ދިވެހިރާއްޖެ
ޖަރުމަނު ވިލާތުގެ ވެރިރަށް، ބަރލިންގައި މި އަހަރުގެ ނޮވެމްބަރު މަހުގެ 24 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އޭޝިއާ ބަރލިން ސަމިޓު" ގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަން، ބަރލިން ގައި ހުންނަ ދިވެހިރާއްޖޭގެ މިޝަން މެދުވެރިކޮށް ޖަރުމަނު ވިލާތުގެ ސަރުކާރުން މި މިނިސްޓްރީ އަށް އަންގަވާފައިވެއެވެ.
"ކަނެކްޓިންގ ސްޓާޓްއަޕް އީކޯސިސްޓަމްސް ފޮރ ޑައިވާސިޓީ އެންޑް އިނޮވޭޝަން" މި ޝިއާރުގެ ދަށުން ބޭއްވޭ މި ސަމިޓަކީ ބައިނަލްއަޤްވާމީ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންވެސްޓަރުން ބައިވެރިވާ މުހިންމު ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި ފަސް ދާއިރާއަކަށް އަލިއަޅުވާލެވޭނެއެވެ. އެއީ ސިއްޙީ ދާއިރާ،ޓެކް، ފިން-ޓެކް، ގްރީން-ޓެކް، މޮބިލިޓީ، އަދި ކްރިއޭޓިވް އިކޮނޮމީއެވެ.
އޭޝިއާ-ބަރލިން ސަމިޓަކީ، ރާއްޖޭގެ ވިޔަފާރިތަކުގެ އިނޮވޭޝަން ލޭންޑްސްކޭޕް އަދި ސްޓާޓްއަޕް އިކޯސިސްޓަމް ދައްކާލުމަށް އަގުހުރި ޕްލެޓްފޯމެއްކަމަށް ދެކެމެވެ. އެކި ގައުމު ތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި އެކި ހަރަކާރްތައް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެކްސްކްލޫސިވް ރައުންޑް ޓޭބަލްތަކުގައި ބައިވެރިވެ، ކޯ ހޯސްޓް ސެޝަންތަކުގައި ނުވަތަ ސަގާފީ ޝޯކޭސްތަކުގައި ބައިވެރިވުމާއި، އިވެންޓުތަކުގައި ސަގާފީ ކާނާ ސްޕޮންސަރކޮށްގެން އެފަރާތެއްގެ ގައުމީ ތަރިކަ ދައްކުވައި ދިނުމަށްވެސް މި ސަމިޓު ގައި ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މި ސަމިޓާ ގުޅިގެން ކުރައްވާ ދަތުރުފުޅުގެ އެންމެހައި ޚަރަދުތައް އަމިއްލަފުޅަށް ހަމަޖެއްސެވުމަކީ ކޮންމެ ބައިވެރިއެއްގެވެސް ޒިންމާއެއްކަމުގައި ދަންނަވަމެވެ. އަދި ބައިވެރިންނަށް އެހެނިހެން އެހީތެރިކަން، ބަރލިން މިޝަން އިން ފޯރުކޮށްދޭނެ ކަމުގައި ދެންނެވީމެވެ. މި ސަމިޓާ ގުޅޭ މައުލޫމާތު މި ސަމިޓްގެ ވެބްސައިޓް https://abs2025.asia.berlin މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި މި ސަމިޓްގައި ބައިވެރިވުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން އެދޭނަމަ [email protected] އަށް އީމެއިލްކުރެއްވުން އެދި ދަންނަވަމެވެ.