ދިވެހިރާއްޖެ
އިޢުލާނު
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން
ސިވިލް ސަރވިސް ކޮމިޝަނުގެ 3 (ތިނެއް) މެންބަރުންގެ މެންބަރުކަމުގެ މުއްދަތުހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2025 އޮގަސްޓު 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް އަލުން ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
އަދި ދަންނަވަމެވެ. މި އޮފީހުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން 6 ޖުލައި 2025 ގައި ކޮށްފައިވާ ނަންބަރު 1/2025/62/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިޢުލާނުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ލިޔުންތައްވެސް ބަލައިގަނެފައިވާކަމުގައި ދެންނެވީމެވެ.
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.
(ށ) މުސްލިމަކު ކަމުގައިވުން.
(ނ) ބުއްދި ސަލާމަތުން ހުރުން.
(ރ) އުމުރުން 30 އަހަރު ވެފައިވުން.
(ބ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
(ޅ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
(ކ) އެއްވެސް އެހެން ވަޒީފައެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
(އ) ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ މި އަކުރުގެ ބޭނުމަށްޓަކައި "ފުރަތަމަ ޑިގްރީއެއް ހާސިލުކުރުން" ކަމުގައި ބެލެވޭނީ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ފުރަތަމަ ޑިގްރީއެއްކަމުގައި ބަލައިގަންނަ ސަނަދެއް ހާސިލުކޮށްފައިވާނަމައެވެ.
ވީމާ، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު
2. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު
3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރެކޯޑުތަކަށްވުން)
4. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް އެނގޭނެ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.