލައި 2025 ވީ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ލާމަރުކަޒީ ނިޒާމާއި ދިމާ އިދިކޮޅު، ނިޒާމްގެ މަޤްސަދާއި ހިލާފަށް ލާމަރުކަޒީ ބާރުވެރިކަން ނިއުޅައިގަނެ، މަރުކަޒީ ބާރުވެރިކަން ގަދަކޮށް ސަރުކާރަށް ސަލާންޖެހުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހުށަހަޅާފައިވާ ނާތަހުޒީބީ ބަދަލުތަކެކެވެ. ޖުމްލަ ގޮތެއްގައި ހާމަވަނީ އަހަރުތަކެއް ކުރިން މުޅި ދިވެހިރާއްޖޭގެ ވަސީލަތްތަކާއި ރައްޔިތުންގެ ހައްޤުތަކާއި ތަރައްޤީގެ ކަންކަން މަރުކަޒީ އުސޫލުން މަދުބައެއްގެ މެދުގައި އެއްވެސް ހާމަކަމެއް ޖަވާބުދާރީވުމެއްނެތް އަދި މަސްވަރާކުރުމެއްނެތި ނިންމަމުން ދިޔަ ސަޤާފަތަކަށް އެނބުރި ރުޖޫއަވުމުގެ ނިޔަތެވެ.

މަރުކަޒީ ނިޒާމްގެ ތެރެއިން މުޅި ރާއްޖެ ހިނގަމުން އައި އައުން ބަދަލުކޮށް ލާމަރުކަޒީ ކޮށްފައިވަނީ އެރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ތަރައްޤީގެ ކަންކަމުގައި އެތަނެއްގެ ބަޔަކު ބަސްބުނެ ގޮތްނިންމުމުގެ ބާރުވެރިކަން ދިނުމަށާއި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރުވެރިކަން ދިނުމުގެ މާތް މަޤްސަދުގައެވެ. ހާއްސަގޮތެއްގައި ނިމިދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެވިގެން ދިޔަ އެދެވޭ ބޮޑެތި އިސްލާހްތަކަކީ އެރަށެއްގެ ރައްޔިތުންނަށް ލިބިފައިވާ ވަސިލަތްތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން އެރަށެށްގެ ބަޔަކު ފުދުންތެރިބައެއްގެ ގޮތުގައި ވުމަށް އެތައް ދޮރުތަކެއް ހުޅުވާލެވިގެންދިޔަ ނަތީޖާ ނެރެވޭނެ ބޮޑެތި ބަދަލުތަކެކެވެ.. މިގޮތުން މާލީ މިނިވަންކަމާއި، އިދާރީ ބާރުވެރިކަމާއި، އިޙްތިޞާޞްގެ ބާރުވެރިކަން ދޫކޮށްލެވިފައިވެއެވެ. އަދި މި ހެޔޮބަދަލުގެ ބޭނުން ހިފައި މިއިން ދުވަހަކު ރާއްޖޭގެ ރަށްތަކުގެ ރަށްވެހީންނަށް ލިބިފައި ނުވާ އެތައް ހިދުމަތްތަކެއް ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ކައުންސިލުތަކުން ޤާއިމްކޮށްފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ.

ކަންމިހެން އޮތްނަމަވެސް ރައްޔިތުންގެ މަޖްލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މާލީ ބާރުވެރިކަމާއި، އިދާރީބާރުވެރިކަމާއި އިހްތިޞާސްގެ ބާރުވެރިކަން ކައުންސިލަށް ގެއްލި ރައްޔިތުން 05 އަހަރު ދުވަހަށް އިންތިހާބުކޮށްފައިވާ ކައުންސިލްތައް 1 އަހަރު ދުވަހުގެ މުއްދަތަކަށް ޕެރަލައިޒްވެގެން ދާނެއެވެ. މިއީ ސަރުކާރަކުންވެސް ރައްޔިތުންގެ މަޖްލީހަކުންވެސް ރައްޔިތެއްގެ މައްޗަށް އިހްސާންތެރިކަމެއްގެ ކުޑަ މިންވަރެއް ހުރިނަމަވެސް ގެންނާނެ ބަދަލެއްގެ ގޮތުގައި މިކައުންސިލުން ނުދެކެވެ. އަދި މިއީ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ނިޒާމްގެ ރޫހާވެސް ހިލާފު ބަދަލުތަކެކެވެ.

އެހެންކަމުން ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް  ގޮވާލަމެވެ. އަދި ބިލް އަނބުރައި ނުގެންދިޔަ ކަމުގައި ވީނަމަވެސް ، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުން، މި ބިލަށް ވޯޓް ނުދެއްވުމަށް ގޮވާލަމެވެ. ހާއްސަކޮށް ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝުޖާޢު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދެއްވުމަށް މަސައްކަތް ކޮއްދެއްވުމަށާއި ރައްޔިތުން ނިކަމެތިކަން އެއްވެސް މާނައެއްގައި އިހްސާސް ކުރަންޖެހޭ މިފަދަ އެއްވެސް ބިލަކަށް ވޯޓް ނުދެއްވުމަށް ގޮވާލަމެވެ.

05 އޮގަސްޓް 2025
ހޯދާ