ދިވެހިރާއްޖެ
ތަޢާރަފާއި ނަން |
1 |
(ހ) |
މިއީ ޤާނޫން ނަންބަރު 2010/7 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލްގަވާރމެންޓް އޮތޯރިޓީގެ މަޝްވަރާޔާއި އެކު އެ މާއްދާގެ (ށ) ގެ ދަށުން ، ގއ.ކޮލަމާފުށީގެ ކުނިއުކާލުމުގެ ޚިދުމަތާއި ގުޅިގެން އެކުލަވާލެވުނު ނަންބަރ (PP)406-esms-a/406/2023/2 އުޞޫލު ޤަވާޢިދަށް ބަދަލުކޮށް، އޭގެ 10 ވަނަ މާއްދާގެ 9 ވަނަ ނަންބަރު އިޞްލާޙުކޮށް، 10 ވަނަ މާއްދާގެ ތިރިއަށް 10، 11، އަދި 12 ވަނަ ނަންބަރުތައް އިތުރުކުރުމަށް ގެނެވުނު އިޞްލާޙުތަކާއެކު ނެރެފައިވާ ޤަވާޢިދެވެ.
|
|
(ށ) |
މި ޤަވާއިދަށްކިޔާނީ "ގއ ކޮލަމާފުށީގެ ކުނިއުކާލުމުގެ ޚިދުމަތާއިގުޅޭ ޤަވާއިދު" އެވެ. |
|
އަމަލުކުރަން ފަށާ ތާރީޙް |
2 |
(ހ) |
މި ޤަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ޤަވާއިދު ޝާއިރު ކުރާ ދުވަހުން ފެށިގެންނެވެ. |
ކުނި މެނޭޖް ކުރާނެ ތަނެއް ކަނޑައެޅުން
|
3 |
(ހ)
(ށ)
|
މި ޤަވާއިދަށް ޢަމަލު ކުރަން ފެށުމާއި އެކު މި ޤަވާއިދުގެ ބޭނުމަށްޓަކައި ރަށުގެ ލޭންޑްޔޫޒް ޕްލޭނާއި، ޤަވާއިދު ނަންބަރު 2013/R-58 ( ކުނި މެނޭޖް ކުރުމާއި ބެހޭ ޤަވާއިދު) އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރާނެ ތަނެއް ކަނޑައެޅުމަށްފަހު (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށާއި ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގައި ބުނާ ތަންފީޒްކުރާ އިދާރާއަށް ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ.
ރަށުގެ ވަކި ތަނެއް އެއީ ކުނި މެނޭޖު ކުރާތަން ކަމުގައި ކަނޑަ އެޅުމުގައި ކައުންސިލުން އަންނަނިވިލަންކަމަށް ރިޢާޔަތް ކުރަން ވާނެއެވެ.
|
ޢަމަލުކުރަންފަށާ ތާރީޚް |
4 |
(ހ) |
މި ޤަވާއިދަށް ޢަމަލުކުރަންފަށާނީ ، މި ޤަވާއިދު ދިވެހި ދައުލަތުގެ ގެޒެޓްގައި ޝާޢިޢުކުރާ ދުވަހުން ފެށިގެންނެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން |
5 |
(ހ) |
މިޤަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މިޤަވާއިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާއިދަށް ޢަމަލުކުރަން ފެށުމަށްފަހު މިޤަވާއިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، މިޤަވާއިދުގެ ދަށުން ހިނގާނެއެވެ. |
ކުނިނެގުން |
6 |
(ހ) |
ހަފްތާގެ ހުކުރުދުވަސް ފިޔަވައި، އެހެން ހުރިހާ (ހޮނިހިރު، އާދީއްތަ، ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި) ދުވަހަކު ކައުންސިލްގެ ފާރާތުން ދުވާލަކު އެއްފަހަރު މީހުން ދިރިއުޅޭ ގެތަކާއި، ފިހާރަތަކާއި، ސައިހޮޓާތަކާއި، ވަޑާންގެތަކަށް ޒިޔާރަތްކޮށް ޖަމާކުރެވިފައިވާ ކުނިނަގައިގެން ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދެވޭނެއެވެ.
|
ކުނީގެ ބައިތައް ވަކިކުރުން
|
7 |
(
(ހ)
(ށ)
(ނ)
(ރ)
(ބ)
|
ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ނައްތާލުމަށްޓަކާ ގެންދެވޭ ކުނި ހުންނަންވާނީ ތިރީގައިމިވާ ބައިތައް ވަކިކުރެވިފައެވެ. 1- ބަދިގެބާކީ: ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ބާކީވާ ކުނިވާ ޒާތުގެ އެންމެހާ ތަކެތި 2- ފަތްކުނި: ކުނިކަހާ ސާފުކުރާއިރު ނަގާ ފަތް 3- މައުދަން: ދަގަނޑު، އެލްމިނިޔަމް، ކޮޕަރ، ތިމަރަފަދަ އެންމެހާ ތަކެތި 4- ޕްލާސްޓިކް: ޕްލާސްޓިކް ފުޅި، ކޮތަޅު، ހަން ފަދަ އެންމެހާ ތަކެތި 5- ބިއްލޫރި: ފުޅި، ބޮކި،ހޮޅިބުރިފަދަ އެންމެހާ ތަކެތި 6- ނެޕީ: ބޮޑެތި މީހުންނާއި ކުޑަކުދިންޖަހާ ނެޕީ އަދި ޕެޑްފަދަތަކެތި 7- ފޮތި: އެކިބާވަތުގެ ފޮތި 8- އުނބު: ބޮނބި،ކުރުނބާ މަށާފައިބާކީ 9- ކީސްކުނޑި: މެޝިނަރީސް ބޭނުންކޮށްގެން ކީހުމާއި މެށުމުގެ ސަބަބުން އުފެދޭ އެންމެހާ ކުނޑި 10- ނުރައްކާތެރިކުނި: އެސިޑް، ބެޓަރި، ކައްކާ ތެޔޮފިޔަވައި އެހެނިހެން ތެޔޮ، ގަސްކާނާގެ ގޮތުގައި ބޭނުން ކެމިކަލްއާއި ޑަކްޓަރީބޭސް ފަދަ ކެމިކަލް، ދޮވުމަށް ބޭނުންކުރާ ކެމިކަލް،ސިއްޙީ މަރުކަޒުން އުފެދޭ ކެމިކަލް އަދި ބަލިމިހުންނަށް ފަރުވާދީފައި ބާކީވާ އެންމެހާ ނުރައްކާތެރި ތަކެތި 11- ގާކުނޑި: އިމާރާތް ތަޅާލުމުގެ ސަބަބުން އުފެދޭ އެންމެހާ ގާކުނި 12- އެހެނިހެން: ތަށިމުށި،ފާޚާނާ ތަށި،ޖިޕްސަން ބޯޑްފަދަ އެންމެހާ ތަކެތި
ކުނީގެ ބައިތައް ވަކިކޮށް ފަސޭހައިން ނަގައިގެން ގެންދެވޭނެގޮތަކަށް ވަކިތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަކީ ކަސްޓަމަރުންގެ ޒިންމާއެކެވެ. މިގޮތަށް އުކާލުމަށްޓަކައި ޖަމާކުރެވޭ ކުނިހުންނަންވާނީ ގޯނި، ޓައްޕުފަދަ ތަކެއްޗަށްއަޅާ ބަންދުކުރެވިފައެވެ. 2 މީހުންނަށް ނުއުފުލޭވަރުގެ ބޮޑެތި ޖަންބޯ ބޭގަށް ކުނިއަޅާފައި ބެހެއްޓުމަކީ މަނާކަމެކެވެ.
ކަސްޓަމަރުން ނެރޭ ކުނީގެ ބާވަތްތައް ނެރެ މަގުމަތީގައި ބެހެއްޓުމަކީ ކުނިމެނޭޖްކުރުމުގެ މަޤުޞަދާއި ޚިލާފު ޢަމަލަކަށްވާތީ، އަމިއްލަ ފަރާތްތަކުން ދާއިމީގޮތެއްގައި، މަގުމަތީގައި ޓައްޕު،ޑަސްބިން، ފީފާ އަދި ކުނިއަޅަން ޚާއްސަކުރެވޭ އެއްވެސް ބާވަތެއްގެ އެއްޗިއްސަށް ކުނި އަޅާފައި ބެހެއްޓުމާއި، ގޯތިތެރެއިން ބޭރަށްވާގޮތަށް މަގުމަތީގައި ވަކިންކުނި ބެހެއްޓުމަކީ މަނާކަމެކެވެ.
ގޯތި ތެރޭގައި މަގުން ފައްސޭހައިން ވަދެވޭގޮތަށް ވަކިންތަނެއް ޚާއްސަކޮށް އެކަން ކުނިއުކާ ފަރާތަށް އަންގަންވާނެއެވެ.
|
ޚާއްސަ ޙާލަތުގައި ނަގަންޖެހޭ ކުނި
|
8 |
(ހ)
(ށ)
|
މި ޤަވާއިދުގެ ދަށުން މުވައްސަސާތަކުން ޢާއްމުގޮތެއްގައި އުފެދޭ ކުނިފިޔަވައި އުފެދޭ ނުވަތަ އުފައްދާ އާދަޔާ ޚިލާފް ގިނަ ކުނި، އެމުވައްސަސާތަކުން އެދިއްޖެޙާލަތެއްގައި، ޚާއްސަ ޙާލަތުގެ ދަށުން ކައުންސިލް މެދުވެރިކޮށް އުކާލެވޭނެއެވެ. އަދި ކުނިއުކަން ހަމަޖެހިފައިވާ ދުވަސްތަކުގެ އިތުރުން، މުވައްސަސާތަކުން ހިންގާ ތަފާތު ޙަރަކާތްތަކާއި ގުޅިގެން އުފެދޭ ކުނި، މުވައްސަސާތަކުން އެދިއްޖެ ޙާލަތެއްގައި އުކާލުމުގެ އިންތިޒާމު ވެސް ހަމަޖައްސައި ދެވޭނެއެވެ.
މިޤަވާއިދުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭ ކުނިއުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ވެފައިނުވާ ގޭބިސީތަކުގައި ކަރަންޓީންވާ ފަރާތްތައް، ޖަމާކޮށްފައި ހުންނަ ކުނި ޚާއްސަ ޙާލަތުގެ ދަށުން ކައުންސިލުން އުކާލުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.
|
ގޭބިސީތަކުން ޢާއްމުގޮތެއްގައި އުފެދޭ ކުނިފިޔަވައި، އުފެދޭ ނުވަތަ އުފައްދާ އާދަޔާ ޚިލާފް ގިނަ ކުނިއުކާނެ ގޮތް
|
9 |
(ހ)
(ށ)
(ނ)
(ރ)
(ބ)
(ޅ) |
ޢާއްމުގޮތެއްގައި އުފެދޭ ކުނިފިޔަވައި އުފެދޭ ނުވަތަ އުފައްދާ އާދަޔާ ޚިލާފް ގިނަ ކުންޏަކީ ރުއްގަސް ކޮށުމާއި ކެނޑުމުގެ ސަބަބުން އުފެދޭ ކުންޏާއި ގާކުނޑިއެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކުނިތައް އުކާލާނީ މިކަމަށް ކައުންސިލްގައި އެދުމުން ކޮންމެ ކުނި ދަތުރަކަށް 75 (ހަތްދިހަފަސް ރުފިޔާ ) ގެ ރޭޓުން ފީ ކައުންސިލަށް ދެއްކުމުންނެވެ. މިފަދަ ދަތުރުތަކާއި ގުޅިގެން ކުނި އުކާލުމަށް ކައުންސިލުން ފޯރުކޮށްދޭނީ ހަމައެކަނި ކައުންސިލްގެ ޕިކަޕު ދުއްވާނެ ޑްރައިވަރު އަދި ޕިކަޕެވެ. ޕިކަޕަށް ކުނި އަރުވައި ބޭލުމަށް މީހުން ހަމަޖައްސުމަކީ ގޭގެ ވެރިފަރާތުގެ ނުވަތަ ކުނި އުކާލުމަށް އެދުނު ފަރާތުގެ ޒިންމާއެކެވެ. އަދި މިފަދަ ކުނި އުކާލެވޭނީ ޚިދުމަތައް އެދޭ ތަރުތީބުންނެވެ.
ގޯތިތެރޭގައި އިންތިޒާމް ނުކުރެވޭވަރަށް އުފެދޭ އަދި އުފައްދާ ގާކުނޑިޔާއި ، އެއްފަހަރާ ކަނޑާ ގިނައަދަދެއްގެ ރުއްގަސްފަދަ ތަކެތި މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެކެވެ.
ގާކުނޑި ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް ގެންގޮސް ނައްތާލުމަށް ހަމަޖެހިފައެއް ނުވެއެވެ. ގާކުނޑި އަޅަންވާނީ ކައުންސިލުން އެކަމަށްޓަކައި ކަނޑައަޅާ ޚާއްސަތަނަކަށެވެ. ގާކުނޑި އުކާލުމުގެ ކުރިން ކޮންމެފަހަރަކުވެސް ކައުންސިލުން ހުއްދަ ނަގަންވާނެއެވެ. މިފަދަ ތަކެތި ގޯތިތެރޭގައި ނުބަހައްޓާ ވީއެންމެއަވަހަކަށް ނައްތާލަންވާނެއެވެ.
ފެންހިންދާ ވަޅުތަކާއި ސެޕްޓިކް ޓޭންކްތަކުން އުފެދޭ ތަކެތި ނައްތާލަންވާނީ އަތިރިމަތީގައި ވަޅުގަނަޑެއް ކޮނުމަށްފަހު އެވަޅުގަނޑަށް އެފަދަ ތަކެތި އަޅައިގެންނެވެ. އަދި ސެޕްޓިކް ޓެންކުން އުފެދޭ ތަކެތި ވަޅުލަންވާނީ ކައުންސިލަށް އެންގުމަށްފަހު ކައުންސިލްގެ ލަފަޔާއި އެއްގޮތްވާގޮތުގެމަތިންނެވެ. މިއާޚިލާފަށް ސެޕްޓިކް ޓޭންކްބާކީ މުދަށާއި ރަށުތެރެއަށް އަޅާ ފަރާތްތަކާއިމެދު މިޤަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެއެވެ.
ގިނަ ޢަދަދަކަށް މަސްކަނޑާފައި ބާކީވާ ތަކެތިވެސް ނައްތާލަންވާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ. ނަރުދަމާ މެދުވެރިކޮށް ލޭފެން ރައްކާތެރިކަމާއެކު ނައްތާލެވެންނެތް ކަމުގައިވަނީނަމަ، އެކަންކުރަންވާނީ ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިންނެވެ. ޢިޖުތިމާޢީ ސަރަހައްދުތަކުގައި މަސްކެނޑުމަށްފަހު، ބަނދަރުތެރެއަށާއި ފަޅުތެރެއަށް ކަރުގޮހޮރުފަދަ މަސްކަނޑައި ބާކީވާ ތަކެތި އެޅުމަކީ މަނާކަމެކެވެ.
|
ކުނީގެ ޚިދުމަތަށް ފީނެގުން
|
10 |
(ހ)
(ށ)
(ނ) |
ކޮންމެ މީލާދީމަހެއްވެސް ފެށުމުން އެމަހުގެ 10 ވަނަ ދުވަހުގެ ކުރިން ކުނި ނައްތާލުމުގެ ޚިދުމަތުގެ މަހުފީ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ.
1- ގޯތި ގެދޮރުން 150 ރ (ސަތޭކަ ފަންސާސް ރުފިޔާ) 2- ލޯކަލް ވިޔަފާރިކުރާ ފިހާރަތަކުން 300ރ (ތިންސަތޭކަ ރުފިޔާ) 3- ސައި ހޮޓާ އަދި ރެސްޓޯރެންޓްތަކުން 300ރ (ތިންސަތޭކަ ރުފިޔާ) 4- ދައުލަތުގެ އިދާރާތާކުން 600ރ (ހަސަތޭކަ ރުފިޔާ) 5- ކާރޕެންޓްރީ އަދި ވޯރކް ޝޮޕްފަދަ ތަންތަނުން 300ރ (ތިންސަތޭކަ ރުފިޔާ) 6- ކްލަބް ޖަމްޢިއްޔާތަކުން 100ރ (ސަތޭކަ ރުފިޔާ) 7- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިޖުތިމާޢީ ސަރަޙައްދުތައް500 (ފައްސަތޭކަ ރުފިޔާ) 8- އަމިއްލަ ސްކޫލް އަދި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން300 (ތިންސަތޭކަ ރުފިޔާ) 9- ކުނި އުކާލުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން މަހަކު 350/- (ތިން ސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ނަމަވެސް، ވީލްބަރޯ ނުވަތަ ޓައްޕުން ކުނި ގެންނަ ފަރާތްތަކަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 15:00 އިން 16:00 އަށް ފީއެއް އަދި ހުއްދައަކާ ނުލައި ކުނި އުކާލެވޭނެއެވެ. 10- މި ޤަވާޢިދުގެ 10 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ދައްކަންވާނީ ކައުންސިލްގެ އިދާރާއަށެވެ. ފައިސާ ދެއްކުމުން، އެކަން އަންގައިދޭ ޙުއްދައިގެ ލިޔުމެއް ދޫކުރެވޭނެއެވެ. 11- ކުނި އުކާލުމަށް ކުނިކޮށްޓަށް ވަންނަ ވެހިކަލުގައި، ޙުއްދަ ދޫކުރެވިފައިވާކަން އަންގައިދޭ ލިޔުން (ސްޓިކަރ) ފެންނަން ހުންނަންވާނެއެވެ. 12- މި ޤަވާޢިދުގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސްޓިކަރ ނެތި، އެއްވެސް ބާވަތެއްގެ ވެހިކަލަކަށް ކުނިކޮށްޓަށް ވަނުމުގެ ހުއްދައެއް ނުދެވޭނެއެވެ.
ދިރިއުޅޭ ގޭބިސީތަކާއިއެކު އެއްގޯޗެއްގައި ހިންގާ ވިޔަފާރިތަކުން އުފެދޭ ކުނި ނައްތާލުމަށް، ކައުންސިލުން ފޯރުކޮށްދޭ ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވާއިރު، ގޭބިސީއާއި ވިޔަފާރިއެއްކޮށް ހިމެނޭގޮތަށް ރަޖިސްޓްރީކުރަންވާނީ ވިޔަފާރި ކެޓެގަރީގައެވެ.
އެމަހެއްގެ ފީ އެމަހެއްގެ ނިޔަލަށް ނުދައްކައިފިނަމަ އެތަނަކަށް ކައުންސިލުންދޭ ކުނި އުފުލާ ނައްތާލުމުގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ. އަދި މިގޮތަށް ފިނުދައްކާތާ އެއްމަސްވުމަށްފަހު އަލުން ކުނީގެ ޚިދުމަތް ފަށާދެވޭނީ ކުރީމަހުގެ 150 ރުފިޔާ އާއި ހިނގަމުންދާމަހުގެ ކުނި ފީ ގެ 150 ރުފިޔާ އެޑްވާންސްކޮށް ދެއްކުމުންނެވެ.
|
ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވުމާއި ޚިދުމަތުން ވަކިވުން |
11 |
(ހ)
(ށ)
(ނ)
|
މި ޤަވާއިދުގެ ދަށުން ކައުންސިލުން ފޯރޮކޮށްދޭ ކުނިއުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން، ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅަންވާނެއެވެ.
ރަށުގައި ރަޖިސްޓްރީ ވެފައިވާ ގޯތި ތަކާއި، ބިންތަކާއި ގޯތިތައް ކުނި އުކާލާގޮތް ކައުންސިލަށް އަންގައި ކުނި އުކާލާ ގެ ކައުންސިލްގައި ރަޖިސްޓްރީ ކުރަން ވާނެއެވެ. އަދި ކުނި އުކާލުމުގައި ރަޖިސްޓްރީ ނުވާ ފަރާތްތައްވެސް ކުނި އުކާލަންވާނީ މި ޤަވާއިދާއި އެއްގޮތަށެވެ.
ކުނިނައްތާލުމުގެ ޚިދުމަތުން ވަކިވެވޭނީ ކުނިނައްތާލުމުގެ ޚިދުމަތުން ވަކިކޮށްދިނުމަށް އެދި ކައުންސިލް އިދާރާއަށް ސިޓީ ހުށަހެޅުމަށްފަހު ކުނީގެ ޚިދުމަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްއޮތްނަމަ އެފަރާތަކުން އެފައިސާއެއް ދެއްކުމަށްފަހުއެވެ.
|
ރަށުން ބޭރުން ގެނެވޭ ކުނި ނައްތާލުން
|
12 |
(ހ)
(ށ)
(ނ)
(ރ)
(ބ) |
ސަފާރީ އުޅަނދު ފަހަރާއި އަދި އެހެނިހެން އުޅަނދުފަހަރުން ރަށުން ބޭރުން ، ރަށަށް ގެންނަ ކުނިނައްތާލުމަށް ކުނި ރަށުޕިކަޕަކަށް ކުލީގެ ގޮތުގައި ނަގާނީ 500 (ފައްސަތޭކަ ރުފިޔާ) ރޭޓުންނެވެ. އަދި ބޮޑު 1.5 ގެ ޕިކަޕަކަށް 1000 (އެންހާސް ރުފިޔާ ) ގެ ރޭޓުންނެވެ.
ރިސޯޓްތަކުން އަދި ރިސޯޓްހެދުމުގެ މަސައްކަތްކުރާ ރަށްތަކުން އުޅަނދުފަހަރު މެދުވެރިކޮށް ފޮނުވާ ކުނިނައްތާލުމަށް ކުނި ގެންނަ ފަރާތާއި ކައުންސިލާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.
މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ އެއްބަސްވުމުގެ ދަށުން ކުނި ނައްތާލުމުގެ ޚިދުމަތްދޭނެ އަގު އެފަދަ ތަންތަނުން ގެންނަ ކުނީގެ އަދަދަށް ބަލައި ކަނޑައަޅާނީ ކޮލަމާފުށީ ކައުންސިލްގެ އިދާރާއިންނެވެ.
މިމާއްދާގެ (ނ) ގައި އެކުލަވާލެވޭ އެއްބަސްވުމުގެ ދަށުން ގެންނަ ކުނި ރަށަށް ބޭލުމަށްފަހު ޖަމާކޮށްފައި ބަހައްޓަންވާނީ ކޮލަމާފުށި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ސަރަހައްދަކަށެވެ.
މި މާއްދާގެ (ރ) ގެ ދަށުން މިރަށަށް ޖަމާކުރެވޭ އެންމެހާ ކުންޏަކީ ކޮލަމާފުށީ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ބެލުމުގެ ދަށުގައި ހުންނަ ތަކެއްޗެވެ.
|
ކުނިއުކާލުމުގެ ޚިދުމަތަށް މުވައްޒަފުން ނެގުން
|
13 |
(ހ)
(ށ)
(ނ)
(ރ)
(ބ) |
މިޤަވާއިދުގެ ދަށުން ރަށުގެ ކުނިއުކާލުމުގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މުވައްޒަފުން ނެގުމުގައި އަންނަނިވި ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ. މިލާދީ ކޮންމެ އަހަރަކު ކައުންސިލްގެ ބަޖެޓަށް ރިޢާޔަތްކޮށް ކުނީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުންގެ ޢަދަދާއި، ދޭންޖެހޭ މުސާރައާއި އިނާޔަތް ކަނޑައަޅަންވާނީ ކައުންސިލްގެ ބައްދަލުވުމުންނެވެ. އަދި މުވައްޒަފުންގެ ނިސްބަތަށް ބެލުމަށްފަހު މުސާރަ އާއި ޢިނާޔަތަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާނެއެވެ.
ކޮންޓްރެކްޓް އަދި ވޭޖުއުސޫލުން މުވައްޒަފުން ނެގުމުގެ އިޚްތިޔާރުކައުންސިލަށް ލިބިގެންވެއެވެ.
މުވައްޒަފުން ނެގުމުގައި ޢަމަލުކުރަންވާނީ ސިވިލް ސަރވިސް ޤަވާޢިދާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
މުވައްޒަފުން މަސައްކަތަށް ނެރެންވާނީ މަސައްކަތާއި ގުޅޭ އެންމެހާ މަސްޢޫލިއްޔަތު ރަނގަޅަށް ކިޔައިދިނުމަށްފަހު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރުވުމަށްފަހުގައެވެ.
ކޮންމެ މުވައްޒަފެއްގެ އަތުން ހަމަޖެހިފައިވާ އުސޫލުން ޕެންޝަން ފައިސާގެ ގޮތުގައި އަސާސީ މުސާރައިން 7 ޕަސެންޓް ކެނޑޭނެއެވެ.
|
މުވައްޒަފަށް ދެވޭ ޗުއްޓީ |
14 |
(ހ)
(ށ) |
ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކޮންމެ މުވައްޒަފަކަށް ޙައްޤުވާ ޗުއްޓީ ލިބޭނެއެވެ.
އެކެއް ނުވަތަ އެއް އަހަރަށްވުރެ ކުރު މުއްދަތުގެ ވަޒީފާއެއްނަމަ އަހަރީ ޗުއްޓީ ހަމަޖައްސައިނުދެވޭނެއެވެ. ނަމަވެސް އާއިލީ ޒިންމާއާއި ސަލާމްގެ ޗުއްޓީ، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
ކުނިކޮށި ބެލެހެއްޓުން |
15 |
(ހ) |
މިރަށުގެ ކޮލާ ސަރަޙައްދުގައި ޤާއިމްކުރެވިފައިވާ ކުނިކޮށި ބޭނުންކުރަން ފެށުމާއެކު، ކުނިކޮށި ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަންވާނީ ކައުންސިލުންނެވެ. އެގޮތުން މުވައްޒަފުން ހަމަޖައްސައި، ކުނިކޮށި ޤާއިމްކުރެވިފައިވާ، ސަރަޙައްދު ހުޅުވައި ލެއްފުމަށް ޚާއްސަ ގަޑިތައް ކަނޑައަޅައި މޮނިޓަރކުރާނީ ކައުންސިލުންނެވެ.
|
ކުނިއުކާލުމުގެ ޚިދުމަތް އެހެންފަރާތަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން |
16 |
(ހ) |
ކައުންސިލުން ބޭނުންވެއްޖެ ޙާލަތެއްގައި، ކުނިއުކާލުމުގެ ޚިދުމަތް އެހެންފަރާތަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް އެހެންފަރާތަކާއި ޙަވާލުކުރެވުނުކަމުގައިވީ ނަމަވެސް، ޚދުމަތުގެ މަސްއޫލުވެރިފަރާތަކަށްވާނީ ކައުންސިލެވެ. |
ޖޫރިމަނާ
|
17 |
(ހ)
(ށ)
(ނ)
|
މި ޤަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާއި ޚިލާފުވާ ފަރާތްތަކާއި، މި ޤަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު ތިރީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.
މި ޤަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަންކަމުގައި ފިޔަވަޅުއެޅޭނީ، އެ ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައިވާ ގޮތުގެ މަތީންނެވެ. އަދި އެނޫން ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 500/- (ފައްސަތޭކަ) ރުފިޔާއާއި 1000/- (އެންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ1000/- (އެންހާސް) ރުފިޔާއާއި 3000/- (ތިންހާސް) ރުފިޔާއާއި 5000/- (ފަސްހާސް) ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުވާ ކޮންމެ ފަހަރަކު 5000/- (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.
މި ޤަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައަކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.
|
ކައުންސިލުން ކުރަންޖެހުނު ހަރަދު ހޯދުން |
18
|
(ހ)
|
އެއްވެސް ފަރާތަކުން، މި ޤަވާއިދާ ޚިލާފަށް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކައުންސިލުން އެ ކަމެއް ރަނގަޅު ކުރަން ޖެހިއްޖެނަމަ، އެކަމަށް ދިޔަ ޚަރަދު، އެކަންކުރި ފަރާތަކަށް ލިބިގެންވެއެވެ.
|
ކުނީގެ ބޭނުން ހެޔޮގޮތުގައި ހިފުން |
19
|
(ހ)
|
ކުނި ގޮނޑަށް އުކާލާ ތަކެތީގެ ތެރެއިން ކައުންސިލުގެ ނަޒަރުގައި ބޭނުން ހިފޭނެ ތަކެތި ނަގައިގެން އެތަކެތި ވިއްކައި ނުވަތަ ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެއެވެ.
|
ކައުންސިލްގެ 164/2025 ވަނަ ޢާއްމު ބައްދަލުވުމުން ގއ ކޮލަމާފުށީގެ ކުނި އުކާލުމުގެ ޙިދުމަތާއި ގުޅޭ ޤަވާއިދު އިސްލާޙް ކުރުމަށް ފާސްކޮށްފައިވާތީ، އިދާރީ ގޮތުން މިޤަވާއިދު ގެޒެޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުން އެންމެ ރަނަގަޅުކަމުގައި ދަންނަވަމެވެ.
# |
ފުރިހަމަ ނަން |
މަޤާމް |
ސޮއި |
ތާރީޚް |
01 |
އިބްރާހިމް ވަޙީދު |
ކައުންސިލްގެ ރައީސް |
|
18.06.2025 |
02 |
ޝަހާމަތު ޙަނީފް |
ކައުންސިލް މެންބަރ |
|
18.06.2025 |
03 |
ރިޔާޒު ޙުސައިން |
ކައުންސިލް މެންބަރ |
|
18.06.2025 |
04 |
ޝާމާ ތައްޚާން |
ކައުންސިލް މެންބަރ |
|
18.06.2025 |
05 |
އާމިނަތު ޢަބްދުﷲ |
ކައުންސިލް މެންބަރ |
ޗުއްޓީގައި |
ޗުއްޓީގައި |
ނޯޓް: މި ޤަވާއިދަށް ޢަމަލު ކުރުމަށް ފަށާނީ 07 ޖުލައި 2025 އިން ފެށިގެންނެވެ.