ދިވެހިރާއްޖެ
ތަޢާރަފް
މިއީ ރަތްމަންދޫ ވޮލީ ކޯޓު ބޭނުންކުރާ ފަރާތްތައް ވޮލީ ކޯޓު ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭގޮތުގެ އުސޫލެވެ.
ޢާއްމު މާއްދާތައް
- 1. ވޮލީ ކޯޓު ހުޅުވާފައި ހުންނަ ވަގުތުތައް
1.1 ވޮލީ ކޯޓު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 06:00 އިން 09:00 އަށް އަދި ހަވީރު 16:00 އިން ރޭގަނޑު 00:00 އަށެވެ. ރޭގަނޑު އެންމެ ފަހުން ކުޅޭ ފަރާތުން ކުޅެ ނިމުމުން ވޮލީ ކޯޓުގެ ލައިޓްތައް ނިއްވައިލާން ވާނެއެވެ.
1.2 މި ގަޑިތައް ނޫން އެހެން ގަޑިތަކުގައި އެއްވެސް ހަރަކާތަކަށް ކޯޓު ބޭނުންވާނަމަ، ކައުންސިލް އިދާރާގެ ހުއްދަ ހޯދުމުން ވޮލީ ކޯޓު ބޭނުންކުރެވޭނެ އިންތިޒާމް ހަމަ ޖައްސައިދެވޭނެއެވެ.
- 2. ތަކެއްޗަށް ރައްކާތެރިވުން
2.1 ވޮލީ ކޯޓު ބޭނުން ކުރުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ވޮލީ ކޯޓުގައި ބެހެއްޓިފައިވާ ތަކެއްޗަށާއި ޕިޗަށް ގެއްލުން ނުވާނޭ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ސަމާލުކަންދޭންވާނެއެވެ.
- 3. ވޮލީ ކޯޓު ބޭނުންކުރުމުގައި އުފެދޭ ކުނި ނެގުން
3.1 ވޮލީ ކޯޓު ބޭނުންކޮށް ނިމުމުން، އެހަރަކާތަކާއި ގުޅިގެން އުފެދިފައިވާ ކުނި ނަގައި، ކުނި އަޅަން ވޮލީ ކޯޓުގައި ބަހައްޓާފައިވާ ޑަސްބިނަށް އަޅަންވާނެއެވެ.
3.2 ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް ޑަސްބިނަށް އަޅައިގެން ނުވާނެއެވެ.
3.3 އިވެންޓްތަކާއި ގުޅިގެން ވޮލީ ކޯޓުތެރޭގައި އުފެދޭ ކުންޏާއި ޑަސްބިނަށް ނޭޅޭ ޒާތުގެ ކުނި، ރަށުގައި ކުނި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނަށް ގެންދިއުމަކީ އިވެންޓް އިންތިޒާމްކުރާ ފަރާތުގެ ޒިންމާއެކެވެ.
- 4. ހެދުންއެޅުން
4.1 ވޮލީ ކޯޓުގައި ކުޅޭ ހުރިހައި ކުޅުންތެރިންވެސް ކުޅެންވާނީ އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ. ހުސްފައިގައި އަދި ހުސް އިސްޓާކީނުގައި ވޮލީ ކޯޓުގައި ކުޅުމަކީ މަނާ ކަމެކެވެ.
4.2 ވޮލީ ކޯޓުގައި ކުޅޭ ބޫޓަށް އަރަންވާނީ، ވޮލީ ކޯޓަށް ވަނުމަށްފަހުގައެވެ.
4.3 ވޮލީ ކޯޓުގައި ޓީޝާޓް ނުލައި ނުވަތަ ހުސްގަޔާ ކުޅުމަކީ މަނާ ކަމެކެވެ.
- 5. ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން
5.1 ވޮލީ ކޯޓުތެރޭގައި އެއްވެސް ބާވަތެއްގެ ދުންފަތުގެ އިސްތިޢުމާލެއް ކުރުމަކީ މަނާ ކަމެކެވެ.
- 6. ފީނެގުން
6.1 ފަރިތަކުރުންތަކަށް ވޮލީ ކޯޓު ބޭނުންކުރާ، ރަށަށް ނިސްބަތްވާ އެއްވެސް ފަރާތެއްގެ އަތުން އެއްވެސް ފީއެއް ނުނެގޭނެއެވެ.
6.2 ރަށުން ބޭރުން އެއްވެސް ޓީމެއް ވޮލީ ކޯޓު ބޭނުންކުރާ ނަމަ، ވޮލީ ކޯޓު ހޯދުމަށް އެދޭ ފަރާތުގެ އަތުން ގަޑިއިރަކަށް -/50 ( ފަންސާސް ރުފިޔާގެ ) މަގުން ފީއެއް ނެގޭނެއެވެ.
6.3 އަދި ރަށު ޓީމަކާއި ރަށުންބޭރު ޓީމެއް ކުޅޭ މެޗެއްނަމަވެސް މަތީގައިބަޔާން ކުރެވިފައިވާގޮތަށް ފީނެގޭނެއެވެ. ފުރިހަމަ ގަޑިއިރަކަށްވުރެ އިތުރަށް ހިނގާވަގުތަށް އިތުރު ގަޑިއެއްގެ އިރު ފުރިހަމަ ނުވިނަމަވެސް އެވަގުތަށް 1 ގަޑިއިރަށް ކަނޑައެޅިފައިވާ ރޭޓުން ފީނެގޭނެއެވެ.
6.4 6.3 ގައިބުނެފައިވާ ގޮތަށް 1 މެޗުކުޅުމަށް އެންމެ ގިނަވެގެން ނެގޭނީ -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ފީއެކެވެ.
6.5 އަމިއްލަ ފަރާތަކުން ނުވަތަ ކްލަބް ޖަމްއިއްޔާއަކުން ވޮލީ ކޯޓުގައި މުބާރާތެއް ނުވަތަ އިވެންޓެއް ބާއްވާނަމަ، ދުވާލަކަށް -/250 ( ދުއިސައްތަ ފަންސާސް ރުފިޔާ ) ގެ ފީ އެއް ނަގާގޮތަށް ވޮލީ ކޯޓު ދޫކުރެވޭނެއެވެ.
6.6 ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާއަކުން ވޮލީ ކޯޓުގައި ހަރަކާތެއް ބާއްވާނަމަ ނުވަތަ މެޗެއް ކުޅޭނަމަ އެ ހަރަކާތަކަށް ނުވަތަ އެ މެޗަކަށް ފީއެއްނުނެގޭނެއެވެ.
7. ވޮލީ ކޯޓުބޭނުންކުރުމުގައި ހުއްދަ ހޯދުން
7.1 ވޮލީކޯޓުގައި ޢާއްމު އުޞޫލުން ކުޅުން ފިޔަވައި އެހެން އެއްވެސް އިވެންޓެއް ކުރިއަށް ގެންދަންވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.