މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާނޫނު ނަންބަރު 2010/7 ( އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު) ސަރުކާރުގެ ފަރާތުން ގެންނަން ހުށަހަޅާފައިވާ ބަދަލާއި މެދު މިކައުންސިލުން ދެކޭގޮތް ހާމަކޮށް ނެރޭ ނޫސްބަޔާން

            ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމަށް 27 ޖުލައި 2025 ވަނަ ދުވަހު ތިޔަ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރަމެވެ. ޚާއްސަ ގޮތެއްގައި ދެންނެވުނު ގާނޫނުގެ 144 ވަނަ މާއްދާއަށް އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމާއި ދިމާ އިދިކޮޅު، ނިޒާމްގެ މަޤްސަދާއި ޚިލާފަށް ލާމަރުކަޒީ ބާރުވެރިކަން ނެތިގެން ގޮސްފާނެ ފަދަ އިސްލާހުތަކެއްކަމުގައި ދެކެމެވެ. އަދި މި އިސްލާހުތަކުން ޖުމްލަ ގޮތެއްގައި ހާމަވަނީ އަހަރުތަކެއް ކުރިން މުޅި ރާއްޖޭގެ ވަސީލަތްތަކާއި ރައްޔިތުންގެ ޙައްޤުތަކާއި ތަރައްޤީގެ ،ކަންކަން މަރުކަޒީ އުސޫލުން މަދުބައެއްގެ މެދުގައި އެއްވެސް ހާމަކަމެއް ޖަވާބުދާރީވުމެއްނެތް އަދި މަޝްވަރާކުރުމެއްނެތި ނިންމަމުން ދިޔަ ސަޤާފަތަކަށް އެނބުރި ރުޖޫއަވުމުގެ ނިޔަތެވެ.

            ވުމާއެކު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކުގެ ސަބަބުން މާލީ ބާރުވެރިކަމާއި، އިދާރީ ބާރުވެރިކަމާއި،އިހްތިޞާސްގެ ބާރުވެރިކަން ކައުންސިލްތަކަށް ގެއްލި ރައްޔިތުން 05 އަހަރުދުވަހަށް އިންތިހާބުކޮށްފައިވާ ކައުންސިލަކަށް 01 އަހަރު ދުވަހުގެ މުއްދަތަށް ޕެރަލައިޒްވެގެން ދާނެއެވެ. މިއީ ސަރުކާރަކުންވެސް ރައްޔިތުންގެ މަޖިލީހަކުންވެސް ރައްޔިތުންގެ މައްޗައް އިހްސާންތެރިކަމެއްގެ ކުޑަ މިންވަރެއް ހުރިނަމަވެސް ގެންނާނެ ބަދަލެއް ގޮތުގައި މި ކައުންސިލުން ނުދެކެމެވެ. އަދި މިއީ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ނިޒާމުގެ ރޫހާވެސް ހިލާފު ބަދަލެކެވެ. ހާއްސަ ގޮތެއްގައި ނިމިދިޔަ 19 ވަނަ މަޖިލީހުގައި ލާމަރުކަޒީ ޤާނޫނަށް ގެނިވިގެންދިޔަ އިސްލާހުތަކަކީ އެރަށެއްގެ ރައްޔިތުންނަށް ލިބިފައިވާ ވަސީލަތްތަށް ބޭނުންކޮށްގެން އެރަށެއްގެ ފުދުންތެރިކަން އިތުރު ކުރުމަށް ދޮރުތަކެއް ހުޅުވާލެވިގެންދިޔަ ނަތީޖާ ނެރެވުނު ބޮޑެތި ބަދަލުތަކެކެއެވެ. އަދި މި ހެޔޮ ބަދަލުތަކުން މިއިން ޒަމާނާކު އަތޮޅުތެރޭ ރައްތަކުގެ ރައްވެހީންނަށް ލިބިފައިނުވާ އެތަށް ކުރިއެރުންތަކެއް ރާއްޖޭގެ ކަންކޮޅުތަކުގައި ކައުންސިލްތަކުން ޤާއިމުކޮށްފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ.

            އެހެންކަމުން ސަރުކާރުގެ ފަރާތުން ލާމަޒުކަޒީ ޤާނޫނަށް ބަދަލު ގެނައުމަށް ހުށައަޅާފައުވާ ބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ބިލް ސަރުކާރުން ނުގެންދިޔަ ކަމުގައިވީނަމަވެސް، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ރައްޔިތުން އިންތިޙާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުން މި ބިލަށް ވޯޓު ނުދެއްވުމަށް ގޮވާލަމެވެ. ހާއްސަކޮށް ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުންތަޒިމް އިބްރާހިމް ރައްޔިތުންގެ ޙައްގުތަށް ކަށަވަރުކޮއްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށާއި ރައްޔިތުންނަށް ނިކަމެތިކަން އެއްވެސް މާނައެއްގައި އިހްސާސް ކުރަންޖެހޭ މިފަދަ ބިލަކަށް ވޯޓު ނުދެއްވުމަށް ގޮވާލަމެއެވެ.

05 އޮގަސްޓް 2025
ހޯދާ